بســم اللّـه الرّحمـن الرّحيــم


اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

 

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ އަޅުގަނޑު މިއަދު މިބައްދަލުކުރަނީ ޤައުމުގެ ކަންތައްތައް ހަމަޖެހުމަކަށް ގެނައުމަށް އަޅުގަނޑު މިހާރު ކުރަމުން މިގެންދާ މަސައްކަތްތަކުގައި ތިޔަބޭފުޅުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ނިހާޔަތަށް އަޅުގަނޑަށް ބޭނުންވާތީއާއި އަދި މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން ތިޔަބޭފުޅުންނާ ކަންކަން ޙިއްޞާ ކޮށްލުމަށްޓަކައި.

މިވަގުތު އަޅުގަނޑު އެންމެބޮޑު އިސްކަމެއް މިދެނީ، ވަޒީރުންގެ މަޖިލިސް އެކުލަވާލައި ނިންމުމަށް. އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ ހުރިހާ ޕާޓީތައްވެސް، އަޅުގަނޑުގެ ކެބިނެޓްގައި ތަމްސީލު ކުރުމަށް. މިމަސައްކަތް އަޅުގަނޑު ވަރަށް އަވަހަށް ނިންމަން ބޭނުންވޭ. އަޅުގަނޑު އެކުލަވާލާ ވަޒީރުންގެ މަޖިލީހުގައި، ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީ، އެމް.ޑީ.ޕީ.ވެސް ހިމަނަން އަޅުގަނޑު ބޭނުން. މިކަމުގެ ދަޢުވަތު އެ ޕާޓީއަށް އަޅުގަނޑު މިހާރުވާނީ އަރުވާފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެމް.ޑީ.ޕީ.ގައިވެސް ވަރަށް އެކަށީގެންވާ އަދި މިދަނޑިވަޅުގައި ޤައުމަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވަން ބޭނުންފުޅުވާ ބޭފުޅުން އެބަތިއްބެވި.

ވަޒީރުންގެ މަޖިލިސް އަޅުގަނޑު އެކުލަވާލާއިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އަޅުގަނޑު ބޭފުޅަކު ޢައްޔަންކުރާނެ ވާހަކައާއި، އަދި އެބޭފުޅަކީ ސިޔާސީ ފިކުރާއި ސިޔާސީ ވިސްނުމެއްގެ ބޭފުޅަކަށް ނުވާނެ ކަމަށް، މީގެކުރީގެ މިފަދަ ބައްދަލުވުމެއްގައި އަޅުގަނޑުވާނީ ދަންނަވާފައި. އެހެންކަމުން، އަޅުގަނޑުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ޢައްޔަންކުރަން އަޅުގަނޑު ގަސްތުކުރާ ވާހަކަ، ވަރަށް އުފަލާއެކު ދަންނަވަން.

ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މުއްދަތުން ބާކީއޮތް ދުވަސްތަކުގައި، މަގާމު ފުރާނެ މީހަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށް، އެމީހެއްގެ ނަން، ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ. އެހެންކަމުން، އަލްފާޟިލް މުޙަންމަދު ވަޙީދުއްދީންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް، އެ މަޖިލީހަށް އަޅުގަނޑު މާދަމާ ހުށަހަޅާނެ ވާހަކަ ދަންނަވަން.

އަޅުގަނޑު ދެކޭގޮތުގައި، މުޙަންމަދު ވަޙީދުއްދީނަކީ، ޚިޔާލު ތަފާތުވާ ބޭފުޅުންނާ އެކީގައިވެސް މަސައްކަތްޕުޅު ކުރެއްވުމުގެ ލިޔާޤަތާއި ޤާބިލިއްޔަތު ލިބިވަޑައިގެންފައިވާ ބޭފުޅެއް. އަދި އެމަނިކުފާނަކީ ރާއްޖޭގެ އެއްވެސް ބޭފުޅަކަށް އިތުރު ތަޢާރުފަކަށް ބޭނުންފުޅުވާނެ ބޭފުޅެއް ނޫން. ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާގައި ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. އަދި ރައްޔިތުންގެ ވަރަށްގިނަ ޢަދަދެއްގެ ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް. އެހެންކަމުން، އެބޭފުޅާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ޔަޤީންކުރަން.

އަޅުގަނޑު މި މަގާމާ ހަވާލުވުމަށްފަހުވެސް ދެންނެވި ފަދައިން، އަޅުގަނޑު މިވަގުތު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް މިދެނީ، ރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހުމާއި، އަމަންއަމާންކަމާއި ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި. އަޅުގަނޑު މިއަދުވެސް ދަންނަވަން އޮތީ، އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ވާޖިބުތައް އަދާކުރަމުން ގެންދާނީ، އަޅުގަނޑު ކުރި ހުވައާ އެއްގޮތަށް ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑު އިރާދަކުރެއްވިއްޔާ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފު އަމުރެއް އެއްވެސް ފަރާތަކަށް ނުކުރާނެ ވާހަކަ.

އަޅުގަނޑުމެންނަކީ އެއްބައިވަންތަ އެކުވެރި ރައްޔިތަކަށްވުމަށްޓަކައި، ސިޔާސީ ވާދަވެރިކަމުގެ ސަބަބުން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް ކުރިއަށް ގެންދެވޭނެ މަގު ކޮށުމަށްޓަކައި މަސައްކަތްތަކެއް މިވަނީ ކުރަންޖެހިފައި. މިގޮތުން، ޤައުމީ އެއްބައިވަންތަކަން ޤާއިމްކުރުމުގެ މަގުޗާޓެއް އަޅުގަނޑު މިހާރުވަނީ އެކުލަވާލާފައި. އަޅުގަނޑު ގަސްތުކުރަނީ، މި މަގުޗާޓަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުގެ ޚިޔާލާއި މަޝްވަރާ ހޯދަން.

މި ފުރްޞަތުގައި، މަގުޗާޓުގައި ހިމެނޭ މައިގަނޑު ނުކުތާތަކުގެ މައްޗަށް އަލިއަޅުވާލަން އަޅުގަނޑު ގަސްތުކުރަން. މިގޮތުން، މަގުޗާޓް ބިނާވެފައިވަނީ، އަޅުގަނޑުމެން މިހާރު ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއާއި، މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ސަރުކާރުގެ ހިންގުމަށް ގެންނަ ބަދަލުތަކާއި، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުން އިސްކަންދޭ ކަންކަމުގެ މައްޗަށް.

މި ސަރުކާރުގެ މައިގަނޑު ލަނޑުދަނޑިތަކަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހަމަޖެހުމާއި ރައްކާތެރިކަމާއި ޙިމާޔަތް ހޯދައިދިނުމާއި، ޑިމޮކްރަސީ ޤާއިމްކޮށް ހަރުދަނާ ކުރުމުގެ މަސައްކަތް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުން. އަދި ޤާނޫނުއަސާސީއާއި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިންސާނީ ޙައްޤުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވެރިކަން ހިންގުމާއި، ރާއްޖޭގެ އިޤްތިޞާދަށް އަތުވެދާނެ ލޮޅުމަކަށް ނުވަތަ ކުރިމަގުގައި ޤައުމު ހިންގުމަށް އެޅިދާނެ ހުރަހަކަށް ރައްކާތެރިވެ ތިބުން.

މިހާރުން މިހާރަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރެއިން އެއްކަމެއް ކަމަށް އަޅުގަނޑު ދެކެނީ، ހުރިހާ ޕާޓީތަކުގެ މެދުގައި، ޞުލްޙަވެރިކަމާއެކު ކުރެވޭ އިތުރު މަޝްވަރާތަކަކަށް ފުރްޞަތުދިނުން. ހަމައެއާއެކު، އަމާންކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ލިބިދިން ކަމުގައިވިޔަސްވެސް، މީހުންނަށާއި، ތަންތަނަށާއި ތަކެއްޗަށް ގެއްލުންދީ، ހަމަނުޖެހުން އުފެއްދުމުގެ ފުރްޞަތު، އެއްވެސް ފަރާތަކަށް ނުދިނުން.

ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނީ، ޤައުމީ މަޞްލަޙަތަށްޓަކައި އިސްކަންދެވޭ މަސައްކަތްތަކަކަށް. އަދި މަސައްކަތް ކުރަމުން ގެންދާނީ، ދައުލަތުގެ އެހެން ބާރުތަކާއެކު މަޝްވަރާކޮށްގެން، މިދަންނަވާ ކަންކަން ޙާޞިލް ކުރުމަށް.

- ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމެއް ޤާއިމް ކުރުމަށް. މިކަމުގައި ޤާނޫނީ ކަންކަން ފުރިހަމަކުރުން.

- ސަރުކާރުން ރައްޔިތުންނަށްދޭންޖެހޭ ޢާންމު ޚިދްމަތްތަކަށް އެއްވެސް ބުރުލެއްނައިސް ކުރިއަށް ގެންދިޔުން. ޤާނޫނުއަސާސީގައިވާ ގޮތަށް، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާއި، ނިކަމެތިންގެ ބޭނުންތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުން.

- ރާއްޖޭގެ ވެރިކަން ބަދަލުވެގެންދިޔަގޮތް، މިނިވަން މުސްތަޤިއްލު ކޮމިޝަނެއްގެ ތެރެއިން ބެލުން. ބޭނުމަކީ، މިފަދަ ތަޙުޤީޤެއްގެ ސަބަބުން، މިހިނގާދިޔަ ކަންތައްތައް ރަނގަޅަށް އެނގި، މިފަދަ ހަމަނުޖެހުމެއް، ކުރިއަށް އޮތް ތާނގައިވެސް ތަކުރާރުވިޔަނުދިނުން.

- ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކުރުން. މިމަސައްކަތަށް ބާރުދިނުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޤައުމީ މަޝްވަރާ މަޖިލީހެއް އެކުލަވައިލަން އަޅުގަނޑު ގަސްތުކުރަން. މިމަސައްކަތުގައި އ.ދ. އާއި ކޮމަންވެލްތްގެ އެހީތެރިކަން އަޅުގަނޑު ހޯދާނަން.

- ސަރުކާރުގެ މާލީ ކަންކަން، ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުން.

- ހުރިހާ ކެންޑިޑޭޓުންނަށްވެސް ހަމަހަމަ ގޮތެއްގައި ވާދަކުރެވޭނެފަދަ، ގިނަ ޕާޓީ އެކުލެވޭ މިނިވަން އިންތިޚާބެއް ބޭއްވޭނެފަދަ މާޙައުލެއް ޤާއިމް ކުރެއްވުން.

- ދައުލަތުގެ މީޑިއާގައި ސިޔާސީ ހަމަހަމަކަން ޤާއިމްކުރުން.

އާދެ! އަޅުގަނޑު މިވަގުތު ދަންނަވާލަން ބޭނުންވަނީ، މިވަގުތަކީ، އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރަންވީ ވަގުތެއް ނޫން ކަމަށް. ފިތުނައިގެ ހުޅުގަނޑު ރޯކުރުމަށް މަސައްކަތް ކުރަންވީ ވަގުތެއް ނޫން ކަމަށް. މިވަގުތަކީ، އަޅުގަނޑުމެން އެންމެން އެކީގައި އެއް ރޫޙެއްގައި މަސައްކަތް ކުރަންވީ ވަގުތު. މިވަގުތަކީ، ޤައުމަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ޙައްލުކުރުމުގެ ޢަޒުމުގައި އަޅުގަނޑުމެން ނުކުންނަންވީ ވަގުތު. ބަދަލު ހިފުމުގެ ރޫޙެއްގައި އަޅުގަނޑުމެން ނުކުމެއްޖެނަމަ، ޤައުމު އަނެއްކާވެސް ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެކަމީ، އެއްވެސް ޝައްކެއްއޮތްކަމެއްނޫން. އެހެންކަމުން، އަޅުގަނޑަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވައިގެން ވަރަށް އިޚްލާޞްތެރިކަމާއެކީގައި މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު މި ފުރުޞަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްވެސް އިލްތިމާސް ކުރަން. އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވާނީ، ތިޔަ ލޮބުވެތި ރައްޔިތުންގެ ތެރޭގައި، އެއްވެސް ތަފާތުކުރުމެއް މި ސަރުކާރުން ނުގެންގުޅޭނެކަން.

މާތް ﷲ، ދިވެހި ޤައުމަށް، ދިވެހިރާއްޖެއަށް، މިއަދަށްވުރެ މާ ފާގަތި، ޞުލްޙަވެރި، އަމާން ދުވަސްތަކެއް ދައްކަވާށި! ތިޔަ އެންމެ ބޭފުޅުންނަށް އުފާ ފާގަތިކަން މިންވަރު ކުރައްވާށި. މި ލޮބުވެތި ވަޠަން މިނިވަންކަމުގައި އަބަދުމެ އަބަދަށް ލަހައްޓަވާށި. އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.


އަލްފާޟިލް މުޙަންމަދު ވަޙީދުއްދީންގެ ވާހަކަފުޅު


بســم اللّـه الرّحمـن الرّحيــم

އާދެ! މިއަދު އަޅުގަނޑުގެ ކައިރީގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތުމުން މިމަގާމަށް އަޅުގަނޑު މިކުރިމަތިލީ މިއީ، ޤައުމީ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކޭތީ. އަޅުގަނޑު ބޭނުމެއް ނޫން، ވޭތުވެދިޔަތާނގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ މަންޒަރުތަކެއް އެއްވެސް ޕާޓީއެއްގެ އަދި ޚިޔާލު ތަފާތު އެއްވެސް ބޭފުޅަކަށްވެސް އެފަދަ ކަމެއް ދިމާވުމަކީ އެއީ، ހަމަގައިމުވެސް ދިވެހި ވަޠަންދެކެ ލޯބިވާ، ދިވެހި ޤައުމުދެކެ ލޯބިވާ ދަރިއަކުވިއްޔާ ބޭނުންވާނެ ކަމެއްނޫން. ވީމާ، މިއަދު އަޅުގަނޑު މިކަން ކުރުމަށް މިކުރިމަތިލަނީ އާދެ، ރައްޔިތުންގެ މަޖިލީހުން އަޅުގަނޑު ހޮއްވަވައިފިއްޔާ އަޅުގަނޑު މިކުރިމަތިލަނީ، އަޅުގަނޑަކީ ދިވެހި ދައުލަތުގެ ފައިސާގައި ކިޔަވައިދެއްވި ސޯސަންވިލާއިން ކިޔެވި ދަރިއަކަށްވެސް ވާތީ. ވީމާ، ދިވެހި ރައްޔިތުންގެ ފައިސާ އަޅުގަނޑު އުމުރުން ދިހަ އަހަރުން ފެށިގެންވަނީ އަޅުގަނޑުގެ މައްޗަށް ކޮށްފައި. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއީ އަޅުގަނޑަށް އެހެންވީމާ، ދިވެހި ރައްޔިތުންނަށް އަދި މިޤައުމަށް އޮމާންކަން، ހަމަޖެހުން، ތަފާތު ވިސްނުންތަކާއެކުގައި އުޅުމަށް ފުރުސަތު ލިބޭފަދަ ގޮތަކަށް ކަންތައް ކުރުން އެއީ، އޮތް ކަމެއްކަން އަޅުގަނޑުމެން މިއަދު ހަނދާން ކުރަންއެބަޖެހޭ. އެހެންވީމާ، މިގޮތުން ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމެއް އަދި އަޅުގަނޑާ ހަވާލުކުރެއްވި ކަމެއް ކުރާ ގޮތަށް އަޅުގަނޑު މިކަމަށް ކުރިމަތިލީ މިޤައުމުދެކެ އަޅުގަނޑުވެސް ލޯބިވާތީ.

1963ވަނަ އަހަރު ބަޣާވާތް ކުރި މީހެއްގެ ނަމުގައި އަޅުގަނޑުގެ އުމުރުން 16 އަހަރު އަޅުގަނޑު ވަނީ ޖަލަށް ލެވިފައި. އެދުވަހު އަޅުގަނޑު ހިތަށްއެރި، ކޮންމެވެސް ދުވަހަކުން އަޅުގަނޑު ދިވެހި ޤައުމުގެ ރައްޔިތުންނަށް ދައްކާނަމޭ އަޅުގަނޑަކީ ޤައުމުގައި ބަޣާވާތް ކުރާނެ މީހެއް ނޫންކަން. އަދި މިލޮބުވެތި ޤައުމަށް ޚިދްމަތްވެސް ކުރާނެ މީހެއްކަން. ވީމާ، އިރާދަކުރެއްވިއްޔާ މާތްﷲ އަޅުގަނޑަށް މިދެއްވި ފުރުސަތުގެ ބޭނުން، މާތްވެގެންވާ އިސްލާމްދީންގައި އޮތްގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ބުނާގޮތަށް އަދި އަޅުގަނޑަށް ދެއްވާ އިރުޝާދާއި ނަސޭހަތުގެ ތެރެއިން ޢިއްޒަތްތެރި ރައީސް ދެއްވާ އިރުޝާދާއި ނަސޭހަތުގެ ތެރެއިން އަޅުގަނޑު މިހިރީ މަސައްކަތް ކުރުމަށްޓަކައި. ޝުކުރިއްޔާ


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ބައެއް ސުވާލު އަޅުގަނޑު ނަގާނަން ކުޑައިރުކޮޅެއް، ފަނަރަ ވަރަކަށް މިނެޓް.

މިޞްބާޙް ޢައްބާސް - ދިޓީވީ:

އާދެ! ހަމަ ދެންމެ މަނިކުފާނުގެ ވާހަކައިގައި ފާހަގަކުރައްވައިފި، ކެބިނެޓުން އަދިވެސް މަގާމުތަކެއް އެމް.ޑީ.ޕީ.އަށް ހުސްކުރައްވާނެ ކަމަށް. މިހާތަނަށް އައިއިރު އަޅުގަނޑުމެންނަށް މިފެންނަނީ އެމް.ޑީ.ޕީ.ގެ ފަރާތުން މިކަމަށް ނޫނެކޭ ބުނަމުން އަންނަ މަންޒަރު. ކިހާ ވަގުތެއް ދެއްވާނަންތޯ އެމް.ޑީ.ޕީ.އަށް މިކަމުގައި ގޮތެއް ނިންމަން. ދެން މީގެކުރިން މީޑިއާއާ ބައްދަލުކޮށް މަނިކުފާނު ފާހަގަކުރައްވާފައިވަނީ މި ހިނގާދިޔަ ކަންތައްތަކުގެ ކޮންކަހަލަ ތަޙްޤީޤެއް ކުރިއަށް ގެންދެވުމަށްތޯ! ދެން ބަންޑާރަނައިބަކު ޢައްޔަނުކޮށްފައި، ޤާނޫނީ ލަފާހޯދުމަށްފަހު އެކަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައި އޮތީ. ކިހިނެއްތޯ މިހާރު އެކަން ނިމިގެންދިޔައީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ވަޒީރުންގެ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ކުރަމުން މިގެންދަނީ. އަދިވެސް ވަޒީރުންގެ މަޖިލިސްގައި އެމް.ޑީ.ޕީ.ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދުކޮށްގެން އެފަރާތަށް އަޅުގަނޑު ދަޢްވަތު އަރުވަން. ދެން އިރާދަކުރެއްވިއްޔާ އެމް.ޑީ.ޕީ.ން އެކަމަށް ތައްޔާރުވުމުން އަޅުގަނޑުމެން ތިބޭނީ ހަމަ އެކަމުގައި ވަރަށް ހުޅުވިގެން ކުރާގޮތަށް. އެހެންވީމާ، އެހިސާބަށް ދިޔައިމާ އަޅުގަނޑު ހަމަ އަޅުގަނޑުގެ ހުރިހާ އެކުވެރިކަމަކާ އެއްބާރުލުމެއް އެމް.ޑީ.ޕީ.އަށް ލިބިވަޑައިގަންނަވާނެ. ދެން މި އިންވެސްޓިގޭޝަނާ ބެހޭގޮތުން ބަންޑާރަނައިބު މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުން. ކިހިނެއްތޯ އެމަސައްކަތް ކުރުމުގައި އެންމެ ރަނގަޅުވާނީ ބައްލަވަމުން. ދެން ލަފައެއް މާލަހެއްނުވެ އަޅުގަނޑަށް ދެއްވާނެ ކަމަށް މިއަދު ވިދާޅުވެފައިވަނީ.

އަޙްމަދު ޙަމްދޫން - ހަވީރު ނޫސް:

އަޅުގަނޑު ދެންމެ މިޞްބާޙް އެފާހަގަކުރެއްވި ސުވާލާ ގުޅޭގޮތުން ދަންނަވާލާނަން، ފުރަތަމަ ސުވާލަކަށް. އިއްޔެ އިއްތިޙާދުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ ކެބިނެޓްގެ ފަސް މަގާމުގެ ތެރެއިން ތިން މަގާމު އެމް.ޑީ.ޕީ.އަށް ހުސްކޮށްފައި އޮތް ވާހަކަ. އެއީ، ރަނގަޅު ވާހަކައެއްތޯ. ހަމަ ތިންމަގާމުތޯ އޮތީ ހުސްކޮށްފައި؟
އަދި ދެވަނަ ސުވާލެއްވެސް އެބައޮތް މަނިކުފާނު އިޒުނަދެއްވައިފިއްޔާ. އެއީ، ނައިބު ރައީސް ޢައްޔަނު ކުރެއްވުމަށް މަޖިލީހަށް ފޮނުވާއިރުގައި މަޖިލީހުގެ ކޮމްޕޮޒިޝަން މިވަގުތު އޮތް ގޮތް މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމުގައި އަޅުގަނޑު ގަބޫލުކުރަނީ. އެހާލަތުގައި އެކަން ފަސޭހައިން ވެދާނެ ކަމަށްތޯ ގަބޫލުފުޅު ކުރައްވަނީ އަދި ޞުލްޙަވެރި ޙައްލެއް މިކަމުގައި ހޯއްދަވައިގެން މަޖިލީހުން ނައިބު ރައީސްގެ ނަން އެޕްރޫވް ކުރެއްވުމަށްޓަކައި މަނިކުފާނު ކޮން މަގަކަށްތޯ ދަތުރުފުޅު ކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! މިހާރު ވަޒީރުންގެ މަޖިލިސްގައި އަދި ގޮނޑި ނުފުރާ ހުރި މަގާމުތަކުގެ އިތުރުން އަޅުގަނޑު ގަސްދުކުރަނީ ރައްޔިތުންގެ މަޖިލިސްގެ މަޝްވަރާއާއި އެހީއާއެކުގައި ކެބިނެޓަށް އަދި ބައެއް ބަދަލުގެންނަން. އެހެންވީމާ، އިތުރަށް މަގާމު ހިމަނަންޖެހިއްޖެއްޔާ އެކަން ކުރުމަށްވެސް އަޅުގަނޑު މިހިރީ ތައްޔާރަށް. ވީހާވެސް ފްލެކްސިބަލް ގޮތެއްގައި މިކަން ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. ދެން ތިޔަ ވިދާޅުވިހެން ރައްޔިތުންގެ މަޖިލިހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެން ބޭނުންވާ ކަންކަން ފާސްކުރުމަށްޓަކައި އުފައްދަންޖެހޭ މާޙައުލެއް އުފެއްދުމަށްޓަކައި އެމަސައްކަތް މިހާރު އަޅުގަނޑުމެން އެބަޖެހޭ ކުރަން. އެހެންވީމާ، އެގޮތުން އަޅުގަނޑު ރައްޔިތުންގެ މަޖިލިސްގެ ރައީސަށް އިއްޔެވެސް މަޝްވަރާ ކުރިން. އަދި އެ މަޝްވަރާ އަޅުގަނޑު އަދި ކުރިއަށް ގެންދާނަން. ގެންގޮސް ސިޔާސީޕާޓީތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލިސްގައި މިހާރު ތިއްބެވި ސިޔާސީ ޕާޓީތަކުގެ އެހީ ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރަމުން ގެންދާނަން. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން ހުށަހަޅާ ވަޒީރުންގެ މަޖިލިސްވެސް އަދި ނައިބު ރައީސްވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާނެ ކަމަށް.


ޢަބްދުއްލަޠީފް އާދަމް - މިއަދު ނޫސް:

އަޅުގަނޑު މިއަދު ނޫހުގެ ފަރާތުން ހަމަ ފުރަތަމަވެސް މިއަދު ޝުކުރު ދަންނަވާނީ ނައިބު ރައީސްކަން ޤަބޫލުފުޅު ކުރައްވައި މުޙަންމަދު ވަޙީދުއްދީން އަޅުގަނޑުމެންނާ ކުރިމަތިލެއްވީތީ. އެއީ، ވަޙީދުއްދީނަކީ ކުރީގައިވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ގޮތުގައި ހަމަ ވެއްޓެމުންދިޔަ އޭރުވެސް ބަދަލުވަމުންދިޔަ ސަރުކާރެއް ނެގެހެއްޓުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެއްވިގެންދިޔަ. ކަންކަން އަދި ކޮންމެ ގޮތަކަށް އޭރުގެ މާޙައުލު ބަދަލުވެގެން ދިޔަ ނަމަވެސް. އެހެންވީމާ، މިހާރުވެސް އާ ޢަޒުމަކާ އެއްކޮށް އަޅުގަނޑުމެންގެ ތެރެއަށް ވަޑައިގެން ހިނިފުޅުވަޑުވާލައްވައި ހުންނެވީމާ ވަރަށް އުފާވޭ އަސްލުގައި. ދެން އެހެންވީމާ ވަރަށްބޮޑަށް މަރްޙަބާ ދަންނަވަމުން، އަޅުގަނޑު ރައީސަށް ދަންނަވާލަން ބޭނުންވަނީ، މިހާރު އަޅުގަނޑުމެންގެ ތެރޭގައި މިއީ، އަޅުގަނޑު ހަމަ ކުރީގައިވެސް ސަރުކާރު ބަދަލުވީމާ އަޅުގަނޑު އިސްކަންދީގެން ސުވާލު ކުރަމުން ގެންދިޔަ މައްސަލައެއް މިއީ މާލީ މައްސަލަތައް. މިހާރު އަޅުގަނޑުމެން އިވެމުންދާ އަޑުތަކުގައި އަބަދުވެސް ދެކެވެނީ މިފާއިތުވި ތިން އަހަރުގެ ހުރި ކޮރަޕްޝަންތަކާއި އެހެން މައްސަލަތަކުގެ ވާހަކަ. އެމައްސަލަތައް ވަރަށް އަވަހަށް ތަޙްޤީޤު ކުރަން މަސައްކަތް ކުރާނެ ވާހަކައާއި ކޮމިޝަންތަކުގައި ބާރުއަޅާނެ ވާހަކަ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި ވަރަށް ބައިވަރު މައްސަލަތަކެއް. އެހެންވީމާ، ހުރިހާ ބޭފުޅުންވެސް އަދި މިހާރުގެ ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުންވެސް ހަމަ އަޅުގަނޑުމެންނާ ވާހަކަދައްކަވާއިރު އެބަ ވިދާޅުވޭ ކޮރަޕްޝަން ފޮހެލައިގެން ނޫނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅެއް ނުކުރެވޭނެޔޭ. ކޮރަޕްޝަން މައްސަލަތައް މިހެން އޮތްހާއިރަކު އަޅުގަނޑުމެންނަށް ދައުލަތުގެ ތެރެއިން ވައްކަން ހަމަ ޙަޤީޤަތުގައި ވައްކަން ކުރެވެމުންދާހާ ދުވަހަކު ޤައުމުގެ މާލީ ޙާލަތަށް އަޅުގަނޑުމެންނަށް މިއެދޭ ބަދަލެއް ނުގެނެވޭނެޔޭ. އެހެންވީމާ، ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންގެ ތެރެއަށް ގެންނަން އެބަހުރި ބައިވަރު މައްސަލަތައް ހަމަ ތިންއަހަރު އެކަންޏެއް ނޫން، ހަމަ ވަރަށް ކުރިއްސުރެ ފެށިގެންވެސް އަދި ފެންނަން ހުރި ރިޕޯޓްތައްވެސް އެހެރީ ހަމަ ހުރި ގޮތަށް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއަށް ވެރިވެފައި މިއޮތް ކޮރަޕްޝަންގެ ވަބާ ނުވަތަ ދައުލަތުގެ، ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުމުގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަށް މަނިކުފާނު ކޮންކަހަލަ ވިސްނުންފުޅެއްތޯ ގެންގުޅުއްވަނީ އެކަމާމެދު އެއްވެސް ވަރަކަށް ބަޙުޘްކޮށްލައްވާނެ ވަގުތެއް ވެއްޖެތޯ ނޫނީ ތިޔަ އެކުލަވާލައްވާ މަނިކުފާނަށް ލަފާއަރުވާ ކުންފުނި އެކުލަވާލެވުނީމަތޯ އެކަންތައްތައް ކުރިއަށްދާނީ ނޫނީ މިކަމުގައި އެއްވެސް އެއްޗެއް ވިދާޅުވެދެއްވެން އެބައޮތްތޯ؟

 


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! މިވަގުތަކީ މިއީ އަޅުގަނޑުމެން ޤައުމުގައި ޞުލްޙަމަސްލަޙަތު ޤާއިމުކޮށް އަމަންއަމާންކަން ޤާއިމު ކުރަންޖެހިފައިވާ ވަގުތެއް. މިވަގުތަކީ އެއްގޮތަކަށްވެސް ހަމަނުޖެހުން އުފެދޭ ކަހަލަ ވާހަކަތަކެއް ދައްކަންޖެހޭ ވަގުތެއްނޫން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ މިދެންނެވި ކަހަލަ ހަމަޖެހޭ މަރުޙަލާއަކަށް ގެންދެވުމަށްފަހުގައި އަޅުގަނޑުމެން ދެންހުރި އެހެން ކަންތައްތަކަށް ވިސްނަންޖެހޭނީ. އަޅުގަނޑެއް ހަމަގައިމުވެސް އެއްވެސް ކަހަލަ އިންވެސްޓިގޭޝަނެއްގައި އަޅުގަނޑު އަތެއް ނާޅާނަން. ﷲ އިރާދަކުރެއްވިއްޔާ މިޤައުމުގައި ޤާޢިމުކުރެވިފައިހުރި މުއައްސަސާތައް ބޭނުންކޮށްގެން އެފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް އަޅުގަނޑަށް ދެވެންހުރި ހުރިހާ އެއްބާރުލުމެއް ދީގެން އެހެންހުރި މައްސަލަތައްވެސް އަޅުގަނޑު އުންމީދުކުރަން، ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދެވޭނެ ކަމަށް. ދެން އެނގިވަޑައިގަންނަވާނެ ފަދައިން އަދި އަޅުގަނޑުމެން މިއުޅެނީ ވަޒީރުންގެ މަޖިލިސްވެސް މުޅިން އެކުލަވާލާ ނުނިމިގެން. އަދި ފައިނޭންސް މިނިސްޓްރީގެ މަގާމުވެސް ނުފުރި. އެހެންވީމާ، މާލީ ވަރަށް ބޮޑެތި ކަންތައްތަކެއް އެބަހުރި. އެކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި މިހާރު ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ބައެއް އިޤްތިޞާދީ މާހިރުންނާއެކުގައި އެމަސައްކަތް މިހާރުވަނީ ފެށިފައި. ﷲ އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އަޅުގަނޑުމެންނަށް، ކަމަށް އެކަށީގެންވާ ރަނގަޅު ފައިނޭންސް މިނިސްޓަރެއްވެސް ލިބޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑު އެއީ، ސީނިއަރ މަގާމަކަށްވާތީ އެމަގާމު އަދި ނުފުރާ މިމަޑުކޮށްލަނީ. ހުރިހާ ފަރާތަކުންވެސް އެއްބާރުލުން ހޯދުމަށްޓަކައި.

އަޙްމަދު ނައުޝާދު - ދިވެހިރާއްޖޭގެ އަޑު:

އަޅުގަނޑުގެ ސުވާލަކީ މަނިކުފާނު ކުރިން ވިދާޅުވެފައިވަނީ މަނިކުފާނަށް މިދިޔަ ސަރުކާރުގައި ނައިބުރައީސްކަން ކުރެއްވި އިރުގައިވެސް ވަރަށް ހިތި ތަޖުރިބާތަކެއް ކުރެވިފައިވާކަމަށް. އަދި މިހާރު ނައިބު ރައީސަކަށް ޢައްޔަނު ކުރައްވާ ބޭފުޅަކަށް ދައުލަތް ހިންގުމުގެ ކޮންމެވެސް ކަންތައްތަކެއް ހަވާލު ކުރައްވާނެ ކަމަށް. ދެން މިހާރު ނައިބު ރައީސެއް ޢައްޔަން ކުރެއްވުމުގެ މަސައްކަތުގައިވާއިރު ކޮން ކަންތައްތަކެއްތޯ ހަވާލު ކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކާ ނައިބު ރައީސަކާ ޖެހޭނީ ހަމަ ވަރަށް ރަނގަޅަށް ގާތުން މަސައްކަތް ކުރަން. ދެން އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންނަށް މިއޮތީ އެހެން މަސައްކަތް ނުކުރެވުމުގެ ހިތި ނަތީޖާ ކޮންމެވެސް ވަރަކަށް ފެނިފައި. އެހެންވީމާ، އެކަން ދެނެހުރެގެން އަޅުގަނޑު ގަސްދުކުރަން އަޅުގަނޑުގެ ނައިބުރައީސާ އެކީގައި ވަރަށް ގާތުން މަސައްކަތް ކުރަން. އަދި އެބޭފުޅާ ކުރައްވާނެ މަސައްކަތްތައްވެސް ވާހަކަ ދައްކައިގެން ހަމަޖެއްސުމަށް. ހަމަޖެއްސުމަށްފަހުގައި ހަވާލުކުރެވޭ މަސައްކަތެއް ކުރެއްވުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު އިރާދަކުރެއްވިއްޔާ އަޅުގަނޑު އަރުވާނަން. އަޅުގަނޑު މަސައްކަތް ކުރާނީ އެއްގޮތަކަށްވެސް އަޅުގަނޑު ކުރިން ދަންނަވާފައިވާނެ ފަދައިން އަޅުގަނޑު ބޭނުމީ އަޅުގަނޑާއެކީގައި މަސައްކަތް ކުރެއްވޭ ކަހަލަ ބޭފުޅަކު އިޚްތިޔާރު ކުރަން. އަދި އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ، އެއްވެސް އިންތިޚާބީ އުންމީދުތަކެއް ނުގެންގުޅުއްވާ، މީހުންގެ އިޙްތިރާމް ލިބިފައިވާ ބޭފުޅަކު ހޯދުން. އެގޮތުން އަޅުގަނޑު ހޯދި ހޯދުމުގައި އަޅުގަނޑަށް އެންމެ ރަނގަޅަށް އަޅުގަނޑާއެކީގައި މަސައްކަތް ކޮށްދެވޭނެ ކަމަށް އަޅުގަނޑަށް ފެނުނު ބޭފުޅަކު، އަޅުގަނޑު މި ޚިޔާރު ކުރީ. ކޮންމެހެން އެހެން މީސްމީހުންގެ މާގިނަ މީހުންގެ ޚިޔާލުތަކެއް ހޯދައިގެނެއް ނޫން. އަޅުގަނޑަށް އެނގޭ މީހަކު އަޅުގަނޑަށް ގާތުން މަސައްކަތް ކުރެވޭނެ ކަހަލަ މީހަކު، އަޅުގަނޑަށް އިތުބާރު ކުރެވޭ ކަހަލަ މީހަކު ހުރުން އެއީ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ދަންނަވާފައި އޮންނާނީ އަޅުގަނޑުގެ ގާތް އެހެން ސިޔާސީ އެކުވެރިންނާއެކުގައި އެހެން ސިޔާސީޕާޓީތަކުގެ ވެރިން އަރިހުގައި އަޅުގަނޑު ދަންނަވާފައި އޮންނާނީ މިކަން އަޅުގަނޑަށް ދޫކޮށްލައްވާށޭ. އަޅުގަނޑު ވަޒީރުންގެ މަޖިލީހުގެ ހުރިހާ މަގާމުތަކަކަށް ތިޔަބޭފުޅުން ވިދާޅުވާ ބަޔަކު އަޅުގަނޑު ލައްވާނަމޭ. އެކަމު މިމަގާމު އަޅުގަނޑަށް ދޫކޮށްލައްވާށޭ. އެއީ، އަޅުގަނޑު ކުރަންޖެހޭ މަސައްކަތޭ މިއީ. އަޅުގަނޑުގެ މަސައްކަތުގެ ތެރެއިން މަސައްކަތެއް އެބޭފުޅާއާ ހަވާލުކުރަން ޖެހެނީ. އެހެންވީމާ، މިކަމަކީ މިއީ އަޅުގަނޑުގެ ފުރިހަމަ އިޚްތިޔާރަށް އޮތް ކަމެއް ކަމަށް އަޅުގަނޑު ވާނީ ހުރިހާ ބޭފުޅުންނަށް ދަންނަވާފައި. ހުރިހާ ބޭފުޅުން އެކަން ޤަބޫލުފުޅު ކުރައްވާފައި އަޅުގަނޑަށް އެއްބާރުލުން ވަނީ ދެއްވާފައި. އެހެންވީމާ އަޅުގަނޑު ހުރިހާ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން އެކަމުގައި. ދެން އަޅުގަނޑު ޑީން އެކަން ޤަބޫލު ކުރެއްވިކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް އެނގޭ، އެމަނިކުފާނަކީ ޤައުމަށް އަބަދުވެސް ޚިދްމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް. ވަރަށްގިނަ ޖަމާޢަތްތަކަށް އެހީތެރިވެދެއްވާ ރައްޔިތުންގެ ގިނަބައެއްގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެއް. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން، އަޅުގަނޑުމެން ދެމީހުންނަށް ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް މަސައްކަތް ކުރެވޭނެކަމަށް. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރާނީ އަބަދުވެސް ވަރަށް ގާތްކޮށް ވަރަށް އެކުވެރިކަމާއެކީގައި.

އިބްރާހީމް ވަޙީދު - ހާމަ ޑެއިލީ:

އަޅުގަނޑުގެވެސް ދެސުވާލެއް އެބައޮތް. ފުރަތަމަ ސުވާލު ޙަމްދޫންގެ ސުވާލާ ގުޅުވާލައިގެން ނައިބު ރައީސް އަދި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ އިތުބާރު ލިބެން މިއޮތީ މަޖިލިސް ތެރެއިން. އެއްޕާޓީއަކަށް އެންމެގިނަ ބޭފުޅުން ތިއްބެވީ އެމް.ޑީ.ޕީ.ގައި. އެހެންވީމާ، މަޖިލީހުގެ ރައީސާ ވާހަކަ ދައްކަވައިގެން މިކަމުގައި ޙައްލެއް ލިބިދާނެ ކަމުގައި ޤަބޫލު ކުރައްވަންތޯ ސީދާ މަނިކުފާނު ޤަބޫލު ނުކުރައްވަންތޯ މިކަމުގައި މަޝްވަރާ ކުރައްވަން ޖެހޭނީ ސީދާ އެމް.ޑީ.ޕީ.އާ ކަމަށް. އެމް.ޑީ.ޕީ.އާ ވާހަކަ ދައްކައިގެން މިކަމަށް ޙައްލެއް ލިބޭނީ؟

ދެން ދެވަނަ ސުވާލެއްގެ ގޮތުން މިއަދު ބީބީސީގައި މަނިކުފާނު ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ތާއީދު ކުޑަވެގެން ކަމަށް. ދެން ރިޔާސީ އިންތިޚާބަށް ވަޑައިގެންނެވީ ޕެކޭޖަކާ އެއްކޮށް ކަމުގައިވާއިރު ރައީސްގެ ތާއީދު ދަށްކަމަށްވާނަމަ ނައިބު ރައީސަށް ތާއީދު އޮވެދާނެ ކަމަށް ގަބޫލުކުރެއްވޭތޯ ރައްޔިތުންގެ މެދުގައި؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ފަހުގެ ސުވާލަށް އަޅުގަނޑު ކޮންމެހެން މިވަގުތު ޖަވާބުދޭކަށް ގަސްދެއް ނުކުރަން. ތެދެއް ތިޔަ ވިދާޅުވިހެން ރައްޔިތުންގެ މަޖިލިސްގައި މިހާރު ތަމްސީލުކުރާ ހުރިހާ ޕާޓީއެއްގެ ތާއީދުވެސް އަޅުގަނޑު ހޯދަން ބޭނުން. އެހެންވީމާ، ހަމަ ތިޔަ ވިދާޅުވިހެން އަޅުގަނޑު މިހިރީ ހަމަ އެމް.ޑީ.ޕީ.އާވެސް ވާހަކަ ދައްކަން ހަމަ ތައްޔާރަށް. ދެން ރައްޔިތުންގެ މަޖިލިސްގެ ރައީސް މެދުވެރިކޮށްގެން ނަމަވެސް ނޫނީ ސީދާ ސީދާކޮށް ނަމަވެސް ވާހަކަ ދައްކައިގެން އެތާއީދު ހޯދުމަށްޓަކައިވެސް އަޅުގަނޑު މިހިރީ ތައްޔާރަށް. ދެން އަޅުގަނޑަށް ޔަޤީންކަން އެބައޮތް، މިހާރު މަޖިލިސްގައި ދެން ތިއްބެވި ހުރިހާ ބޭފުޅުންގެ ތާއީދު މިހާރުވެސް އަޅުގަނޑަށް ލިބޭނެ ކަމަށް.

Ramesh Irugalbandara - Channel 1 MTV, Sri Lanka:

Mr President, could you make a small brief statement in English for the benefit of the foreign media who have gathered here?

President Dr. Mohamed Waheed:

Sorry. The main reason why I came in front of the press today is to once again urge everyone to respect the need for calm and quiet on the streets of Male’, to engage in dialogue, and to work with the government to move forward peacefully.

And I have said that I am also proposing the essentials of a roadmap for moving ahead together towards peaceful resolution of the issues that we are facing today.

In addition to that I also talked about the formation of the cabinet. That I have now, I still have posts that I’m keeping, hoping that our colleagues in MDP will also join us and that I will continue to stay flexible even if that means restructuring the cabinet for sometime to accommodate MDP.

I also wanted to say that now I have the essentials of the roadmap which I am going to send to all the political parties and seek their suggestions on how to make it acceptable for everyone. So I hope that will be an opportunity for every one of us to begin discussions around something.

And one very important reason for me to also come in front of you today is to announce that I have chosen the person that I would like to serve as my Vice President. I have always said to my colleagues in the other political parties that I will keep all the positions in the cabinet open to the other political parties. But when it comes to the post of the Vice President, I want to make that choice. They all supported me. They gave me their support. So I looked around and I found Mr Waheeduddeen to be the best choice, best person I know who can work closely with me. There may be better qualified people, but I also want that person to be someone who I can work with, who is close to me and I have full confidence in.

I was delighted that Mr Deen agreed to work with me. I am very confident that as a team we will be able to serve this country very effectively. So that’s in summary what I’ve said.

JJ Robinson - Minivan News:

Could you just say in English your opinions regarding the MDP allegations concerning the legitimacy of the government

Mohamed Waheeduddeen:

Your last question, it is very difficult for me to make a decision in 10 minutes after I am nominated for this post and I am still not officially the vice president

My reasons for accepting this post is I believe that people who have been working all these years in different government posts as well as a human rights commission member as a businessman I think it’s time and it is my responsibility to serve the nation when the nation is going in this direction violence, destruction innocent people losing jobs, specially young people losing jobs even that maybe MDP people. I do not want to see that. I want to see that everybody every party is treated equally that’s why I accepted the post because I believe the president and I have similar ideas and it’s possible for me to work with him and as the president reiterated many times today we would like to see MDP join the cabinet and I think there are great leaders among them and there’s no doubt about it. So I hope that we can work to serve a nation and not a party and that’s why I joined this government. Thank you.