ދިވެހި ޤައުމުދެކެ ލޯބިވާ މީހަކު، ރާއްޖޭގައި ފިތުނަފަސާދަ ނުއުފައްދާނެ ކަމަށާއި، ތަންތާނގައި ހުޅުޖަހައި، ޤައުމު ސުންނާފަތި ނުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ސަރުކާރާ އިއްތިހާދު ވެފައިވާ ސިޔާސީ ޕާޓީތަކާއި ސަރުކާރަށް ތާއީދުކުރާ އެކި ޖަމާޢަތްތައް ގުޅިގެން އާޓިފިޝަލް ބީޗުގައި މިއަދު ހަވީރު 4.30 ން ފެށިގެން ބާއްވަމުން ގެންދާ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން މިއަދުގެ މި މަހާސިންތާއަށް ބޭފުޅުން ވަޑައިގަތީ، ޤައުމުދެކެ ލޯބިވާތީއާއި، ރާއްޖޭގައި އިސްލާމްދީން ދެމެހެއްޓެވުމަށާއި، ރާއްޖޭގެ އާދަކާދައާއި ޤައުމިއްޔަތު ދެމެހެއްޓެވުމަށާއި އަދި ޤައުމުގައި ފިތުނަފަސާދަ ނައްތާލެއްވުމަށްޓަކައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފިތުނަފަސާދަ އުފައްދާ މީހުންނަށް މި ޤައުމުގައި ޖާގަނެތް ކަމަށާއި، އަޅުގަނޑުމެން މިތިބީ އިސްލާމްދީނުގެ ހިމާޔަތުގައި، އަދި ދިވެހިޤައުމުގެ ހިމާޔަތުގައި، އެންމެފަހު ލޭތިއްކަށް ދާންދެން ޤައުމު ދިފާޢު ކުރުމުގައި ކަމަށް ވިދާޅުވިއެވެ.

މަހާސިންތާއަށް އެއްވެތިބި އެތައްހާސް ރައްޔިތުންނާ މުޚާޠަބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަރަށް ފޯރިއާއި ޖޯޝާއެކު ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ދުޝްމަނުންނާއި ޢުދުވާނުން ރާއްޖޭގެ ރީތިނަން ހަލާކުކޮށްލުމަށް، ދުނިޔޭގެ އެކި ތަންތާނގައި ރާއްޖެ ބަދުނާމު ކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ވަރަށް ބޮޑަށް ކުށްވެރި ކުރެއްވިއެވެ. އަދި ރާއްޖޭގެ ޙަޤީޤީ ބާޣީންނަކީ އެމީހުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދާއި ޞިނާޢަތު ފުނޑުފުނޑު ކޮށްލުމަށް މަސައްކަތްކުރަމުން ގެންދާ މީހުންނަކީ މި ޤައުމުގެ ދުޝްމަނުން ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ރާއްޖެއަށް އައިސްފައިވާ ބަދަލަކީ، މާތްﷲ މިންވަރުފުޅާއެކު އައި ބަދަލެއް ކަމަށާއި، މިއީ އެކަކު ދެމީހަކު މަގުމައްޗަށް ނުކުމެގެން ގެނައި ބަދަލެއް ނޫންކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއަދުގެ ސަރުކާރަކީ ރައްޔިތުންދެކެ ލޯބިވާ، ރައްޔިތުންނަށް ޢަދުލުއިންޞާފު ގެނެސްދޭނޭ ސަރުކާރެކެވެ. ޤާނޫނުއަސާސީގެ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދޭނޭ ސަރުކާރެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދުގެ މަހާސިންތާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި މިފަދަ ބޮޑު އެއްވުމެއް ރާއްވަވައި އިންތިޒާމް ކުރެއްވި ހުރިހާ ފަރާތްތަކަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.