بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! މިއަދު އަޅުގަނޑު ތިޔަހުރިހާ ބޭފުޅުންނަށް އަޅުގަނޑު މަރްޙަބާ ދަންނަވަން.

Welcome to the Coach and Spouse. It’s a pleasure to have you here.

އާދެ! އަޅުގަނޑު ވަރަށް އުފާކުރަން, އަޅުގަނޑާ ބައްދަލުކޮށްލަން ތިޔަބޭފުޅުން ވަޑައިގެންނެވި ކަމަށްޓަކައި. މިހާރު ވަރަށް މުހިންމު ދަތުރެއް އަނެއްކާވެސް ތިޔަފަށްޓަވަނީ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިރޭ ފުރަތަމަ ތިޔަވަޑައިގަންނަވަނީ ތައިލެންޑަށް. ވަޑައިގެން އެތަނުގައި ތަމްރީނުގެ އެކިއެކި ޙަރަކާތްތަކަށްފަހު އެތަނުގެ ޓީމުތަކާ ކުޅުމަށްފަހުގައި ދެން އޭޝިއަން ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ މުބާރާތަށް ކަތުމަންޑޫއަށް ތިޔަބޭފުޅުން ވަޑައިގަންނަވަނީ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ތައިލެންޑްގައި ތިޔަ ގެންދަވާ ޕްރެކްޓިސް ކޭމްޕްގެ މަސައްކަތްތައްވެސް ވަރަށް ރަނގަޅަށް ދާނެ ކަމަށް. އަޅުގަނޑުމެން އަބަދުވެސް އެދެނީ ދިވެހި ޓީމު މޮޅުވުން. އެހެންވީމާ، އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުން އެ ހިތްވަރު ކުރައްވާނެކަން. މިހާތަނަށްވެސް ވަރަށް ރަނގަޅު ނަތީޖާތަކެއް އަޅުގަނޑުމެންގެ ފުޓްބޯޅަ ޓީމު ނެރެދީފައިވަނީ. އެގޮތުން ތިޔަބޭފުޅުން ތައްޔާރު ކުރެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅުން މިތާ މި ތިއްބެވީ. އެފް.އޭ.އެމް.ގެ ޗެއަރމަން ޢާޒިމް އަދި އޮފިޝަލްސް، ޝާހް ތިޔަހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް ޓީމުގެ އާ މެނޭޖަރަށް އަޅުގަނޑު މަރްޙަބާ. މިއަދު ތިޔަބޭފުޅާގެ އެހީތެރިކަމާއެކީގައި ޓީމު މިހާރަށްވުރެ އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މާތްﷲ އިރާދަކުރެއްވިއްޔާ ކުޅިވަރުގެ ރޮނގުން ޚާއްޞަކޮށް ފުޓްބޯޅައިގެ ރޮނގުން ކުރިއަށްއޮތް ތަނުގައި އިތުރު ކާމިޔާބީތަކެއް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް އަޅުގަނޑު ހީކުރަން.

ފުޓްބޯޅައަކީ އަޅުގަނޑުމެން އެންމެ ލޯބިވާ ކުޅިވަރު. އަޅުގަނޑުމެން އެކަމަށްޓަކައި މުޅި ޤައުމު، އެއްވެސް ތަފާތު ކަމެއްނެތި، ހުރިހާ އެންމެން އެއްގަލަކަށް އަރައިގެން، ހުރިހާ އެންމެން އެކުވެރިކަމާއެކީގައި ފުޓްބޯޅައަށްޓަކައި މުޅި ޤައުމު މިއޮތީ. އެހެންވީމާ، އެއްވެސް ކަހަލަ ތަފާތުވުމެއް ނެތި އަޅުގަނޑުމެންގެ ތެރޭގައި ފުޓްބޯޅައިގެ ރޫޙް މިހާރަށްވުރެވެސް ބޮޑަށްއާލާކޮށް، ވަރުގަދަކޮށް، އަޅުގަނޑު އެދެން، ޤައުމީ ޓީމަށް ހުރިހާ ބޭފުޅުންވެސް ހިތްވަރު ދެއްވައި މަސައްކަތް ކޮށްދެއްވުން. ދުނިޔޭގެ ކޮންމެ ތަނެއްގައި މުބާރާތްއޮތް ކަމަށްވިޔަސް، އަޅުގަނޑަށް ޔަޤީން ކުރެވޭ، އަޅުގަނޑުމެން ހުރިހާ ރައްޔިތުންވެސް ހަމަ ތިބޭނީ ތިޔަބޭފުޅުންނާއެކީގައި، ހަމަ ޓީވީތައް ދޮށުގައި އެބަލަން ތިޔަބޭފުޅުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށްޓަކައި. އަޅުގަނޑުވެސް މިނިސްޓަރ ދެންމެ އެވިދާޅުވި ފަދައިން އަޅުގަނޑުމެން މަސައްކަތް ކުރަނީ ޤައުމީ ފުޓްބޯޅަ ޓީމަށް މިހާރަށްވުރެ ބޮޑަށް އެހީތެރިކަން ބާއްވައިދީގެން ތިޔަބޭފުޅުންގެ މަސައްކަތަށް އިތުރު ހިތްވަރެއް ދެވޭތޯ. އެގޮތުން މިހާރު ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ދެއްވާ ޢިނާޔަތެއްވެސް، އެލަވަންސެއްގެ ކަންތައްތައް އަލުން ފަށްޓަވަން ގަސްދުކުރައްވަނީ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ ތިޔަބޭފުޅުންނަށް މި ދެންނެވި އެލަވަންސް ލިބިވަޑައިގަންނަވާނެކަމަށް.

އަޝްފާޤު މިތަނުން ނުފެނޭ ދޮއެއްތޯ. އަޝްފާޤް ކުޑަކޮށް ބަލިވެ އުޅުއްވަނީ. އެހެންވީމާ، އަޝްފާޤަށްވެސް އަވަސް ޝިފާޢަކަށް އަޅުގަނޑު އެދެން. ތިޔަހުރިހާ ބޭފުޅުންވެސް ހިތްވަރު ކުރައްވާ. އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާއެކީގައި. ތިޔަބޭފުޅުންގެ ފަހަތުގައި އަޅުގަނޑުމެން މިތިބީ. ވަރަށް ރަނގަޅަށް ޕްރެކްޓިސް ކަންތައްތައް ގެންދަވާ. މުރާލިކަމާއެކީގައި، ހިތްވަރާއެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާ. އަޅުގަނޑުމެން އެންމެންގެ އުންމީދުތައް މިއޮތީ ތިޔަބޭފުޅުންނާއެކީގައި. އެހެންވީމާ، އަޅުގަނޑު އެދެން ހުރިހާވެސް ކާމިޔާބެއް. ފޯރިއާއެކީގައި ކަންތައްތައް ކުރިއަށް ގެންދަވާ.

އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى ތިޔަބޭފުޅުންނަށް ފުރިހަމަ ޞިއްޙަތު ދެއްވައި، ތިޔަބޭފުޅުންގެ މަސައްކަތުގައި ހުރިހާވެސް ކާމިޔާބަކާއި ރަޙްމަތް ލެއްވުން. ޝުކުރިއްޔާ ވަޑައިގެން ދެއްވިކަމަށްޓަކައި.

والســّلام عليــكم