އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އޭޝިޔާ މިސްޓަރ ރޮބަރޓް ބްލޭކާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ހިލާލީގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މިދަނޑިވަޅުގައި އެންމެބޮޑު އަހަންމިއްޔަތެއް ދެއްވަނީ، ރާއްޖޭގައި އަމަން އަމާންކަން ޤާއިމް ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ކެބިނެޓް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމް ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ.