އިކޮނޮމިކް ކައުންސިލެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކައުންސިލަކީ، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތްގޮތް ވަޒަން ކުރައްވައި، އިޤްތިޞާދު ރަނގަޅު ކުރެއްވުމަށްޓަކައި މިހާރުން މިހާރަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި އުފައްދަވާ ކައުންސިލެކެވެ. މި ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ މެންބަރުން ވަރަށް އަވަހަށް އިޢްލާނު ކުރައްވާނެއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ރާއްޖޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި، ސަރުކާރުގެ ޢިމާރާތްތަކަށް ލިބިފައިވާ ގެއްލުންތައް ބައްލަވައި، މަރާމާތު ކުރައްވަންޖެހޭ ތަންތަން ވީހާވެސް އަވަހަކަށް މަރާމާތު ކުރައްވައި، ޚިދްމަތް ދެއްވަން ފެށްޓެވުމަށްވެސް ނިންމެވިއެވެ.