ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން، ކޮޅުނބުގައި ހުންނަ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުގެ ސަފީރުން ހިމެނިވަޑައިގަންނަވާ ވަފްދުގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވީ، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މިދަނޑިވަޅުގައި އެންމެބޮޑު އަހަންމިއްޔަތެއް ދެއްވަނީ، ރާއްޖޭގައި އަމަންއަމާންކަން ޤާއިމް ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި މިގޮތުން ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމް ކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށާއި، މި ސަރުކާރުގައި އެމް.ޑީ.ޕީ. ތަމްސީލުވާނެ ގޮތަކަށް، އެފަރާތައް ދަޢުވަތު އަރުވާފައިވާނެ ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ބަދަލުވެގެންދިޔަގޮތާ ބެހޭގޮތުން މިނިވަން ތަޙްޤީޤެއް ހިންގެވުމަށް ހުންނެވީ ތައްޔާރަށްކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ހުރިހާ މިނިވަން މުއައްސަސާއަކަށްވެސް ފުރިހަމަ އެއްބާރުލުން ދެއްވައިގެން، މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން، އީ.ޔޫ. ވަފްދަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

އީ.ޔޫ. ސަފީރުން ދެއްކެވި ވާހަކަފުޅުގައި، އަލަށް އެކުލަވާލައްވާ ސަރުކާރުގައި، ހުރިހާ ސިޔާސީ ޕާޓީތަކެއް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ބަރނަޑް ސަވޭޖާއި، ފަރަންސޭސި ސަފީރު މިސް ކްރިސްޓީނާ ރޮބިޝޯނާއި، އިޓަލީ ސަފީރު ފެބްރީޒިއޯ ޕިއޯ އަޕިއަރާއި، ނެދަރލެންޑްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ލުޑޮވިކަސް ވިލްހެލްމަސް މަރިއަރ ޕިއޭއާއި، ޖަރުމަންވިލާތު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ޔެންސް ޕްލޯޓަނަރ، އިނގިރޭސި ޑެޕިއުޓީ ހައިކޮމިޝަނަރ މިސްޓަރ ރޮބީ ބުލޮކެވެ.