ރާއްޖޭގެ ޖަލުތަކުގައި، ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކަށް ތަފާތު ބޮޑެތި ލާއިންސާނީ އަނިޔާތައް ކޮށްފައިވާތީ، އެ މައްސަލަތަކަށް އިންޞާފް ހޯއްދަވައިދެއްވުމަށް ބާރުއަޅުއްވައި ދެއްވުމަށް، ޓޯޗަރ ވިކްޓިމްސް އެސޯސިއޭޝަނުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަރިހުގައި އެދިވަޑައިގެންފިއެވެ. އެ ޖަމްޢިއްޔާގެ ފަރާތުން މިކަމަށް އެދިވަޑައިގަތީ، އެ ޖަމްޢިއްޔާގެ ބޯޑު މެންބަރު އާމިނަތު ނަޖީބް މިއަދު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި، އެ ޖަމްޢިއްޔާއިން މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކާއި، ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވަމުންނެވެ.

ޓޯޗަރ ވިކްޓިމްސް އެސޯސިއޭޝަނަކީ، އަނިޔާ ލިބިފައިވާ މީހުންނަށް އިންޞާފް ލިބިދިނުމާއެކު، އެފަދަ ޖަރީމާތައް ތަކުރާރުވިޔަނުދިނުމަށް މަސައްކަތް ކުރުމުގެ މަތިވެރި މަޤްޞަދުގައި އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. މިގޮތުން، ރާއްޖޭގެ ޖަލުތަކުގަޔާއި އަދި އެހެނިހެން ގޮތްގޮތުން އަނިޔާ ލިބިފައިވާ 100 ފަރާތަކާ، އެ ޖަމްޢިއްޔާގެ ފަރާތުން އިންޓަރވިޔުކޮށް، އެމީހުންނަށް ލިބިފައިވާ އަނިޔާތައް، އެ ޖަމްޢިއްޔާއާ ޙިއްޞާ ކޮށްފައިވާ ކަމަށާއި، އެމީހުންގެ އެދުމުގެ މަތިން، އެކަމަށް އިންޞާފް ހޯއްދަވައިދެއްވުމަށް، އެ ޖަމްޢިއްޔާގެ ފަރާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އާމިނަތު ނަޖީބް ވިދާޅުވިއެވެ. އަދި މި މައްސަލަތައް ތަޙްޤީޤު ކުރައްވައި، ޝަރީޢަތަށް ހުށަހަޅުއްވައިގެން، އެމީހުންނަށް އިންޞާފް ހޯއްދަވައިދެއްވުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށް، އެ ޖަމްޢިއްޔާއިން މިހާރު ހުށަހަޅުއްވައިފި ކަމަށާއި، މިގޮތުން އަދި ހުށަހެޅުއްވީ، 25 ފަރާތެއްގެ މައްސަލަ ކަމުގައި އާމިނަތު ނަޖީބް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތާނގައި، އެހެން ފަރާތްތަކުގެ މައްސަލަތައްވެސް ހުށަހަޅުއްވަމުން ގެންދަވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޓޯޗަރ ވިކްޓިމްސް އެސޯސިއޭޝަނުން މިކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ، ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ތަޢުރީފުކުރާނެ އަދި އެކަމަށް ޝުކުރުވެރިވާނެ މަސައްކަތްތަކެއް ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް، ވަރަށް ބޮޑެތި އަނިޔާތަކެއް، މިވޭތުވެދިޔަ 30 އަހަރު ލިބިފައިވާކަން އެއީ، އަޅުގަނޑުމެން އެކަކަށްވެސް އޮޅިފައި އޮތް ޙަޤީޤަތެއް ނޫން ކަމަށާއި، އެހެން ނަމަވެސް، ޝަރްޢީ ނިޒާމާއި އަދި އެހެނިހެން ކަންކަންވެސް ހުރިގޮތުގެ ސަބަބުން، މިއަދާ ހަމައަށްވެސް މިއިން އެއްވެސް ކަމެއްގައި ވަނީ އިންޞާފް ނުލިބި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް އެހީތެރިވެދެއްވައިގެން އަދި ޝަރީޢަތުގެ ތެރެއިން، ވެވަޑައިގެންނެވި ވަރަކުން މިކަންކަމަށް އިންޞާފް ހޯއްދަވައިދެއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިފަރާތްތަކަށް އިންޞާފް ހޯއްދަވައި ދެއްވުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިކަން ކުރުމަށް، ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ފުރިހަމަ ބާރާއި އިޚްތިޔާރު ލިބިދީފައި އެބައޮތް ކަމަށާއި، މިއަދާ ހަމައަށް، އެ ބާރުތައް އެމަނިކުފާނު ބޭނުންފުޅު ކުރައްވަމުން ގެންދަވާފައިނުވާ ކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް، ރައްޔިތުންގެ ޙައްޤާ ގުޅޭގޮތުން ކަންކަން މެދުވެރިވީމާ، އެއިރެއްގައި ކުރެވެންހުރި ކަމެއް ކޮށްގެންވެސް އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް އިންޞާފް ލިބޭތޯ ބައްލަވައިދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޙަސަން ޢަފީފް ދެއްކެވި ވާހަކަފުޅުގައި، ކުރީގެ ސަރުކާރުން ރާއްޖޭގެ ވަރަށްގިނަ ބަޔަކަށް، ވަރަށް ބޮޑެތި ލާއިންސާނީ އަނިޔާތައް ކޮށްފައިވާކަން އެއީ ރާއްޖޭގެ ރައްޔިތުންނަށް ވަންހަނާވެގެންވާ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.