ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ރައްޔިތުން ބިންވެރި ކުރުވުމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ "ވެށިފަހި މާލެ ޕްރޮގްރާމް" މަޝްރޫޢުގެ މަސައްކަތްތައް ވިލަރެސް ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި އުފައްދަވާފައިވާ ވެށިފަހި މާލެ ޕްރޮގްރާމް އޮފީހުގެ މަސައްކަތްތައް އެ އޮފީހުން ކުރެއްވުން ހުއްޓަވާލައި، އެމަސައްކަތްތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ކުރައްވަމުން ގެންދަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ވެށިފަހި މާލެ އޮފީހުން މިހާތަނަށް ކުރައްވަމުން ގެންދެވި ބައެއް މަސައްކަތްތަކުގެ ތެރޭގައި، ވެށިފަހި މާލެ ޕްރޮގްރާމްގެ ސްޓިއަރިންގ ކޮމިޓީއާއި ޓެކްނިކަލް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ވެށިފަހި މާލެ ޕްރޮގްރާމްގެ ހަރަކާތްތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު، ފުޅާ ދާއިރާއެއްގައި މީޑިއާއަށާއި ޢާންމު ރައްޔިތުންނަށް ދެމުން ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.