ވެރިކަން ބަދަލުވިގޮތާ ބެހޭގޮތުން ކުރީގެ ރައީސް މުޙަންމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދޮގުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ބީ.ބީ.ސީ. ރޭޑިއޯގެ "ޓުޑޭ" ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން، ވެރިކަން ބަދަލުވެގެންދިޔައީ، ޣައިރުޤާނޫނީ ގޮތަކަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވި ކަމުގައިވީނަމަވެސް، މި ވާހަކަތަކުގައި އެއްވެސް ޙަޤީޤަތެއް ނެތް ކަމަށާއި، އެމަނިކުފާނަށް ރައްޔިތުންގެ ތާއީދު ނެތްކަން ޔަޤީންވުމުން، އަމިއްލަފުޅަށް އިސްތިޢުފާ ދެއްވީ ކަމުގައި ވިދާޅުވިއެވެ.

ބީ.ބީ.ސީ. ރޭޑިއޯގެ "ޓުޑޭ" ޕްރޮގްރާމަކީ، އިނގިރޭސިވިލާތާއި އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިލިއަނަށްވުރެ ގިނަބަޔަކު އަޑުއަހާ ޕްރޮގްރާމެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިދެއްވި ބަސްދީގަތުމުގައި، މިކަން ހިނގައިދިޔަގޮތް ބެލުމަށް، ކޮންމެ ފަރާތަކުން އަޔަސް، އެކަމަށް މަރުޙަބާ ވިދާޅުވާނެ ކަމަށާއި، ރައީސް ނަޝީދު އިސްތިޢުފާ ދެއްވާފައިވަނީ، އަމިއްލަފުޅަށް އެއްވެސް މަޖްބޫރުކަމެއްނެތި ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އެމަނިކުފާނު މިހާރު އަދާކުރައްވަމުން ގެންދަވަނީ، ޤާނޫނުއަސާސީއިން އެމަނިކުފާނު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ވާޖިބެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިވާހަކަފުޅުތަކުން، ރާއްޖޭގައި ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމު ކުރެއްވުމަށާއި، ޑިމޮކްރެޓިކް އުޞޫލުތަކުގެ މަތިން، ކަންކަން ގެންދެވުމަށް އެމަނިކުފާނު ބަހައްޓަވާ އަހަންމިއްޔަތު ސާބިތުވެގެންދެއެވެ. އެހެންކަމުން މިވަގުތަކީ، ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން ޤައުމީ މަޞްލަޙަތު އިސްކޮށް، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގެ ވަގުތެވެ.