ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމަށް ފުވައްމުލަކު ދޫޑިގަން އީސްޓް ލައިޓް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމަށް މާފަންނު ސީނުކަރަންކާގޭ އަލްފާޟިލް މުޙަންމަދު ނާޒިމް ޢައްޔަން ކުރައްވައި، އެދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ، މިރޭ 8 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ވަރަށްދަތި މައްސަލަތަކެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި، އެބޭފުޅުންގެ ތަޖްރިބާތައް ބޭނުންކުރައްވައިގެން، ރައްޔިތުންނަށް ހަމަހަމަކަމާއި އިންޞާފްވެރިކަމާއެކު ކަންތައްތައް ކުރައްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެންމެ އިސްކަމެއް ދެއްވާ ކަމަކީ، ޤާނޫނާއި ގަވާއިދުތަކަށް އެންމެން ބޯލެނބުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދަށާއި، އަލްފާޟިލް މުޙަންމަދު ނާޒިމަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެދެބޭފުޅުން، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާ ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

މިދެބޭފުޅުންގެ ތެރެއިން ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދަކީ، ރައީސް މައުމޫންގެ ސަރުކާރުގައި، މިނިސްޓަރ އޮފް ޖަސްޓިސް ކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގައި ޑޮކްޓަރ ޖަމީލް ވަނީ މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން ކަމުގެ މަގާމު ފުރުއްވާފައެވެ.

އަލްފާޟިލް މުޙަންމަދު ނާޒިމަކީ، މީގެކުރިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެކި ރޭންކްތަކުގައި ވަރަށްދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެން.އެސް.އެސް.ގެ ލެފްޓެނަންޓް ކަމާއި، ފަސްޓް ލެފްޓެނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މޭޖަރ ކަމާއި، ލެފްޓެނަންޓް ކާނަލް ކަމާއި، ކާނަލް ކަމުގެ ރޭންކުގައި އެމަނިކުފާނު ޚިދްމަތް ކުރައްވާފައިވެއެވެ.