ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް މުޙަންމަދު ވަޙީދުއްދީނުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ނިންމަވައި އެކަން އެމަނިކުފާނު އިޢްލާން ކުރައްވައިފިއެވެ. އެކަން އެމަނިކުފާނު އިޢްލާނު ކުރެއްވީ، މިހާރުން މިހާރަށް އިސްކަންދެއްވަން ނިންމަވާފައިވާ ކަންތައްތައް، ރާއްޖޭގެ ރައްޔިތުންނާއި އަދި ޚަބަރުފަތުރާ ވަސީލަތްތަކާ ޙިއްޞާ ކުރެއްވުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޙަންމަދު ވަޙީދުއްދީންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި، އެ މަޖިލީހަށް މާދަމާ ހުށަހަޅުއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މުޙަންމަދު ވަޙީދުއްދީނަކީ، ޚިޔާލު ތަފާތުވާ ބޭފުޅުންނާ އެކީގައިވެސް މަސައްކަތްޕުޅު ކުރެއްވުމުގެ ލިޔާޤަތާއި ޤާބިލިއްޔަތު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ، ރާއްޖޭގެ އެއްވެސް ބޭފުޅަކަށް އިތުރު ތަޢާރުފަކަށް ބޭނުންފުޅުނުވާ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާގައި ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ، އަދި ރައްޔިތުންގެ ވަރަށްގިނަ ޢަދަދެއްގެ ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު މިވަގުތު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވަނީ، ރާއްޖޭގެ ރައްޔިތުންނަށް، ހަމަޖެހުމާއި އަމަންއަމާންކަމާއި ރައްކާތެރިކަން ހޯއްދަވައިދެއްވުމަށްޓަކައި ކަމަށް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ވާޖިބުތައް އަދާކުރައްވަމުން ގެންދަވާނީ، ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފު އަމުރެއް އެއްވެސް ފަރާތަކަށް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މިއަދުވެސް ދެއްވިއެވެ.

އެއްބައިވަންތަ އެކުވެރި ރައްޔިތަކަށްވުމަށްޓަކައި، ސިޔާސީ ވާދަވެރިކަމުގެ ސަބަބުން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް ކުރިއަށް ގެންދެވޭނެ މަގު ކޮށުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޤައުމީ އެއްބައިވަންތަކަން ޤާއިމްކުރުމުގެ މަގުޗާޓެއް އެކުލަވާލެއްވިކަން އިޢްލާން ކުރެއްވިއެވެ. އަދި މި މަގުޗާޓަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވަން ގަސްދު ކުރައްވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މަގުޗާޓުގައި ހިމެނޭ މައިގަނޑު ނުކުތާތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވަމުން، މަގުޗާޓް ބިނާވެފައިވަނީ، މިހާރު ޙާޞިލްކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކާއި، މިހާރުން މިހާރަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކާއި، ސަރުކާރުގެ ހިންގުމަށް ގެންނަވާ ބަދަލުތަކާއި، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުން އިސްކަންދޭ ކަންކަމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. އަދި އެމަގު ޗާޓުގައި ހިމެނޭ ބައެއް ކަންކަމުގެ ތަފްޞީލުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިވަގުތަކީ، އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރަންވީ ވަގުތެއް ނޫނެވެ. ފިތުނައިގެ ހުޅުގަނޑު ރޯކުރުމަށް މަސައްކަތް ކުރަންވީ ވަގުތެއްވެސް ނޫނެވެ މިވަގުތަކީ، އަޅުގަނޑުމެން އެންމެން އެކީގައި އެއް ރޫޙެއްގައި މަސައްކަތް ކުރަންވީ ވަގުތެވެ. ޤައުމަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ޙައްލުކުރުމުގެ ޢަޒުމުގައި އަޅުގަނޑުމެން ނުކުންނަންވީ ވަގުތެވެ. ބަދަލު ހިފުމުގެ ރޫޙެއްގައި ނުކުމެއްޖެނަމަ، ޤައުމު އަނެއްކާވެސް ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެކަމީ، އެއްވެސް ޝައްކެއްއޮތްކަމެއްނޫން ކަމަށް ވިދާޅުވެ، ފުރިހަމަ އެއްބާރުލެއްވުން ދެއްވައިގެން ވަރަށް އިޚްލާޞްތެރިކަމާއެކީގައި މަސައްކަތް ކޮށްދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވުމަށް ނިންމަވާފައިވާ މުޙަންމަދު ވަޙީދުއްދީން، މި ޕްރެސް ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މި މަގާމު ގަބޫލުފުޅު ކުރެއްވީ ޤައުމީ ވާޖިބެއް އަދާކުރެއްވުމުގެ ގޮތުން ކަމުގައި ވިދާޅުވިއެވެ. އަދި ވޭތުވެދިޔަތާނގައި ފެނުނު މަންޒަރު ދެން ފެނިވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.