ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މާލޭސިޓީގެ މޭޔަރ މައިޒާން ޢަލިމަނިކާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިވަގުތު ކުރިމަތިވެފައިވާ ކަންކަން ޙައްލު ކުރެއްވުމަށް ސަރުކާރަށް އިތުރު ވަގުތު ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާލޭގައި އަމަންއަމާންކަން ޤާއިމް ކުރައްވައި، މާލެއަކީ އަމާން ތަނަކަށް ހެއްދެވުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރ މައިޒާން ޢަލިމަނިކު ދެއްކެވި ވާހަކަފުޅުގައި، މާލޭގެ ޞުލްޙަވެރިކަން ޤާއިމް ކުރައްވައި، އަމަންއަމާންކަން ރައްކާތެރި ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މާލޭގައި ބޭއްވޭ މުޒާހަރާތައްވެސް، ޞުލްޙަވެރިކަމާއެކު ކުރިއަށް ގެންދެވުމަށް ބާރުއަޅުއްވައިދެއްވާނެ ކަމުގައި މޭޔަރ ވިދާޅުވިއެވެ. މޭޔަރގެ ވާހަކަފުޅުގައި، ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކާ ބެހޭގޮތުންވެސް، މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދެއްކެވިއެވެ. އަދި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.