بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ލޮބުވެތި ރައްޔިތުން!

السّـلام عليـكم

އަޅުގަނޑަށް މިއަދު ފެންނަ ފެނުމުގައި، އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސް ކަމުގައި ހުރެއްޖެނަމަ، ރާއްޖޭގެ ރައްޔިތުންނަށާއި އަދި ރާއްޖެއަށް އެތައް ގިނަގުނަ ގެއްލުންތަކެއް ވެދާނެ ކަމަށް އަޅުގަނޑަށް ފެންނާތީވެ، އަޅުގަނޑު މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުން މިއަދުން ފެށިގެން އިސްތިޢުފާ ދީފިން. އަޅުގަނޑަކީ އެއްވެސްއިރެއްގައި، ބާރުގެ ބޭނުންކޮށްގެން، ވެރިކަން ކުރުމަށް އެދޭ މީހެއް ނޫން.

އަޅުގަނޑު ދުށްގޮތުގައި، އަޅުގަނޑަށް ފެނުނު ގޮތުގައި، ސަރުކާރު ދަމަހައްޓާން ވެއްޖެނަމަ، ނުހަނު ބޮޑަށް ބާރުގެ ބޭނުން ކުރަންޖެހި، އެތައް ރައްޔިތުންނަކަށް ގެއްލުންވާނެ ކަމަށް، އަޅުގަނޑަށް ހިތުގެ އަޑިން ގަބޫލު ކުރެވޭތީވެ، އަޅުގަނޑު މި ނިންމުން ނިންމީ. ހަމައެއާއެކުގައި، އަޅުގަނޑަށް ފެނުނު ގޮތުގައި، ސަރުކާރު އިތުރަށް ދެމެހެއްޓުމަށް މަސައްކަތް ކޮށްފިނަމަ، ރާއްޖެއަށް ބޭރުގެ ނުފޫޒުތައް އައުމަކީ، ވަރަށް އެކަށީގެންވާ ކަމެއް ކަމަށްވާތީވެ، މި ޤައުމަށާއި، މި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އަބަދުވެސް ހެޔޮއެދޭތީވެ އަދި ކުރިއަށް އޮތް ތަނުގައިވެސް ނުހަނު ހެޔޮއެދޭތީވެ، އަޅުގަނޑު މިއަދު މި ނިންމީ، ވަރަށް ހެޔޮހިތުން އިޙްތިރާމާއެކު، ރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ދެއްވާފައިވާ ނުހަނު ބޮޑު ތާއީދާއި އަޣްލަބިއްޔަތު ހަނދާންކޮށް، އެ ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި އަޅުގަނޑު މި ރާއްޖޭގެ ރައީސްކަމުން އިސްތިޢުފާ ދިނުން.

އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ނުހަނު ޝުކުރު ދަންނަވަން. އެ ރައްޔިތުން، އަޅުގަނޑާ އެކުގައި، މިދިޔަ ތިން އަހަރު ދުވަހު، ނުހަނު ބުރަ މަސައްކަތް ކުރައްވައިފި. އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑު ދެކޭގޮތުގައި، އެމަސައްކަތްތަކުން މި ރާއްޖޭގެ ރައްޔިތުންނަށާއި، މި ރާއްޖެއަށް ނުހަނު ފައިދާ އަދި މަންފާވެސް ކޮށްފި.

އަޅުގަނޑު އެދެނީ، ރާއްޖޭގައި އަބަދުވެސް ޑިމޮކްރެޓިކް ހަމަތައް ޤާއިމްވެފައި އޮތުން. އަޅުގަނޑު އެދެނީ، ރާއްޖޭގައި އަބަދުވެސް އިންޞާފް ޤާއިމްވެފައި އޮތުން. އަޅުގަނޑުގެ އަބަދުވެސް ބޭނުމަކީ، މި ރާއްޖެއަށް ތަރައްޤީއާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުން.

އަޅުގަނޑު އުންމީދު ކުރަނީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެން ރައްޔިތުންނަށް ލިބޭނެ ކަމަށް. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم