ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ ޑިކްސަން ސަރަތުޗަންދްރަ ދޭލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ސަފީރަށް މަޢުލޫމާތު ދެއްވިއެވެ. އަދި، އެމަނިކުފާނު އެންމެ އިސްކަމެއް މިވަގުތު ދެއްވާ ކަމަކީ، ޤައުމުގައި އަމަން އަމާންކަން ގެނެސް ޤާނޫނީ ވެރިކަމެއް ޤާއިމް ކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްރީލަންކާއަކީ ރާއްޖެއާ އަބަދުވެސް ވަރަށް ގާތްގުޅުމެއް އޮންނަ ޤައުމެއް ކަމަށާއި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޑޮކްޓަރ މުޙަންމަދު ޢަލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.