بســم اللّـه الرّحمـن الرّحيــم

އިސްލާމީ ހިދާޔަތުގެ ނޫރުގެ އަލީގައި، މިނިވަން އަމިއްލަ ވެރިކަމެއް ކުރުމުގެ ހެޔޮ ނަޞީބާއި، މަތިވެރި ނިޢުމަތް މިލޮބުވެތި ވަޠަނަށް މިންވަރު ކޮށްދެއްވި، اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި މުޅި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރިވެތި ނަމޫނާ މި އުންމަތަށް ދެއްކެވި، މާތް ނަބިއްޔާ محـمَّد رسول اللّـه صلّى اللّـه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރަން. އަދި މިޞަލަވާތުގައި އެ މާތްނަބިއްޔާގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަން.

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބްލް މުޙައްމަދު ނާޒިމް. ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ޖެނެރަލް އޮފިސަރުން. އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންނާއި ސީނިއަރ އެންލިސްޓެޑް ލީޑަރުން. އަދި، ދިވެހި ޤައުމު އެބަޔަކަށްޓަކައި އަބަދުވެސް ފަޚުރުވެރިވާ އެންމެހާ ލޮބުވެތި ސިފައިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބޭދުވަހެއް. މިއަދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާކަމުގެ މަގާމާ އަޅުގަނޑު ހަވާލުވިފަހުން ހިތްވަރުގަދަ ދިވެހި ސިފައިންގެ ލަޝްކަރާ ބައްދަލުކުރެވޭ ފުރަތަމަ ދުވަސް.

ދިވެހި ސިފައިންނަކީ، މިލޮބުވެތި ވަޠަންގެ މިނިވަންކަމާއި، ސިޔާދަތުގެ ދިފާޢުގައި އަބަދުމެ ފާރަވެރިވެ ތައްޔާރުގައިތިބޭ މިޤައުމުގެ ދިފާޢީ އައްޑަނަ. ތިޔަ ލޮބުވެތި ސިފައިންނަކީ، ޤައުމީ އެއްބައިވަންތަކަމާއި، ދިވެހިންގެ އަމިއްލަވަންތަކަން ޙިމާޔަތް ކުރުމާއި އަދި ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވުމަށް ތައްޔާރުގައިތިބި ބައެއް. މާޒީގެ ޞަފްޙާތަކުގައި ދިވެހި ސިފައިންވަނީ އެކަން ވަރަށް ފުރިހަމައަށް ދައްކައިދީ ސާބިތުކޮށްދީފައި. ސިފައިންނަކީ، ޤައުމީ ޚިދުމަތުގައި ނަފްސަށްވުރެ ވާޖިބަށް އިސްކަންދީގެން ރެއާއި ދުވާލު މަސައްކަތްކުރާ ޤައުމީ ޚިދުމަތުގެ ކުރީ ސަފު. އާދެ ސިފައިންނަކީ، ރައްޔިތުންގެ ޚިދުމަތުގައި ތިބި ރައްޔިތުންގެ ޚާދިމުންތަކެއް. މި ސަބަބުތަކަށްޓަކައި، ދިވެހިން ފަޚުރުވެރިވާ ތިޔަ ހިތްވަރުގަދަ ސިފައިންގެ ލަޝްކަރާ ބައްދަލުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލަކާއި ޝަރަފެއް.

ދިވެހި ސިފައިންގެ ޚިދުމަތުގެ 119 އަހަރުގެ ދިގު ތާރީޚުގައި މި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދިފާޢުކޮށް، ޤާނޫނުއަސާސީ ނަގަހައްޓައި ދެމެހެއްޓުމަށް ދިވެހިސިފައިން ކުރައްވާފައިވާ މަސައްކަތްތަކާއި ވެވަޑައިގެންފައިވާ މަތިވެރި ޤުރުބާނީތައް ހަނދާންކޮށް ހުރިހާ ސިފައިންނަށް ތަޢުރީފާއި އައްސަރިބަހާއި ސާބަސް ދަންނަވަން. ޚާއްޞަ ގޮތެއްގައި 1988 ނޮވެމްބަރ 3 ގައި އިސްލާމްދީނާއި ދިވެހިޤައުމުގެ ދިފާޢުގައި ޖިހާދުކޮށް ޝަހީދުވެދިޔަ އަބުޠާލުންގެ ޒިކުރާ އާކޮށް، އެބޭފުޅުންނަށް ސުވަރުގޭގެ ދާއިމީ ރަޙްމަތާއި ނިޢުމަތް ލެއްވުން އެދި ދުޢާކުރަން.

ސުނާމީ ކާރިސާގައި ސިފައިން ޙަރަކާތްތެރިވިފަދައިން ޤައުމަށް ދިމާވާ ތަފާތު ޙާދިސާ ތަކާއި އަދި ރައްޔިތުންނަށްދިމާވި ބޮޑުކޮންމެ ކަމެއްގައި ފާއިތުވި އަހަރުވެސް ސިފައިން ޙަރަކާތްތެރިވެފައިވާކަން ފާހަގަކުރަން.

ޤައުމީ ފެންވަރުގައި ހިންގާ ކަންކަމާއި، އަތޮޅުފެންވަރުގައި ހިންގާ ކަންކަމާއި އަދި ރަށުފެންވަރުގައި ހިންގާ ކަންކަމުގައިވެސް ސިފައިން ޢަމަލީގޮތުން ބައިވެރިވެ، ޖަމާޢަތުގެ ރޫޙު ދިރުވުމާއި ޤައުމިއްޔަތުގެ ބިންގާތައް ވަރުގަދަކުރުމަށް ގިނަގުނަ ހަރަކާތްތަކަކާއި މަސައްކަތްތަކެއްކޮށް ރައްޔިތުންގެ ލޯތްބާއި އިޙްތިރާމްވަނީ ހޯދާފައި.

އަޅުގަނޑު ޔަޤީންކުރަނީ ތިޔަ ލޮބުވެތި ސިފައިން ތިޔަ ތިއްބެވީ މިދެންނެވި މާތް މަޤްޞަދު ހާސިލުކުރުމުގެ މަތިވެރި ޢަޒުމުގައިކަމަށް. ސިފައިންނަކީ، ޢިލްމާއި ހުނަރު ލިބިފައިވާ ކެރޭ ހުޝިޔާރު، ޤާބިލު ބައެއްކަމާއި މަސްއޫލިއްޔަތު އުފުލުމުގައި ފަސްނުޖެހި ޤައުމަށްޓަކައި ޤުރުބާންވާން އަބަދުވެސް ތައްޔާރަށް ތިބޭ، ތެދުވެރި، ވަފާތެރި، އިޚްލާޞްތެރި ބައެއްކަމާމެދު އަޅުގަނޑަށް އެއްވެސް ޝައްކެއްނެތް.

ދިވެހިރާއްޖެއަށް ޒަމާނީ ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި މި ކުރެވޭ މަސައްކަތްތަކާއެކު އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރަށް، އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމީ ގަބޫލުކުރަންޖެހޭ ޙަޤީގަތެއް. އަންނަމުންދާ އަވަސް ބަދަލުތަކާއެކު އަޅުގަނޑުމެން ނޭދޭ ކަންތައްތަކެއްގެ ކަޅުވިލާތައް ރާއްޖޭގެ މައްޗަށް އަރަމުންދާކަން ފާހަގަކުރަންޖެހޭ. ޒަމާނުއްސުރެ އަޅުގަނޑުމެންގެ މެދުގައި އޮތް އިސްލާމީ އަދި އިންސާނީ މަތިވެރި ސިފަތަކާއި، ހަރުދަނާ އުޞޫލުތައް ނެތެމުން ފަނޑުވަމުންދާކަމީ ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް. މިއީ، ފުންކޮށް ވިސްނާ ފިކުރުކުރަންޖެހޭ ޤައުމީ މައްސަލައެއް. ޒަމާނީ ޑިމޮކްރަސީއެއް ގެންނަން މަސައްކަތްކުރާއިރު ޚިޔާލު ތަފާތުވުމަކީ ކުރިމަތިވާނެ ކަމެއް. ޚިޔާލުތަފާތުވުމަކީ މައްސަލައެއްނޫން. ނަމަވެސް، ފިތުނަ ފަސާދައާއި، ހަސަދަވެރިކަމާއި ރުޅިވެރިކަން މިދެންނެވުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ކުރިފަޅަން ފުރުޞަތު ނުދިނުމަށް އަޅުގަނޑުމެން އެންމެންވެސް މަސައްކަތްކުރަންއެބަޖެހޭ. ހަރުކަށިކަމާއި، ގޮތްދޫނުކުރުމާއި، ހައްދުފަހަނަޅައިދިޔުމުގެ ވިސްނުމާއި، ޢަމަލުތައް މަދުންނަމަވެސް މިދަނީ މިޤައުމުގައި ތަޖުރިބާ ކުރެވެމުން.

ނޭދެވޭ ކަންތައްތަކަކަށް ހިތްވަރު ދިނުމާއި ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯނުލެބުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރަމުންދާ ބަޔަކު މަދުން ނަމަވެސް ތިބުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިޒަމްގެ ޢަމަލުތައް ޢާންމު ކުރުމަށް ބަޔަކުދަނީ މަސައްކަތް ކުރަމުން. މިއީ، ޤައުމުދެކެ ލޯބިވާ ކޮންމެ މީހަކުވެސް އެކަމާމެދު ކަންބޮޑުވާނެ ކަންކަން. މިއީ، ޤައުމީ ފެންވަރުގައި ހުއްޓުވަންޖެހޭ ކަންކަން.

މިއަދު ދިވެހިރާއްޖޭގެ ހާލަތު މިވަނީ ކުރިން އެއްވެސް ބޭފުޅަކު ހީކޮށްފައިނުވާ ހާލަތަކަށް ބަދަލުވެފައި. މިއަދު މި ޤައުމުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނެ އެއްބަޔަކީ ތިޔަ ލޮބުވެތި ސިފައިން. މިއަދުގެ މި ހާލަތުން ރަނގަޅު ހާލަތަކަށް ދަތުރުކުރުމަށް ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުންވެސް އަގުހުރި މަސައްކަތްތަކެއްދަނީ ކުރަމުން. މިވަގުތު މި ޤައުމު އެދެނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ޤައުމީ ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކޮށްދެއްވުމަށް. ކެތްތެރިކަމާއި ޤާބިލުކަމާއެކު ޤައުމީ ޚިދުމަތުގައި ސާބިތުވެ ދެމިތިއްބެވުމަށް. ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކުގެ ވަރުގަދަކަން އިހުނަށްވުރެ ބަދަހިކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސިފައިންގެ ހުރިހާ ރޭންކްތަކެއް ގުޅިލާމެހިގެން ކުރުމަށް މިފުރުޞަތުގައި އިލްތިމާސްކުރަން. މާތްﷲގެ ހެޔޮ ރަޙުމަތާއި މަދަދާއެކު އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތް ކާމިޔާބުވާނެ.

އަޅުގަނޑަށް ފާހަގަކުރެވިފައިވާ ގޮތުގައި، ދިވެހި ސިފައިންގެ ހިތްތަކުގައިވާ ދީނީ ރޫޙާއި ޤައުމީ ލޯތްބަކީ ވަރަށް ވަރުގަދަ ބާރެއް. ފިކުރީގޮތުން ސިފައިންގެ ހިތްތަކާ ކުޅެވޭވަރަށްވުރެ ސިފައިންގެ ޢަޒުމް ވަރުގަދަވާންޖެހޭނެ. ޤައުމުގެ ސަލާމަތީ ބާރުތަކަކީ ބައެއް ޙާލަތްތަކުގައި މަދުބައެއްގެ ނަފުރަތާއި ހިތްހަމަނުޖެހުމާ ކުރިމަތިލާން ޖެހިދާނެ ބައެއް. އެކަމާ ކަންބޮޑުވެވަޑައިނުގެން ސާބިތުކަމާއެކު ޤައުމީ ޚިދުމަތުގައި ދެމިތިއްބެވުމަށް ނަސޭހަތްތެރިވަން. އަޅުގަނޑުގެ އެދުމަކީ، ސިޔާސީ އެއްވެސް ފިކުރަކަށް ބެލުމެއްނެތި ހަމަހަމަކަމާއެކު ހުރިހާ ދިވެހިރައްޔިތުންނަށް ސިފައިންގެ ޚިދުމަތް ދިނުން. ތިޔަބޭފުޅުންގެ ކިބައިގައި ހުންނަންވީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި ވަފާތެރިކަން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޣައިރު ޤާނޫނީ އަމުރެއް ނުކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އަރުވަން. އެއްވެސް ފަރާތަކުން ތިޔަބޭފުޅުންނަށް ބާޠިލު ޢަމުރެއް ކޮށްފިނަމަ އެ އަމުރަކަށް ކިޔަމަން ނުވުމުގެ ޙައްޤު ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް ލިބިގެންވޭ. އަޅުގަނޑުގެ އިޚްލާޞްތެރި ނަޞޭޙަތަކީ، ސިފައިންގެ ކޯޑް އޮފް އެތިކްސްއާ އެއްގޮތަށް ހުރިހާ ސިފައިންގެ ޢަމަލުތައްވެސް ބައްޓަންކުރެއްވުން. އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބެ އަމިއްލަ ނަފުސަށްވުރެ ޤައުމީ ވާޖިބަށް އަބަދުވެސް އިސްކަންދެއްވުން. ޤާނޫނުއަސާސީ ޙިމާޔަތްކޮށް، ދުސްތޫރީ ވެރިކަމަށް ފުރިހަމައަށް ކިޔަމަންތެރިވުން. އަދި، މި މަތިވެރި އަސާސްތަކުގެ ތަރަހައިގެ ތެރޭގައި ސާބިތުވެތިބެ ސިފައިންގެ ޢަމަލުތައް، އިސްލާމީ އަގުހުރި ސިފަތަކާއި، ސިފައިންގެ އަޚްލާޤީ ވާޖިބުތަކާއި އަދި ސިފަވަންތަ ހަރުދަނާ އުޞޫލުތަކާ އެއްގޮތަށް ބިނާކުރެއްވުން. ހުރިހާ ސިފައިންވެސް، ތެދުވެރިކަމާއި އަމާނާތްތެރިކަމުގައި ދެމިތިބެ އިސްލާމީ މަތިވެރި އަޚުލާޤު ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރުން.

އަޅުގަނޑުގެ އެދުމަކީ، ދިވެހި ސިފައިންނަކީ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނަގަހައްޓާ ދަމަހައްޓާ ބަޔަކަށްވުން. އަޅުގަނޑުމެން ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭނީ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި. ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހި ސިފައިންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް. އަދި ތިޔަބޭފުޅުންގެ މަސައްކަތްޕުޅުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވައި، އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިއްތެވުމަށް، އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ނަޞޭޙަތްތެރިވަން. اللّـه سبحـانـه وتعـالى، ތިޔަބޭފުޅުންގެ މަސައްކަތުގައި ބަރަކާތް ލައްވާށި!

ސިފައިންގެ ވެލްފެއަރގެ ޙާލަތު ވަރަށް ދަށުދަރަޖައެއްގައި ހުރިކަމަށް އަޅުގަނޑުގެ ގާތު ޑިފެންސް މިނިސްޓަރުވަނީ ވިދާޅުވެފައި. އަދި ފަހަކަށްއައިސް އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި ތިޔަބޭފުޅުންނަށް ސިފައިންގެ ފަރާތުން ދޭ އަސާސީ ޚިދްމަތްތަކަށްވަނީ ކޮންމެވެސް ވަރެއްގެ އުނިކަމެއްވެސް އައިސްފައި. އަޅުގަނޑު ވަރަށް ގާތުން އެކަންކަން ބަލަމުން ގެންދާނަން. އެހެންކަމުން، ސިފައިންގެ ވެލްފެއަރ ކަންތައް ހަރުދަނާކޮށް ރަނގަޅުކުރުމަށް އަޅުގަނޑު ވަރަށްބޮޑު އިސްކަމެއްދޭނެކަމުގެ ޔަޤީންކަން ތިޔަ ލޮބުވެތި ސިފައިންނަށް އަރުވަން.

މާތްﷲ، އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން މިނިވަންކަމާއި، ޞުލްޙަމަސަލަސްކަމާއި އަދި އަމަންއަމާންކަންމަތީ އަބަދުމެ ލަހައްޓަވާށި. ދިވެހި ޤައުމަށް އަބަދުވެސް ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި! ދިވެހި ސިފައިންނަށް ނަޞްރާއި ނަޞީބު މިންވަރު ކުރައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.