بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދު ކުރަން. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ހިދާޔަތުގެ މަގު ދެއްކެވި ކައުއިތުރު ރަސޫލާއަށް. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އަހުލުބައިތުންނާއި ޞަޙާބީން ޝާމިލުކުރަން.

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަލިގަދަ ނޫރު ފާޅުވެގެންގޮސްފައިވާ ކަމަށް ތާރީޚުތަކުން ދައްކަނީ މީލާދީ ސަނަތުން 1153 ވަނަ އަހަރު. މި މުނާސަބަތުގައި، މިއުފާވެރި ދުވަހުގައި، ދިވެހި އެންމެހައި ރައްޔިތުންނަށް ސަރުކާރުގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރަން.

އިސްލާމްދީނުގެ އަލިކަން ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ލިބިގެން ދިޔަކަން އެއީ، މާތްﷲ ލެއްވި ވަރަށްބޮޑު ނިޢުމަތެއް. އަދި ވަރަށް ބޮޑު ރަޙުމަތެއްވެސްމެ. އެހެންކަމުން، މި ނިޢުމަތް އަޅުގަނޑުމެންގެ އަތުން ގެއްލިގެން ދިޔުމަށް އެދިއެދި ތިބި ބަޔަކު ތިބިކަން އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރަންވާނެ. ދިވެހިންނަކީ އިސްލާމްދީންދެކެ ލޯބިވާ ބަޔަކަށްވެގެން މެނުވީ، ޙަޤީޤަތުގައި އެންމެ ފުރިހަމައަށް މި ދީން ރައްކާތެރިނުކުރެވޭނެ.

އިސްލާމްދީނާމެދު ބައެއް ފަރާތްތަކުން ވަރަށް ބޮޑެތި ކުށްހީތައްކޮށް، ގިނަ ބަދުނާމުތަކެއް އަޅުވަމުންދާކަން ފާހަގަކުރެވޭ. އިސްލާމްދީނުގެ ޙަޤީޤަތާމެދު ފުންކޮށް ވިސްނާލުމުން، ކީރިތި ޤުރުއާނާއި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ސުންނަތުން އެނގި ކަށަވަރުވެގެންދަނީ، އިސްލާމްދީނަކީ ކޮންމެ ޒަމާނަކާއި ކޮންމެ ތަނަކަށް، ތަނަވަސް ވެގެންވާ ދީނެއްކަން. އިސްލާމްދީނަކީ ތަރައްޤީއަށް ހުރަސް އަޅާ ދީނެއް ނޫން. މި ދީނަކީ ތަރައްޤީއާއި ތަހުޒީބަށް ދަޢުވަތުދޭ ދީނެއް. އުފެއްދުންތެރިކަމާއި ހޯދުންތަކަށް ޖާގަ ދީފައިވާ ދީނެއް. އެވަގުތަކާއި ޒަމާނަށް ފެތޭގޮތަށް، ސައެންސާއި ޓެކްނޮލޮޖީގައި ރަންވަނަތަކެއް ހޯދާފައިވާ، ފަޚުރުވެރި މާޒީއެއް އޮތް އަގުހުރި ދީނެއް.

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާ ފާހަގަކުރަމުންދާ އުފާވެރި މިދަނޑިވަޅުގައި، އަޅުގަނޑުމެންގެ ޤައުމުގެ މިއަދުގެ ޙާލަތާމެދު ވިސްނާލުމަކީ، ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމުގައި އަޅުގަނޑު ދެކެން. ޒަމާނުއްސުރެ ދިވެހިން ފަޚުރުވެރިވާ ދިވެހި ދީބުގެ އަމާންކަން ކޮންމެވެސް ވަރަކަށް ނާމާން ކަމަށް ބަދަލުވަމުންދާކަން ހިތާމައާއެކު ފާހަގަކުރަން. އިސްލާމީ ފޭރާން ވީދި ހަލާކުވަމުންދާކަން ފާހަގަކުރަން. ދިވެހިރާއްޖޭގައި މާރާމާރީ ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން އިތުރުވަމުން ދިޔުމާއި، މައިންބަފައިންނާއި، ދުވަސްމީހުންނަށް އިޙްތިރާމް ކުޑަކުރާތަން މަދުންނަމަވެސްދަނީ ފެންނަމުން. ޚާއްޞަކޮށް މިބާވަތުގެ ޖަރީމާތަކުގައި ޒުވާނުންނާއި، ކުޑަކުދިން ހިމެނިގެންދާކަން ހިތާމައާއެކު ފާހަގަކުރަން.

ޢިއްޒަތްތެރި ލޮބުވެތި އަޚުންނާއި އުޚުތުން:

މިއަދު ޤައުމަށް އައިސްފައިވާ ބަދަލަކީ މާތްﷲގެ ރަޙުމަތްފުޅުން އައި ބަދަލެއް. ބަޔަކުމީހުން ރާވައިގެން ގެނައި ބަދަލެއް ނޫން. ކުރީގެ ސަރުކާރުގެ ބައެއް ޢަމަލުތައް ހުރިގޮތުންނާއި، ރައްޔިތުންގެ މެދުގައި ތަފާތު ކުރުންތަކެއް ގެންގުޅުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނުކުމެ، ކުރީގެ ސަރުކާރާ ދެކޮޅަށް އިޙްތިޖާޖު ކުރަމުން ގެންދިޔަ ގެންދިޔުމުގައި، މިފަދަ ބަދަލެއް ގެނައުމުގެ އެއްވެސް މަޤުޞަދެއް ނެތްކަން ގަބޫލުކުރަންޖެހޭ. މިދެންނެވި އިޙްތިޖާޖުތަކުގައި ޤައުމުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަމަށް އިސްކަންދީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރު ނެގެހެއްޓުމުގެ ގޮތުން ހިތްވަރުގަދަ ދިވެހި ދަރިންތަކެއް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރަން.

މިއަދު ރާއްޖޭގެ ރައީސެއްގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އަޅުގަނޑަށް ފުރުޞަތު ލިބިގެން ދިޔައީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ކުރިން ހުންނެވި ގަލޮޅު ކެނެރީގޭ އަލްފާޟިލް މުޙައްމަދު ނަޝީދު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތަށް އިސްތިޢުފާ ދެއްވުމުގެ ސަބަބުން. ޤާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ވެރިކަން ހަމަޖެހިގެން ދިޔަކަން އެއީ، ޞުލްޙަމަސަލަސްކަމަށް ދިވެހިރައްޔިތުން ކުރާ ތާއީދުކަން އަޅުގަނޑު ގަބޫލުކުރަން. ލޮބުވެތި ދިވެހިރައްޔިތުންނަކީ ޞުލްޙަމަސަލަސްކަމަށް ލޯބިކުރާ، މާތްވެގެންވާ އިސްލާމްދީނުގެ ވަހުދަތު ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރާ، މާތް އަޚުލާޤެއްގެ ވެރި ބައެއްކަން އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން.

މިޤައުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޤައުމު. މިއީ، ވަކިބައެއްގެ ޤައުމެއްނޫން. އަދި ވަކި ކުލައަކަށް ތަބަޢަވާ ބައެއްގެ ޤައުމެއްވެސްނޫން. މި ޤައުމުދެކެ ލޯބިވަނީވެސް ވަކި ބައެއްނޫން. އަޅުގަނޑުމެން އެންމެންވެސް މި ޤައުމު ދެކެ ލޯބިވަން. އެހެންކަމުން، މިޤައުމުގެ ހަމަޖެހުމާއި، އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި އަދި މިޤައުމުގެ މުސްތަޤުބަލަށްޓަކައި މަސައްކަތްކުރުމަކީ، ޤައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިއަކު އަދާކުރަންޖެހޭ ދީނީ އަދި ޤައުމީ ވާޖިބެއް ކަމުގައި އަޅުގަޑު ދެކެން.

ސިޔާސީގޮތުން ޚިޔާލު ތަފާތުވެފައިވާ މިދަނޑިވަޅުގައި، އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، ޚިޔާލު ތަފާތުވުންތައް ދުރުކޮށް، ސިޔާސީގޮތުން އަމާން ވެށްޓެއް މި ދީބުގައި ޤާއިމު ކުރެވޭތޯ. މިމަސައްކަތުގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވުމަށް އަޅުގަނޑުވާނީ ދަޢުވަތު ފޮނުވާފައި. މިކަމުގައި ހުރިހާ ފަރާތްތަކެއްގެ އިޙްލާސްތެރި އެއްބާރުލުން ލިބިގެންދާނެކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑު މަސައްކަތް ކުރަމުންދާނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޔަޤީންކޮށްދީފައިވާ ދައުލަތުގެ ތިންބާރު ހަރުދަނާކޮށް، ޖުޑީޝަރީއާއި ޝަރުޢީ ކޯޓުތަކަކީ، ދިވެހި ރައްޔިތުންގެ ޤަދަރާއި އިޙްތިރާމް ލިބިގެންވާ ތަންތަން ކަމުގައި ހެދުމަށް. މި މަޤުޞަދު ޙާޞިލު ކުރުމަށްޓަކައި ކުރެވެން ހުރިހުރިހާ މަސައްކަތެއް އަޅުގަނޑު މިދަނީ ހުއްޓުމެއްނެތި ކުރަމުން. މިކަން މިގޮތަށް ކުރުމަށްޓަކައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ބޭނުންވޭ.

ދިވެހި ޤައުމުގެ އިޖުތިމާޢީ ފޭރާން ވީދިފައިވާ މިދަނޑިވަޅުގައި ޤައުމަށް ޞުލްޙަމަސަލަސްކަން ގެނެސް، މިޤައުމުގެ އަމަންއަމާންކަމާއި އިޖްތިމާޢީ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ޤާއިމު ކުރުމަށްޓަކައި، ޤައުމުގެ ކަމުވޮށިވެގެންވާމީހުންނާއި، ހަރުމީހުންނާއި ފުދުންތެރިންނާއި، ތަފާތު ގޮތްގޮތުން ޤައުމަށް ޚިދުމަތް ކޮށްދެއްވާފައިވާ އެންމެހައި ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ވާހަކަ ދަންނަވަން. ޤައުމު އިޞްލާޙުގެ މަގުން ގެންދިޔުމަށްޓަކައި ކޮންމެ ފަރުދެއްގެ ޙިއްޞާ އޮތުމަކީ، ވަރަށް ބޭނުންތެރިކަމެއް.

މާތްﷲގެ އިރާދަފުޅާއި އެކަލާނގެ މަދަދާއެކު އަޅުގަނޑު މަސައްކަތް ކުރާނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާގޮތުގެމަތީންކަން ޔަޤީންކޮށް އަރުވަން. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާނީ، ދިވެހި އެއްވެސް ރައްޔިތަކާމެދު ތަފާތު ކުރުމެއްނެތްގޮތުގައި އެންމެހައި ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި، ޢަދުލުވެރިކަމާއެކުގައި. އެއްވެސް ދިވެހިރައްޔިތަކަށް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ތަރަހައިން ބޭރުން އެއްވެސް އުނިކަމެއް އަޔަނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ފުރިހަމައަށް ކުރަމުން ގެންދާނެ ކަމުގައިވެސް ދަންނަވަން.

ދިވެހިސިފައިންނާއި ދިވެހިފުލުހުންނަށް ދަންނަވާލަން އޮތީ، މިޤައުމަށްޓަކައި ތިޔަ އެންމެ ބޭފުޅުން ކުރައްވަމުން ގެންދަވާ އަގު ނުކުރެވޭ، ބުރަ މަސައްކަތް، ލޯތްބާއި އިޙްތިރާމާއެކު އަޅުގަޑު ބަލައިގަނެ ގަބޫލުކުރާ ވާހަކަ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުގެ ހުދޫދުގެ ތެރެއިން، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިޤައުމާއި ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރެއްވުމަށާއި، ދިވެހިރައްޔިތުންގެ މެދުގައި ޞުލްޙަމަސަލަސްކަމާއި، އަމާންކަންމަތީ ދިވެހި ޤައުމު ބޭއްވުމަށްޓަކައި ކުރެވެންހުރި ހުރިހާކަމެއް ކުރައްވަމުން ގެންދެވުމަށް، ދިވެހިސިފައިންނާއި ދިވެހިފުލުހުންނަށް އިލްތިމާސްކުރަން.

އަޅުގަނޑު ޔަޤީންކަން މިދެނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޚިލާފު އެއްވެސް އަމުރެއް ނުކުރާނެކަމަށް. އަދި މިޤައުމުގެ އިސްތިޤުލާލަށް އުނިކަން އަންނާނެފަދަ އެއްވެސް އަމުރެއް ރައީސުލްޖުމްހޫރިއްޔާގެ ޤާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަ އެންމެހާ ފަރާތްތަކަށް އަރުވަން. ހިތްވަރުގަދަ ދިވެހިސިފައިންނާއި، ދިވެހިފުލުހުންނަށް އިޙްތިރާމް ކުރުމަށާއި، އެބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގައި، އެބޭފުޅުންނަށް ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް އިލްތިމާސްކުރަން. ދިވެހި ފުލުހުންނާއި ސިފައިންގެ ބުރަ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ތިޔަބޭފުޅުން ކެތްތެރިކަމާއެކު، އިންސާނީ ޙައްޤުތަކަށް ރިޢާޔަތް ކުރައްވައި ލޮބުވެތި ރައްޔިތުންނަށް އޯގާތެރިވެވަޑައިގަތުމަށް އަބަދުވެސް ސަމާލުކަން ދެއްވުމަށް އަޅުގަނޑު ދަންނަވަން.

ދިވެހި ޤައުމުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރަމުން މިގެންދާ ބުރަ މަސައްކަތުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ސަރުކާރަށް ލިބިގެންދިޔުމަކީ މިޤައުމު، އަމާން ބަނދަރަކަށް ގެންދިއުމަށްޓަކައި މިކުރާ ދަތުރުގައި ހަރުދަނާކަމާއެކުގައި ދެމިތިބުމަށް ވަރަށް ބޭނުންތެރިކަމެއް. ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އާހިތްވަރަކާއި އާ ޢަޒުމަކާއެކު، މިޤައުމު އަމާންކަމުގެ އައްސޭރިއަށް ގެންދިޔުމަށް ފަށާފައިވާ މިދަތުރުގައި އަޅުގަނޑާ އެކުގައި ސާބިތުވެ ތިއްބެވުމަށް ދަންނަވަން.

ދިވެހި ޤައުމުގައި ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ކޮންމެ ވަގުތަކު މަގުމައްޗަށް ނުކުމެ، ތަޅާފޮޅުމާއި، އަރާރުންވުމާއި މާރާމާރީ ހިންގުމާއި، ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދީ އަލިފާން ރޯކޮށް، މިބާވަތުގެ ޣައިރު ޤާނޫނީ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ކޮށް، މިބާވަތުގެ ޢަމަލުތައް ހިންގުމަށް ހިތްވަރުދީގެން ނުވާނެ. އަދި މިބާވަތުގެ ޖަރީމާތައް ހިންގުމަށް އެއްވެސް ޖާގައެއް އަޅުގަނޑު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ނުދޭނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަ ލޮބުވެތި ދިވެހިރައްޔިތުންނަށް އަރުވަން.

ދިވެހި ޤައުމުގެ އިޤުތިޞާދުގެ ބޮޑުބައެއް ބިނާވެގެންވަނީ ފަތުރުވެރިކަމުގެ ޞިނާޢަތަށް. މި ޞިނާޢަތުގައި ދިވެހި ވިޔަފާރިވެރިން ހޯދާފައިވާ ކުރިއެރުމާއި ތަރައްޤީއަކީ ވަރަށް ބޮޑަށް ފާހަގަކުރަންޖެހޭކަމެއް. އަދި ބޭރު ދުނިޔޭގައި މި ޞިނާޢަތަށް ލިބިފައިވާ އިތުބާރާއި ރީތިނަމަށް އުނިކަން އަންނަގޮތަށް އެއްވެސް ފަރާތަކުން ޢަމަލު ކުރުމަކީ، ޤައުމު ދެކެ ލޯބިވާ އެއްވެސް މީހަކު ގަބޫލުކުރާ ކަމެއް ނޫން. އެހެންކަމުން، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ޤައުމުގެ ކަންކަން ފާލުންނެއްޓިގެންދާގޮތަށް ޢަމަލުތައް ނުބެހެއްޓުމަށް ނަސޭހަތްތެރިވަން. މި ޤައުމުދެކެ ލޯބިން، މި ޤައުމުގެ ރީތިނަމާއި ޞުލްޙަވެރިކަމާއި އެކުވެރިކަން ދެމެހެއްޓެވުމަށް ހުރިހާ ބޭފުޅުންނަށް އިލްތިމާސް ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ސިޔާސީގޮތުން ދިވެހިޤައުމުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ދުރުކޮށް، ދިވެހިޤައުމުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަމަށް އިސްކަންދީގެން އެންމެހައި ދިވެހި ރައްޔިތުން މަސައްކަތް ކުރަމުން ގެންދިޔުމުގެ ހެޔޮ ތައުފީޤު މިންވަރުކޮށްދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ހިޔަލުގައި އުޅުމުގެ މަގުތަނަވަސްކޮށްދެއްވައި، ދިވެހިރައްޔިތުންނަކީ އެއްބަޔަކު އަނެއްބަޔަކުދެކެ ލޯބިވާ، އެއްބަޔަކު އަނެއްބަޔަކަށް މަޢާފު ކުރުމުގެ ރީތި އުޞޫލަށް އިސްކަންދޭ ބަޔަކު ކަމުގައި ލައްވައި، ދިވެހިޤައުމަށް އުފާފާގަތިކަން މާތްﷲ މިންވަރުކޮށްދެއްވުން. އާމީން!

والســّلام عليــكم ورحـمــة اللّـه وبـركاتـه.