ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޑޮކްޓަރ ޙަސަން ސަޢީދު، އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމޮންވެލްތް އޮފީހުގެ ޕާލިމެންޓަރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް އެލިސްޓަރ ބަރޓްއާ ބައްދަލުކުރައްވައިފިއެވެ.

ލަންޑަންގައި ހުންނަ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގައި އޮތް މިބައްދަލަކުރެއްވުމުގައި، ރާއްޖޭގެ އެތެރޭގެ ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، ހުރިހާ ފަރާތްތަކާއެކުވެސް މަޝްވަރާ ކުރުމަށް އިސްކަންދެއްވުމަށް ބާރުއެޅުއްވިއެވެ. އަދި ނޭޝަނަލް އެންކުއަރީ ކޮމިޝަން އުފެއްދެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވިއެވެ.

އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ގޮންޖެހުންތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ ސަރުކާރުން ތިއްބެވީ ވަކިއަތަކަށް ނުޖެހި ކަމަށާއި، އެބޭފުޅުންގެ ހަމައެކަނި ބޭނުންފުޅަކީ، ވެރިކަން ބަދަލުވެގެންދިޔަގޮތުގެ ޙަޤީޤަތް ހޯދުން ކަމުގައިވެސް ވިދާޅުވިއެވެ.