ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔޫ ހޮންގްޔާއޮ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުން ޗައިނާގެ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޞުލްޙަވެރި އަމާން މާޙައުލެއް ޤާއިމްކުރުމަށްޓަކައި، ހުރިހާ ސިޔާސީ ޕާޓީއަކުންވެސް، ޤައުމީ މަޞްލަޙަތު އިސްކުރައްވައި، ގުޅިގެން މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ އާ ސަރުކާރާއެކު މަސައްކަތް ކުރުމަށް ޗައިނާ ސަރުކާރު އޮތީ ތައްޔާރަށް ކަމުގައި އެޤައުމުގެ ސަފީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތައް ޙައްލު ކުރެއްވުމަށާއި، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅުއްވަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅުއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ޗައިނާ ސަފީރަށް ދެއްވިއެވެ.