ކޮމަންވެލްތުން ރާއްޖެއަށް ފޮނުވި ވަފްދުގެ އިސްވެރިއެއްގެ ގޮތުން ވަޑައިގެންނެވި ކޮމަންވެލްތުގެ ލީގަލް އެންޑް ކޮންސްޓިޓިއުޝަނަލް އެފެއާޒް ޑިވިޜަންގެ ޑިރެކްޓަރ އަކްބަރު ޚާން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ހިލާލީގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙުގެ މައްޗަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މިދަނޑިވަޅުގައި އެންމެ ބޮޑު އަހަންމިއްޔަތެއް ދެއްވަނީ، ރާއްޖޭގައި އަމަން އަމާންކަން ޤާއިމްކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ކުރައްވަންޖެހޭ ކަންތައްތަކާއި އަޅުއްވަންޖެހޭ އެކި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނީ، ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކެބިނެޓް އެކުލަވާލެއްވުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ހުރިހާ މިނިވަން މުއައްސަސާއަކަށްވެސް ފުރިހަމަ އެއްބާރުލުންދެއްވައިގެން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ކޮމަންވެލްތް ވަފްދަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެއިތުރުން، ކޮމަންވެލްތުން މިހާރުވެސް ލިބެމުންދާ އެހީތެރިކަމަށްޓަކައި އެ ޖަމްއިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.


ކޮމަންވެލްތުގެ ލީގަލް އެންޑް ކޮންސްޓިޓިއުޝަނަލް އެފެއާޒް ޑިވިޜަންގެ ޑިރެކްޓަރ އަކްބަރު ޚާން ދެއްކެވި ވާހަކަފުޅުގައި، އަލަށް އެކުލަވާލައްވާ ސަރުކާރުގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި އެޖަމްއިއްޔާއިން ގެންދަނީ، ރާއްޖެއަށް މިވަގުތު އެހީތެރިކަން ފޯރުވައިދެވެން ހުރި ދާއިރާތައް ފާހަގަކޮށް، އެއެހީތެރިކަން ފޯރުވައިދެމުން ކަމުގައި އަކްބަރު ޚާން ވިދާޅުވިއެވެ.