މިދިޔަ ޖެނުއަރީ މަހުގެ 14 އިން ފެށިގެން މި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހާ ހަމައަށް، ރާއްޖޭގައި މި ހިނގާފައިވާ ކަންކަމުގެ ތަޙުޤީޤެއް، ވަރަށް އަވަހަށް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން އިޢުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިޢްލާނު ކުރެއްވީ، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙުގެ މައްޗަށް ބައްލަވާލައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. އެ ތަޙުޤީޤު ހިންގެވޭނެ ގޮތްތައް މިހާރު ބައްލަވަމުން އެބަ ގެންދަވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަގުމަތީގެ ހަލަބޮލިކަން ދޫކޮށްލެއްވުމަށާއި، އަމާންކަމުގެ ސުވަރުގެއެއް ކަމުގައި މަޝްހޫރުވެފައިވާ ދިވެހިރާއްޖެ، އެ ނަމަށް އެނބުރި ގެންދިޔުމުގެ މަސައްކަތް ފަށްޓަވައިދެއްވުމަށްވެސް، ރާއްޖޭގެ ރައްޔިތުންނަށް ގޮވާލެއްވިއެވެ. ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ކޮންމެ ދުވަހެއްގެ ފަލަ ސުރުޚީތަކުގައި، ތަޅާފޮޅުމާއި، ތަންތަން ރޯކުރުމުގެ ޚަބަރުތައް، ތަކުރާރުވާންވެއްޖެނަމަ، އަޅުގަނޑުމެންގެ އަމަންއަމާންކަމުގެ ނަން، އެހެން ގޮތަކަށް ބަދަލުވާކަށް، މާގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށާއި، މިކަމުގެ އަސަރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރުމަށް، ލަހެއްފަހެއްނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހި ހުރިހާ ރައްޔިތުންނާއި، ރައްޔިތުންގެ މުދާ ރައްކާތެރިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ދެއްވިއެވެ. އަދި ވޭތުވެދިޔަ ސަރުކާރުން ރައްޔިތުންގެ ހެވާއި ލާބައަށް ހިންގަވަން ފަށްޓަވާފައިވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ހުއްޓުމެއް ނުގެންނަވައި، ރައްކާތެރިކަމާއެކު ކުރިއަށް ގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަސްވެރިންނާއި ދަނޑުވެރިންގެ ސަބްސިޑީ ކަންތައްވެސް، މާލިއްޔަތު ތަންދިން މިންވަރަކުން ކުރިއަށް ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ސިވިލް ސަރވަންޓުންގެ މުސާރައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި، ސަރުކާރުގެ ލަފައާއެކު، މުވައްޒަފުންނަށް ލިބޭނެގޮތް ހަމަޖެއްސެވުމަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި އެކިގޮތްގޮތުން ވަޒީފާއިން ވަކިކުރެވިފައިވާ މީހުންނަށް، ޝަރީޢަތުން ކުރެވިފައިވާ ޙުކުމްތައް، ތަންފީޛު ކުރެއްވުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިޔާސީ ޕާޓީތަކާއި އަދި އެކިއެކި ސިޔާސީ ލީޑަރުންވެސް، ޤައުމުގެ ހަމަޖެހުމާއި، ޞުލްޙަމަސްލަޙަތަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖޭގެ މަގުތައް އަމާން ތަނަކަށް ހައްދަވައިދެއްވުމަށާއި، ރައްޔިތުންގެ މުދާ ރައްކާތެރިކޮށްދެއްވުމަށާއި، ހަނގުރާމަ ކުރުމުގެ ރޫޙު ދޫކޮށްލައްވައި، އެންމެން ވާހަކަ ދައްކައިގެން، ކަންކަން ކުރިއަށް ގެންދިޔުމުގެ ރޫޙު، ކުރިއަށް ނެރުއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޒިންމާދާރު ވެރިންގެ ގޮތަކީ، ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމެއް ނޫނެވެ. ޒިންމާދާރު ވެރިންގެ އުޞޫލަކަށްވާންވާނީ، އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކައިގެން، ޞުލްޙަވެރި ގޮތްތައް ހޯދުމެވެ.