ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފްޞީލު ވަފްދުގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައި، އެކަމާގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، އެބޭފުޅުންގެ މިދަތުރުފުޅުގެ މަޤްޞަދަކީ، ރާއްޖޭގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތުގެ ފުރިހަމަ މަޢްލޫމާތު ހޯއްދެވުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވެރިކަން ބަދަލުވެގެން ދިޔަ ގޮތުގެ ފުރިހަމަ ތަޙްޤީޤެއް ހިންގެވުމަށްޓަކައި ކުރެއްވެން ހުރި ކަންކަން ބައްލަވަމުން ގެންދަވާ ކަމަށާއި، ވަފްދުގެ ބޭފުޅުންނަށް ހުރިހާ ގޮތަކުންވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކަންކަން ޙައްލު ކުރެއްވުމަށް ޤާނޫނީ ޙުދޫދުގެ ތެރެއިން ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ވަފްދުގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ މަގުޗާޓުގެ މަޢްލޫމާތު ވަފްދުގެ ބޭފުޅުންނަށް ދެއްވަމުން، ސިޔާސީ ހުރިހާ ޕާޓީތަކެއްގެ އެއްބާރުލުން، ޚާއްޞަކޮށް އެމް.ޑީ.ޕީ.ގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންފުޅުވާކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ ކެބިނެޓުގައި އެމް.ޑީ.ޕީ. ހިމަނުއްވަން ނިންމަވައި، އެކަންވެސް އެ ޕާޓީއަށް އަންގަވާފައިވާނޭ ކަމަށާއި، ސަރުކާރުގައި އެމް.ޑީ.ޕީ. ބައިވެރިވުން ވަރަށް މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.