ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން، ބޭރުގެ މީޑިއާތަކާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ދިވެހި މީޑިއާއާ ބައްދަލުކުރެއްވުމަށްފަހު ބޭރުގެ މީޑިއާތަކާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޕްރެސްކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައިވެސް ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރު އޮތްގޮތާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު މިހާރު އެންމެ އިސްކަމެއް ދެއްވަމުން ގެންދަވަނީ ޤައުމުގަ އަމަން އަމާންކަން ޤާއިމްކުރައްވައި، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި މިގޮތުން، އެމަނިކުފާނު މިއެކުލަވާލާ ސަރުކާރުގައި އެމް.ޑީ.ޕީ.ވެސް ހިމެނެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށާއި، މި ދަޢުވަތު އެމް.ޑީ.ޕީ.އަށް އަރުވާފައިވާ ކަމުގައި ވިދާޅުވިއެވެ.

މި ޕްރެސްކޮންފަރެންސްގައި ރައީސް ނަޝީދު އިސްތިޢުފާ ދެއްވި ދެއްވުމާ ގުޅޭގޮތުންނާއި، މާލޭގަޔާއި ބައެއް ރަށްރަށުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.