ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަގޮތާ ބެހޭގޮތުން ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން، ތައްޔާރުކުރި ދިރާސާ ރިޕޯޓްގައި ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މަރްޙަބާ ވިދާޅުވެއްޖެއެވެ.

މި ފުރުޞަތުގައި، ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ބޭފުޅުން ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައި އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވައެވެ. އަދި، ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ޙައްލުކުރެއްވުމަށް ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މިންނަތް މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައިވާތީ އެކަމަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާ އުފާފުޅު ކުރައްވައެވެ.

ސީމެގް ގެ ރިޕޯޓުގައި، ރާއްޖެއަށް ކުރިއެރުން ލިބޭނީ، ރާއްޖެއަށް އަމާންކަމާއި ހަމަޖެހުން ގެނެވިގެން، އަދި ޤައުމީ މަޞްލަޙަތު އިސްކޮށްގެންކަމާއި، ހުރިހާ ޕާޓީތަކެއްވެސް އެއްވެސް ޝަރުޠަކާނުލާ މަޝްވަރާގެ މަޖިލީހަށް އައުމުންކަން ފާހަގަކޮށްފައިވެއެވެ.

ސީމެގްއިން ހުށަހަޅާފައިވާ ވަރަށް ގިނަ ކަންކަމަކީ މިހާރުވެސް ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުން ކުރައްވަމުން އަންނަ ކަންތައްތަކެވެ. އެގޮތުން، 7 ފެބްރުއަރީގައި ރާއްޖޭގެ ވެރިކަން ބަދަލުވިގޮތުގެ ތަޙްޤީޤެއް ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މިހާރުވަނީ ކޮމިޝަނެއް އުފައްދަވާފައެވެ. މި ކޮމިޝަނަކީ މިނިވަން ކޮމިޝަނެއް ކަމަށްވުމާއެކު، މި މަސައްކަތަށް ބޭރުގެ އެހީ ބޭނުންތޯ ނުވަތަ ނޫންތޯ ނިންމަވާނީ، އެ ކޮމިޝަނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.