މަގުޗާޓު ތަންފީޒު ކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ ކަންތައްތަކާބެހޭގޮތުން ހުރިހާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިގޮތުން މިއަދު ބޭއްވެވި ފުރަތަމަ ބައްދަލުވުމަށް އެމް.ޑީ.ޕީ.އަށްވެސް ދަޢުވަތު އެރުވިއެވެ. އެހެންނަމަވެސް، އެ ޕާޓީން މި ބައްދަލުވުމުގައި ބައިވެރިވެވަޑައެއްނުގަންނަވައެވެ. އަދި ބައިވެރިވެވަޑައިނުގެންނެވި ސަބަބެއްވެސް އަންގަވާފައެއް ނުވެއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މި މަޝްވަރާތައް ވިލަރެސް ކުރައްވާނެ ބޭފުޅަކު ޢައްޔަން ކުރެއްވުމަށާއި، އެބޭފުޅަކީ، ގަލޮޅު ފުންފެން އަޙްމަދު މުޖުތަބާ ކަމަށް ހަމަޖެއްސެވުމަށް ނިންމެވިއެވެ. އަދި މަޝްވަރާތައް ފެށުމުގެ ކުރިން، އެބޭފުޅާއާ ދޭތެރޭ އެމް.ޑީ.ޕީ ދެކޭގޮތެއް ބެއްލެވުމަށް އެ ޕާޓީއަށް ސިޓީއެއް ފޮނުއްވުމަށްވެސް މިއަދުގެ ބައްދަލުވުމުން ނިންމެވިއެވެ.