ސްރީލަންކާގެ 64 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، މިރޭ ބޭއްވެވި ޚާއްޞަ ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާގެ ޖުމްހޫރިއްޔަތު ބިނާކުރުމުގައި، އިސް ދައުރެއް އަދާކުރެއްވި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާގެ މަސައްކަތްޕުޅު ފާހަގަކުރެއްވިއެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ސްރީލަންކާގައި ޞުލްޙަ ޤާއިމްކުރެވި، އެޤައުމު އަލުން އާރާސްތު ކުރެވުމަކީ، އެކަމުން ދެކުނު އޭޝިޔާ އަދި އިންޑިޔާ ކަނޑު ސަރަޙައްދުގެ ޤައުމުތަކަށް ބޮޑެތި ފައިދާތަކެއް ކުރަމުންދާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމު ދެމެދުގައި ޒަމާނުއްސުރެ ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރެއްވިއެވެ. އަދި ސްރީލަންކާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ނިމުމާ ގުޅިގެން، ދެކުނު އޭޝިޔާގެ ތަރައްޤީގެ މުހިންމު ބައިވެރިއަކަށް ސްރީލަންކާ ވެފައިވާ ކަމުގައި ވިދާޅުވިއެވެ.

މި ޙަފްލާގައި، ރާއްޖޭގައި ހުންނަވާ ސްރީލަންކާގެ ހައިކޮމިޝަނަރ ޑިކްސަން ސަރަތްޗަންދްރާ ވާހަކަފުޅު ދެއްކެވިއެވެ. އަދި އެވާހަކަފުޅުގައި ސްރީލަންކާއާއި ރާއްޖެއާ ދެމެދުގައި އޮތް ގާތް ގުޅުމަށް ބައްލަވާލެއްވިއެވެ.