އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ އޭޝިއާ ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ މިސްޓަރ ފްރާންސުވާ ސްޓަމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދިވެހި ރެޑްކްރެސެންޓް ސޮސައިޓީއިން މިހާރު ހިންގަމުން ގެންދާ ޕްރޮގްރާމްތަކާ ބެހޭގޮތުންނާއި، އެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ސަރުކާރަށް އެއްބާރުލުން ދެއްވޭނެ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރެޑް ކްރެސެންޓްގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމުގައި މަދަނީ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަކީ، މުހިންމު ކަމެއް ކަމަށް ވިދާޅުވެ، މިފަދަ ކަންކަމުގައި ވީހާވެސް ބޮޑަކަށް މުޖްތަމަޢުގެ އެއްބާރުލުން ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި، ރެޑް ކްރެސެންޓްގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިސްޓަރ ފްރާންސުވާ ސްޓަމް ދެއްކެވި ވާހަކަފުޅުގައި، އެ ޖަމްޢިއްޔާއިން މިހާތަނަށް ހިންގާފައިވާ ޙަރަކާތްތަކުގައިވެސް ސަރުކާރުގެ އެއްބާރުލެއްވުން ލިބިފައިވާކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.