ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޓަރ ޕާލަމެންޓަރީ ޔޫނިއަންގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް މިސްޓަރ މާޓިން ޗުންގޮންގއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މިސްޓަރ ޗުންގޮންގ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް މިކުރެއްވި ޒިޔާރަތަކީ، ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ ބެހޭ މަޢުލޫމާތު ހޯއްދަވައި، މި ކަމުގައި އައި.ޕީ.ޔޫ.ގެ ފަރާތުން ރާއްޖެއަށް ވެދެވެން އޮތް އެހީއެއް ދެނެގަތުމަށް ކުރެއްވި ދަތުރުފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި، މިކަން ކުރެއްވުމުގައި ކަމާބެހޭ ހުރިހާ ފަރާތްތަކާއެކުވެސް މަޝްވަރާ ކުރައްވާނެ ކަމުގައި މިސްޓަރ ޗުންގޮންގ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އައި.ޕީ.ޔޫ.ގެ މަސައްކަތަށް އެމަނިކުފާނުގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި މިހާރު އެމަނިކުފާނު އިސްކަން ދެއްވަމުން ގެންދަވާ އެކި ކަންކަމުގެ ތަފްޞީލުވެސް އައި.ޕީ.ޔޫ.ގެ ޑިރެކްޓަރަށް ދެއްވިއެވެ.