بســم اللّـه الرّحمـن الرّحيــم


ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން، السّــلام عليــكم ورحـمــة اللّـه وبـركاتـه،

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަކީ ސިޔާދަތު ލިބިގެންވާ އެއްޗެއް. ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންޖެހޭނޭ އުޞޫލުތަކާއި އިޖުރާޢަތުތައް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގައި. މި ބާރުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ އެންމެހާ މީހުންނާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ކޯޓުތަކާއި މުއައްސަސާތައް ހިމެނޭ.

މިއަދަކީ ޤާނޫނުއަސާސީގެ ސިޔާދަތު ކަނޑައެޅުނު ދުވަސް. މި ލޮބުވެތި ދިވެހި ޤައުމުގައި ޤާނޫނުގެ ވެރިކަން، އޭގެ އެންމެ ފުރިހަމަގޮތުގައި ކަނޑައެޅުނު ދުވަސް. އަދި ޤާނޫނުގެ ވެރިކަން ޤާއިމުކުރެވި، ޤާނޫނުގެ ރައްކާތެރިކަން، އެންމެ ދިވެހި ރައްޔިތުންނަށް ޔަޤީންވި ދުވަސް.


ލޮބުވެތި ދިވެހި ރައްޔިތުން.

މި ވޭތުވެދިޔަ ކުރު މާޟީގައި، ދިވެހި ޤައުމުވަނީ ވަރަށްދަތި ދުވަސްތަކެއް ވޭތުކޮށްފައި. މިއަދު ދިވެހި ރައްޔިތުންވަނީ ވަރަށްބޮޑު ނިންމުމެއް ނިންމަވާފައި. އަދި އެ ނިންމުމުގެ މަތިން، ރައްޔިތުން އެދޭ ގޮތުގެ ބަސްބުނެ، ޤާނޫނުއަސާސީގެ ސިޔާދަތު ޤާއިމުކޮށް، ކޮންމެ އަގެއް ދައްކައިގެންވެސް، ޤާނޫނުގެ ވެރިކަން ޤާއިމުކުރަން ޖެހޭނޭ ކަމަށް ކަނޑައަޅާފައި.

ޢިއްޒަތްތެރި ލޮބުވެތި ދިވެހި ރައްޔިތުން.

މިއަދުގެ ވަގުތެއްގައި ދިވެހިޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙަންމަދު ނަޝީދުވަނީ، ޤާނޫނުއަސާސީގެ 121 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިސްތިޢުފާ ދެއްވާފައި. އަދި އެމަނިކުފާނު އެ މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން، ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، އަޅުގަނޑު ދެންމެ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކޮށް، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، މާތްﷲގެ ވާގިފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެއްޖައިން. އަދި މިހާރު މިހުރީ ދިވެހި ދައުލަތް ހިންގުމުގެ ބުރަ މަސްއޫލިއްޔަތު މާތް ﷲ ގެ ވާގިފުޅާއެކީ ކޮނޑުގައި އަޅައިގެން.

ލޮބުވެތި ދިވެހިރައްޔިތުން.

އަޅުގަނޑު ތިޔައެންމެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ދައުލަތް ހިންގުމާ އަޅުގަނޑު ޙަވާލުވުމަށްފަހު، ޤައުމުގައި ކަން ހިނގާނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން. ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރުމަށް، އަޅުގަނޑު، ސިފައިންގެ މީހަކަށްވިޔަސް، ފުލުހަކަށްވިޔަސް އަދި ޢާންމު ފަރުދަކަށްވިޔަސް އަމުރެއް ނުކުރާނޭ ކަމުގެ ޔަޤީންކަން، ތިޔަ ލޮބުވެތި ރައްޔިތުންނަށް އަރުވަން. އަދި ޤާނޫނުއަސާސީ އާއި ޤާނޫނުގެ ހިމާޔަތް، ކޮންމެ ދިވެހި ފަރުދަކަށް ލިބިގެންވާ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑު އަރުވަން. ހަމަ މިނޭވާގައި، މިއަދު މަޤާމުން އިސްތިޢުފާ ދެއްވި، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދަށް، ޤާނޫނުއަސާސީއާއި، ޤާނޫނުގެ ދަށުން ލިބެންވާ އެންމެހާ ޙިމާޔަތް ލިބޭނޭ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. އަދި އެމަނިކުފާނުގެ ޢާއިލާއަށާއި ބޭފުޅުންނަށް ފުރިހަމަ ރައްކާތެރިކަން ލިބިވަޑައިގަންނަވާނޭ ކަމުގައިވެސް ޔަޤީންކޮށް އަރުވަން.

ލޮބުވެތި ދިވެހި ރައްޔިތުން.

ތަފާތު ބޮޑު، މަޞްލަޙަތު ގެއްލިފައިވާ ދުވަސްތަކަކަށްފަހު، މިއަދު މިއީ، ހުރިހާ ތަފާތުތަކެއް އެއްކައިރި ކުރުމަށްފަހު، އެއްބައިވާންވީ ދުވަސް. ޤައުމުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުން ދޫކޮށް، މިލޮބުވެތި ޤައުމުގެ ޙައްޤުގައި އަތުކުރި އޮޅާލަންވީ ދުވަސް. މި ލޮބުވެތި ޤައުމަކީ އަޅުގަނޑުމެންގެ ކާބަފައިންގެ އަގުހުރި މަސައްކަތުން އަޅުގަނޑުމެންނާ ޙަވާލުކޮށްފައިވާ އަމާނާތެއް. މި ޤައުމަށް އެއްވެސް ގެއްލުމެއް ލިބިދާނޭފަދަ ކަމެއް ކުރުމުގެ ޙައްޤު، އަޅުގަނޑުމެންގެ ހަމަ އެއްވެސް މީހަކަށް ލިބިގެނެއްނުވޭ. ވުމާއެކު، މި ލޮބުވެތި ޤައުމުގެ ޙައްޤުގައި އެންމެން އެކުގައި މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަން. މުސްތަޤްބަލުގެ ޖީލުތަކުގެ ޙައްޤުގައި މަސައްކަތް ފަށައި، ޑިމޮކްރަސީއާއި، ތަރައްޤީ އަދި ތަމައްދުނުގެ އާ ދުވަސްތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަން.

މިއަދު، އަޅުގަނޑު، ތިޔަ އެންމެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަން ބޭނުންވަނީ، ޤައުމުގެ ވެރިކަމުގައި، ކުރީގައި ތިއްބެވި އެއްވެސް ބޭފުޅަކަށް ބަދަލުހިފުމުގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުންވިޔަސް، ޤާނޫނާ ޚިލާފަށް އެއްވެސް ޢަމަލެއް ނުކުރެއްވުމަށް. އަދި ޤައުމުގެ އަމާންކަމާއި، ޞުލްޙަމަސަލަސްކަމަށް އިސްކަން ދެއްވުމަށް. މި ވަގުތަކީ ޙަސަދައާއި ރުޅިވެރިކަން އެކަހެރި ކުރުމަށްފަހު، ޤައުމުގެ މަޞްލަޙަތު އިސްކުރަންވީ ވަގުތު ކަމުގައިވާތީ، މިކަމަށް ސަމާލުވުމަށް ސިޔާސީ ޕާޓީތަކަށާއި، ޤައުމީ ދިފާޢީ ބާރުތަކަށާއި، އަދި ޢާންމު ފަރުދުންނަށް އަޅުގަނޑު ގޮވާލަން. އަދި ޤައުމުގައި އަމަންއަމާންކަމާއި، ޤާނޫނުގެ ވެރިކަން ޤާއިމުކޮށް، ރައްޔިތުންނަށް މަޑުމައިތިރިކަމާއި އަމާންކަމާއެކު ދިރިއުޅުމުގެ ފުރްޞަތު ހޯދައިދޭނޭ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ރައްކާތެރިކޮށްދޭނޭ ކަމުގެ ޔަޤީންކޮށް އަރުވަން. އަދި ޑިމޮކްރަސީގެ އަސާސްތައް ވަރުގަދަކޮށް، ރައްޔިތުންގެ ޙައްޤުތައް ފުރިހަމަ ގޮތުގައި ލިއްބައިދޭނޭ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑު އަރުވަން. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދޭނޭ ކަމުގައިވެސް ދަންނަވަން. ޤާނޫނުއަސާސީ އާއި ޤާނޫނު ނަގަހައްޓައި، ޤާނޫނުގެ ވެރިކަން ޙިމާޔަތް ކުރުމަށް، ރައްޔިތުންގެ މަޖިލީހަށާއި، ޝަރުޢީ ދާއިރާއަށާއި، ދިވެހި ޤައުމުގެ ދިފާޢީ ބާރުތަކަށާއި އަދި އެންމެހާ މުއައްސަސާތަކަށް އަޅުގަނޑު ގޮވާލަން.

މިދަނޑިވަޅުގައި ޤައުމުގެ ޙައްޤުގައި، ތެދުވެވަޑައިގަތް ކެރޭ، ތެދުވެރި، ދިވެހި ދަރިންނަށް، އަޅުގަނޑު އިޚްލާޞްތެރިކަމާއެކު އައްސަރިބަހާއި ސާބަސް ދަންނަވަން. ޚާއްޞަކޮށް، ދިވެހި ޤައުމުގެ ޙައްޤުގައި ޤާނޫނުއަސާސީއާއި ޤާނޫނުތައް ޙިމާޔަތް ކުރެއްވުމަށްޓަކައި ބޮޑެތި ޤުރްބާނީތަކެއް ވެވަޑައިގެންނެވި ދިވެހި ފުލުހުންނަށާއި ސިފައިންގެ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

ޤައުމުގެ ކަންކަން ހިންގުމުގައި އަޅުގަނޑު ވާގިއެދޭނީ، މާތް ﷲގެ ޙަޟްރަތުން. އަޅުގަނޑު އެހީތެރިކަމަށް އެދޭނީ، ތިޔަ ލޮބުވެތި ރައްޔިތުންގެ ކިބައިން.

މާތް ﷲ، ދިވެހި ޤައުމަށް އަދަށްވުރެ ފެހި މާދަމާއެއް ދެއްވާށި. ތިޔަ އެންމެ ބޭފުޅުންނަށް އުފާ ފާގަތިކަން މިންވަރު ކުރައްވާށި. މި ލޮބުވެތި ވަޠަން މިނިވަންކަމުގައި އަބަދުމެ ލަހައްޓަވާށި. އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.