މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 8 ގެ ނިޔަލަށް، ރާއްޖޭގައި ހިނގާފައިވާ ކަންކަން ހޯދައި ބެލުމަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގައި ހިމަނުއްވާފައިވާ އަލްފާޟިލް އަޙްމަދު މުޖްތަބާގެ ބަދަލުގައި، މާފަންނު ވެލަގަލި ޑޮކްޓަރ ޢަލީ ފަވާޒް ޝަރީފް އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިގޮތަށް ހަމަޖެއްސެވީ، އަލްފާޟިލް އަޙްމަދު މުޖްތަބާއަކީ، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު ކުރައްވަމުން ގެންދަވާ އެންމެ މުހިންމު އެއް މަސައްކަތްކަމުގައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ވިލަރެސް ކުރައްވައި ވިލަރެސްވެރިޔާ ކަމުގައިވާތީ، މި ދެމަސައްކަތް އެކުގައި ކުރެއްވުމުގައި ކޮންމެވެސް ވަރެއްގެ ފުށުއެރުންތަކެއް ހުރެދާނެކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވާތީއެވެ. އަދި މިކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އެންމެ އެކަށީގެންވާ ގޮތަށް ކުރިޔަށް ގެންދެވުމަށް ދަތިކަމެއް ކުރިމަތިވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީއާއި، އެކަމުގައި އޮތް އެންމެ އެކަށީގެންވާ ގޮތަކީ، ކޮންމެވެސް އެއްމަސައްކަތެއް ކުރެއްވުން ކަމުގައިވާތީއާއި، މިހާރު ފަށްޓަވާ ސިޔާސީ ފަރާތްތަކުގެ މަޝްވަރާތައް ވިލަރެސް ކުރެއްވުމުގެ މަސައްކަތް އެންމެ އެދެވޭގޮތުގައި ކުރިއަށް ގެންދެވުމަށްޓަކައެވެ.

މިގޮތަށް ހަމަޖެއްސެވުމުން، ޑޮކްޓަރ ޢަލީ ފަވާޒު ޝަރީފްގެ އިތުރުން، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގައި ތިއްބަވާނީ، އަލްފާޟިލް އިސްމާޢީލް ޝަފީޢާއި، ޑޮކްޓަރ އިބްރާހީމް ޔާސިރު އަޙްމަދެވެ. މި ކޮމިޓީގެ އިސްބޭފުޅަކަށް ހުންނަވާނީ އަލްފާޟިލް އިސްމާޢީލް ޝަފީޢުއެވެ.

ޤައުމަށް ދިމާވެފައިވާ ހައްސާސް މި ދަނޑިވަޅުގައި ޤައުމުގެ ޚިދުމަތުގައި މިބޭފުޅުން ކޮށްދެއްވާ އަގުހުރި މަސައްކަތްތަކަށް މިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވައެވެ.