بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދިވެހިރާއްޖޭގެ އެކިއެކި ސިޔާސީ ޕާޓީތަކުގެ ވެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް. ރާއްޖޭގައި ޑިމޮކްރަސީ ޤާއިމްކޮށް ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން، އާ ފުރްޞަތުތަކެއް ދިވެހި ރައްޔިތުންނަށް ލިބިގެންދާ ދުވަސް. އާ އުންމީދުތަކަކާ އެކީގައި ދިވެހި ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި، ދައުލަތުގެ ވަޒީރުންގެ މަޖިލީހެއް އެކުލަވައިލުމުގެ ބޮޑު މަސައްކަތްތަކެއް ކުރެވުނު ދުވަސް.

އާދެ! ވަޒީރުންގެ މަޖިލީހުގައި މިއަދު އަޅުގަނޑު މި ޢައްޔަންކުރި ބޭފުޅުންނަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދިވެހި ޤައުމަށް ވަރަށް ފުރިހަމަ، ވަރަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެވިދާނެ ޤާބިލިއްޔަތާއި ތަޢުލީމު ހުރި ބޭފުޅުން. ތިޔަބޭފުޅުންގެ އިތުރުން އަދި ކެބިނެޓަށް، ވަޒީރުންގެ މަޖިލީހަށް އަދި އިތުރު މަގާމުތަކަށް، އަޅުގަނޑު ﷲ އިރާދަފުޅުން އިތުރު މެންބަރުން ޢައްޔަން ކުރަން ގަސްތު ކުރަން. އެކަން، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ކުރެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އެނގިވަޑައިގަންނަވާނޭ ފަދައިން، މިއަދު މި އެކުލަވައިލާ ވަޒީރުންގެ މަޖިލީހަކީ، މުޅި މި ޤައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް. އެގޮތުން، ވަޒީރުންގެ މަޖިލިސް އެކުލަވައިލުމުގައި، އަޅުގަނޑު ވާނީ އެކިއެކި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާ، ޚާއްޞަކޮށް، އެ ޕާޓީތަކުގެ ވެރިންނާ ފުރިހަމައަށް މަޝްވަރާ ކޮށްފައި. އެބޭފުޅުންގެ އޯގާތެރި ހިތްހެޔޮ އެހީތެރިކަން އަޅުގަނޑަށް ނުލިބި" މިމަސައްކަތެއް އަޅުގަނޑަކަށް ނުކުރެވުނީސް.

އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން. މިއަދު ތިޔަބޭފުޅުންގެ ކުރިމަތިން، ތިޔަ ފެނިވަޑައިގަންނަވާ ސިޔާސީ ލީޑަރުންނަކީ، ދިވެހި ޤައުމަށް ހިތްޕުޅުހެޔޮ، ޤައުމަށް ހެޔޮއެދިވަޑައިގަންނަވާ އިޚްލާޞްތެރި ބޭފުޅުންކޮޅެއް. އެބޭފުޅުންގެ އަމިއްލަ އެދުންފުޅެއްނެތި، ރާއްޖެއަށް މިދަނޑިވަޅުގައި، މި ޚާއްޞަ ވަގުތުކޮޅުގައި، އެންމެ ފުރިހަމައަށް ޚިދްމަތް ކޮށްދެއްވިދާނެ ބޭފުޅުންކޮޅެއް ކަމަށް ފެނިވަޑައިގަންނަވައިގެން، މިއަދު މި ޢައްޔަން ކުރެވުނު ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވަނީ. އެކަމަށްޓަކައި އަޅުގަނޑު ސިޔާސީ ޕާޓީތަކުގެ އަދި ހަމައެހެން، މަދަނީ ޖަމްޢިއްޔާތަކުގެ އިސްވެރިންނަށް، އަޅުގަނޑު ނިހާޔަތަށް، ދިވެހި ރައްޔިތުންގެ ނަމުގައާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު އުންމީދު ކުރަން، މި ސަރުކާރު މި އުފެދެނީ، ޤައުމުގައި ޞުލްޙަމަޞްލަޙަތު ޤާއިމްކޮށް، ޤައުމުގެ އެކުވެރިކަން ބަދަހިކޮށް، ޤައުމު، އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ކުރިއަރުވައި، ޤައުމުގެ ސިޔާސީ މަސްރަޙުގައި އުފެދިފައިވާ ފުން ވަޅުގަނޑުތަކުން ސަލާމަތްވެ، ޤައުމުގެ ސިޔާސީ މަސްރަޙަކީ، އޮމާން ތަނެއްކަމުގައިވެ، ޤައުމަށް ކުރިއެރުން ގެނެވޭނެ މަސައްކަތެއް. އަދި ކުރިއަށް މިއޮތް ދުވަސްވަރުގައި، އަޅުގަނޑު އުންމީދު ކުރަން، މިއަދު އަޅުގަނޑުމެންނަށް މިތަނުން އަދި ނުފެންނަ، އެހެން ނަމަވެސް، ރާއްޖޭގެ ވަރަށް މުހިންމު، އެންމެ މުހިންމު އެންމެބޮޑު އެއްޕާޓީ ކަމުގައިވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ބައިވެރިވުން އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް.

އެ އުންމީދުގައި އަޅުގަނޑުމެން އެންމެން މިތިބީ. ސަބަބަކީ، މިއަދު ޤައުމަށް އެބަ ބޭނުންވޭ، އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތްކޮށް، ޤައުމުގައި ޞުލްޙަ ޤާއިމްކޮށް، ޤައުމު ވެއްޓިފައިވާ ބޮޑު އިޤްތިޞާދީ އަދި ސިޔާސީ ވަޅުގަނޑުން ޤައުމު ނަގައިގެން، އަޅުގަނޑުމެންގެ ދަރިންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދޭން. މިދެންނެވި މަޤްޞަދުގައި މަސައްކަތް ކުރުމަށް، އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައިގެން، ސާބިތުކަމާ އެކީގައި މިތިބީ.

އަޅުގަނޑު ޔަޤީންކުރަން، މިއަދު މި ޢައްޔަން ކުރެވުނު ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނަކީ، ކަމަށް ޤާބިލް، ތަޖްރިބާކާރު، އެންމެ އެކަށޭނަ ބޭފުޅުން ކަމަށް. ތިޔަބޭފުޅުންގެ އަރިހުން ދިވެހި ލޮބުވެތި ރައްޔިތުންގެ ނަމުގައި އެދެން، ތިޔަބޭފުޅުން ޙަވާލުވެވަޑައިގަންނަވާ ދާއިރާތަކުގައި، ތިޔަބޭފުޅުންނަށް ވެވުނު އެންމެބޮޑު އިޚްލާޞްތެރިކަމަކާ އެކީގައި، ވީހާވެސް ހިންމަތާ އެކީގައި މަސައްކަތް ކޮށްދެއްވުމަށް. އަދި ތިޔަބޭފުޅުން މަސައްކަތް ކުރައްވާ ދާއިރާތަކަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ޙައްލު ކުރެއްވުމުގައި، އެއްގޮތަކަށްވެސް މަޑުނުޖެއްސެވުމަށް. ސަރުކާރުން ފަށްޓާފައިވާ މުހިންމު ބޮޑެތި ޕްރޮގްރާމްތައް، ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް ބަރާބަރަށް ދެމުން ގެންދެވުމަށް. އަދި ތިޔަބޭފުޅުންގެ މަސައްކަތްޕުޅުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވައި، އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިއްތެވުމަށް، އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް މިއަދު ނަޞޭޙަތްތެރިވަން. اللّـه سبحـانـه وتعـالى، ތިޔަބޭފުޅުންގެ މަސައްކަތުގައި ބަރަކާތް ލައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.