بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޒުލްފާ، ދައުލަތުގެ އެހެން ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރަށުގެ ކައުންސިލަރުން، އަތޮޅު ކައުންސިލަރުން، އަދި ވަކިން ޚާއްޞަކޮށް، މިތަނަށް ވަޑައިގެން ތިއްބެވި ގަމުގެ އެންމެހާ ރައްޔިތުން.

السّـلام عليـكم

އަޅުގަނޑުމެންނަށް މިއަދު މި ތަޢާރުފް ކުރެވެނީ، އަޅުގަނޑުމެން އުންމީދުކުރާ، ތިޔަބޭފުޅުންގެ އާމްދަނީ އިތުރުކުރުމަށް، ވަޒީފާގެ ފުރްޞަތުތައް ރާއްޖޭގައި ފަހިކުރުމަށް، ޒުވާނުންނަށް ކުރެވޭނޭ ކަންކަން، ދިރިއުޅުމެއް ހޯދުމަށްޓަކައި، އާމްދަނީއެއް ހޯދޭނެ ގޮތްތައް ތަންފީޛު ކުރުމަށްޓަކައި، މި ރާއްޖެއަށް ލިބިފައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން، އެކަންކަން ފަރުމާ ކުރުމުގެ މަސައްކަތެއް.

ޓޫރިޒަމްގެ ވިޔަފާރި، މި ރާއްޖޭގެ ރަށްތަކަށް ގެނައުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. މި ރާއްޖޭގެ ޤުދްރަތީ ވަސީލަތްތަކުގެ ތެރެއިން، މި ރާއްޖެއަށް އެންމެ ރަނގަޅު ނަފާއެއް ލިބޭ ވަސީލަތަކީ، ހަމަކަށަވަރުންވެސް މި ރާއްޖޭގެ ޤުދްރަތީ ރީތިކަން. މި ރާއްޖޭގެ ގޮނޑުދޮށްތަކާއި، މި ރާއްޖޭގެ މޫސުމާއި އަދި އެއަށްވުރެންވެސް މާބޮޑަށް މި ރާއްޖޭގެ ހިނިތުންވެފައި ތިބޭ ރައްޔިތުން. އެއީ، މެހްމާންދާރީ އަދާކުރުމަށް، ފަތުރުވެރިކަމަށް ލިބިފައިވާ ވަރަށްބޮޑު ޤުދްރަތީ ވަސީލަތެއް.އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މިދެންނެވި ޤުދްރަތީ ވަސީލަތްތައް ބޭނުންކޮށްގެން، މި ރާއްޖޭގެ ހަމަ މުއްސަނދިކަން، މި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުން.މިއަދު މިހުޅުވޭ ހޮޓަލަކީ، މިދެންނެވި މަސައްކަތުގެ ފެށުން.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ދިވެހި ސަރުކާރާ ޙަވާލުވެ މިތިބީ، އެ ޕާޓީ ސަރުކާރާ ޙަވާލުވުމުގެ ކުރީގައި އެކުލަވައިލެވުނު ފަލްސަފާއެއްގެ މަތީގައި މަސައްކަތް ކުރުމަށް ވަޢުދުވެގެން. މި ފަލްސަފާ ބިނާކުރެވުނީ އަދި އެ އުޞޫލުތައް ކަނޑައެޅުނީ، ތިޔަބޭފުޅުން ރަނގަޅަށް ހަނދާން ހުންނާނެ، އަޅުގަނޑުމެން ދޮރުންދޮރަށް ހިނގާ، ތިޔަބޭފުޅުން ގާތު އެތައް ވާހަކައެއް އަހާ، ކިތަންމެ ވާހަކައެއް ދައްކާ ހެދީމު. އަޅުގަނޑުމެންނަށް ފާހަގަވި އެއްކަމަކީ، މި ރަށްރަށުގެ ރައްޔިތުން، އެންމެ ބޮޑަށް އެދެނީ، ވަޒީފާގެ ފުރްޞަތަށްކަން. ސަރުކާރަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ސަރުކާރުން ވަޒީފާ ހޯދައިދެވެން ނޯންނާނެކަން އެއީ، އަޅުގަނޑު ހިތުން އެއްވެސް ދިވެއްސަކު ގަބޫލު ނުކުރާނެ ވާހަކައެއް ނޫން. އެހެން ނަމަވެސް، ސަރުކާރެއްގެ ވާޖިބެއް އެއީ، ރައްޔިތުންނަށް ވަޒީފާގެ ފުރްޞަތުތައް ފަހިވާނެގޮތަށް، ދައުލަތާއި، އިޤްތިޞާދާއި އަދި މުޅި ސަރުކާރު ހިންގަމުން ގެންދިޔުން. އެހެންވީމާ، މިފަދަ ތަންތަން ބިނާވެ، އެތަންތަނުގެ ވިޔަފާރި ހިނގުމަކީ ބޭނުންތެރި ކަމަކަށްވެގެން މިދަނީ.

އަޅުގަނޑުމެންނަށް މިއަދު މިލިބޭ އުފަލަކީ، ވަރަށް ހީވާގި ދެމަފިރިއަކު، ވަރަށް ހީވާގި، ވަރަށް ޒުވާން ވިޔަފާރިވެރިއެއްގެ އުންމީދު ޙަޤީޤަތަކަށްވެގެންދާތަން. އަޅުގަނޑު، މަޖީދުގެ ދެކަނބަލުންނާ ގުޅޭގޮތުން ދައްކާނެ އިތުރު ވާހަކައެއް، ޙަޤީޤަތުގައި ނެތް. އަޅުގަނޑަށްވުރެ މާ ފުރިހަމަކޮށް ދައްކާފައި އޮތީ، ޤުދްރަތުން ގުޅުވައިފި ދެހިތެއް ސަފުން ވަކިވެގެން ހިނގައިދާނެބާއޭ. މިދެމަފިރިންނަކީ އަޅުގަނޑު ވަރަށް ކުރިއްސުރެ ފަށައިގެން ދަންނަ ދެމަފިރިން. އަޅުގަނޑުމެން މަދްރަސީ ދައުރުއްސުރެ ފަށައިގެން ޖަވާޖީ ޙަޔާތަކަށް އުންމީދުކުރާ ދެމަފިރިން. އެބޭފުޅުން އާރާސްތު ކޮށްފައިވާ އެއްވެސް ތަނެއް އަޅުގަނޑު ނުދެކެން ނިކަމެތިވެދާތަނެއް. އެބޭފުޅުންނަކީ އެހެންވެގެން، ފުރިހަމަ ވިޔަފާރިއެއް ހިންގޭނެ، ހަރުދަނާ ޢާއިލާއެއް ބިނާކޮށް އުޅޭ، ވަރަށް ޝަޚްޞިއްޔަތު ވަރުގަދަ، ފައްކާ މާލޭ ދެމަފިރިން. އެ ދެމަފިރިންނާއެކުގައި މިރަށުގެ ތަރައްޤީގެ މަސައްކަތްތައް، މިރަށުގެ ރައްޔިތުން ކުރާން ނިންމާފައިމިވާކަމީ، އަޅުގަނޑު ހިތުން އެއީ، ތިޔަބޭފުޅުންނަށްވެސް މިކަމުގައި ދުރުވިސްނޭކަން. އަދި ތިޔަބޭފުޅުންނަށްވެސް މިތަން ކުރިއަށް ގެންދެވިދާނެކަން ގަބޫލުކުރާ ސަބަބު.

އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކުގައި، މިރަށުގެ އަދި މިއަތޮޅުގެ އެންމެ ރައްޔިތުންނަށް ދަންނަވާލަން ބޭނުން. އަދި މި ރާއްޖޭގެ ރައްޔިތުންނަށްވެސް ދަންނަވާލަން ބޭނުން. ސިލޯނު ސަރުކާރުގެ ފަރާތުން އުންމީދުކުރީ، 2011 ވަނަ އަހަރު އެރަށަށް އެއްމިލިއަން ޓޫރިސްޓުން ގެނައުމަށް. މީގެ ދެމަސްކުރީގައި ގެސްޓްހައުސްއެއްގައި، ޓުއަރިސްޓަކަށް ޙަމަލާދެވި، ސިލޯނުގެ ޓޫރިޒަމް ވަރަށް ބޮޑަށް ހީނަރުވެގެންދިޔަ. ކޮންމެވެސް ކޮންމެވެސް މުޅި މި ރާއްޖޭގެ އާމްދަނީއާއި އަޅުގަނޑުމެންގެ އެންމެންގެ ކުރިއެރުން ބިނާވެފައި މިއޮތީ، މި ޞިނާޢަތަށްކަން ދުވަހަކުވެސް ތިޔަބޭފުޅުންގެ ހަނދާނުން ކައްސާލިޔަނުދޭތި. ތިޔަބޭފުޅުން މިތަންތަންވެސް ބަލަހައްޓަވަންޖެހޭނެ. އަދި ތިޔަބޭފުޅުން މިތަންތަނަށް ޒިޔާރަތްކުރާ ޓޫރިސްޓުންވެސް ބަލަހައްޓަވަންޖެހޭނެ. މިތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ، މަސައްކަތްކުރާ މުވައްޒަފުންނަކީއެއްނޫން ހަމައެކަނި މި ޓޫރިސްޓުން ބަލަހައްޓައިދޭންޖެހޭނެ މުވައްޒަފުންނަކީ. އެކަން ރަނގަޅަށް ފުރިހަމަކޮށް އަޅުގަނޑުމެންނަށް ކުރެވޭނީ، މުޅި މިރަށުގެ ހުރިހާ ރައްޔިތުން އެކުގައި މި ކަންކަން ބަލަހައްޓައިދޭން ފަށްޓަވައިގެން.

މި އަތޮޅަކީ، އެތައް މޭލެއްގެ ދިގު ބީޗް އޮންނަ އަތޮޅެއް. ޓުއަރިޒަމަށްޓަކައި މި ބޭނުންވަނީ މިދަންނަވާ ގޮނޑުދޮށް. އެ ރީތި ދޮންވެލީގެ ގޮނޑުދޮށް. އެ ގޮނޑުދޮށްތައް އަޅުގަނޑުމެންނަށް ބޭނުންކުރާން ފެށޭނެ، މިކަން މިތަނުގައި ފައްކާވެ ބާރަށް ހިނގާން ފެށުމުން. އެހެން ވިޔަފާރިވެރިންނަށް މިއަދު މިތަން ފެނިގެންދާނެ. އަދި މީގެ ހައެއްކަ މަސް ފަހުން ތަން ހިނގާގޮތް، ހުރިހާ ފަރާތްތަކަކުން ވަރަށް ބޮޑަށް ކަނުލާ ބަލަމުންދާނެ. އެބަލަމުންދާ ދިޔުމުގައި، ތިޔަބޭފުޅުންނާއި އަދި މިތަނުގެ ވެރިން، އެ މިސާލު ދައްކަވައިދެއްވައިފިނަމަ، އެއީ ހަމައެކަނި މިއަތޮޅަށް ލިބޭ ފަޚްރެއް ނޫން. މުޅި ދިވެހިރާއްޖޭގެ ތަރައްޤީއަށް، ތިޔަބޭފުޅުންނަށް ކޮށްދެވޭ ވަރަށްބޮޑު ޚިދްމަތެއް.

މިއަދު ތިޔަބޭފުޅުންނަށް އެ ފުރްޞަތު އެބައޮތް. އަޅުގަނޑު ޔަޤީންކުރަން، ތިޔަބޭފުޅުން އެ ފުރްޞަތުގެ ބޭނުން، ހެޔޮގޮތުގައި ރަނގަޅަށް ހިއްޕަވާނެ ކަމަށް. ގަބޫލުކުރައްވާތި، ފަތުރުވެރިން ބޭނުމެއްނުވާނެ، ގޮނޑުވެފައި އޮންނަ ރަށެއް. ސާފުތާހިރުކަމަކީ ޓުއަރިޒަމަށް ކޮންމެހެން ބޭނުންތެރިކަމެއް. ތިޔަބޭފުޅުންގެ ގެދޮރުގެ ސާފުތާހިރުކަންވެސް. އަދި މަގުތައް ސާފުތާހިރުކޮށް ބޭއްވުމާއި، ޚާއްޞަކޮށް، ގޮނޑުދޮށް ރީތިކޮށް ބޭއްވުމަކީ، މިކަމަށް ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑުމެންގެ ގޮނޑުދޮށްތަކަކީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ ރަންބިސްއަޅާ ކުކުޅު. އަޅުގަނޑުމެންނަށް އެ ބިސްއަޅާ ކުކުޅު ބެލެހެއްޓެންޖެހޭނެ. އެހެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ އުންމީދު، އެއީ ޙަޤީޤަތަކަށް ވެގެނެއްނުދާނެ.

އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށް އަޅުގަނޑު މިދަންނަވާ ނުކުތާތައް ވަރަށް ސާފުކޮށް އެނގިލައްވާނެ. ސާފުތާހިރުކަމުގެ ބޭނުންތެރިކަން. އަދި ހަމައެހެންމެ، މިފަދަ ޞިނާޢަތްތައް، މިފަދަ މަސައްކަތްތައް، މިރަށްރަށަށް ތަޢާރުފްވެގެންދާއިރުގައި، ސަރުކާރުން މިރަށްރަށާ އަޅާލަންޖެހޭ މިންވަރު، ކިތަންމެ ތަނަކުން ބޮޑުވެގެންދާނެ. ފެނާއި ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދޭންޖެހޭނެ. މަގުތައް ރީތިކޮށް ހެދެންޖެހޭނެ. އަދި ރަނގަޅު ތަމްރީނާއި ތަޢުލީމު، ތިޔަބޭފުޅުންގެ ދަރިންނަށް ލިބިގެން ނޫނިއްޔާ، ރަނގަޅު ވަޒީފާތަކުގައި އުޅެން ދަތިވާނެ. އެހެންވީމާ، މިތަނުން ތަމްރީނާއި ތަޢުލީމުވެސް ފުރިހަމަގޮތުގައި ލިބެންޖެހޭނެ. ރަނގަޅު ޞިއްޙީ ޚިދްމަތްވެސް ލިބެންޖެހޭނެ. ފެނާއި ނަރުދަމާގެ ޚިދްމަތްވެސް ލިބެންޖެހޭނެ. ރަނގަޅު މަރްކަޒުވެސް ހުންނާންޖެހޭނެ.

ސަރުކާރަށް މިހާރު އެހެންވީމާ، ފަށައިގަތުމަށް މަޖުބޫރުވެފައި އަދި ސަރުކާރުން ނިންމާފައި މިވަނީ، މުޅި މިއަތޮޅުގެ ތަރައްޤީގެ ބޮޑު މަޝްރޫޢަކާއިގެން އަޅުގަނޑުމެން ކުރިއަށްދާން. ތިޔަބޭފުޅުންގެ ޕްރޮވިންސް މިނިސްޓަރ ވިދާޅުވެއްޖެ، ބެލްޓް އަޅުއްވައިގެން ތިއްބަވާށޭ، މިހާރު މި އުދުއްސައިގަންނަނިއްޔޭ. ތިޔަބޭފުޅުންނަށް އަބަދުވެސް އެނގިލައްވާނެ، މި ސަރުކާރަކީ ކަމެއް ކުރާންވީމާ، ފުރަތަމަ އަޅުގަނޑުމެން ކުރާން މި ފަށަންޖެހެނީކީއެއް، އަޅުގަނޑުމެން ޤަޞްދުގައި އޮތް ކަމެއް ނޫން. މުޅިން އެހެން ކަމެއް. އެކަން ކުރަމުން ކުރަމުން އައިސް، އަޅުގަނޑުމެން އެދޭ ކަންތައްވީމާއޭ އަޅުގަނޑުމެން މިދެކެނީ، ދެމެހެއްޓެނިވި ގޮތުގައި ކަމެއްވެގެން މިދަނީ. އެ އުޞޫލުން އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ.

އަޅުގަނޑު މިނިސްޓަރ އޮފް ޓޫރިޒަމަށާއި އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް، މި ޕްރޮޖެކްޓްގައި މަޖީދަށް އެހީތެރިވެދެއްވި މިންވަރާއި، އެކަންކަމުގައި ބައްލަވަމުން ގެންދެވި މިންވަރަށް ނުހަނު ޝުކުރު ދަންނަވަން. އަޅުގަނޑު، މަޖީދަށާއި އަދި އެހެން ހުރިހާ ވިޔަފާރިވެރިންނަށް ޔަޤީންކޮށް އަރުވަން ބޭނުން، އަޅުގަނޑުމެން ލ. އަތޮޅު ރައްޔިތުންނާއެކުގައި، މި މުޅި ލ. އަތޮޅު، ޓުއަރިޒަމަށް ހުޅުވާލެވި، އައްސޭރި ޓުއަރިޒަމެއް، މި އަތޮޅުގައި ތަރައްޤީ ކުރެވިދާނެއޭ. އެ ތަރައްޤީ ކުރުމަށްޓަކައި، ސަރުކާރުން ފޯރުކޮށްދޭންޖެހޭ ވަސީލަތްތައް، އިރާދަކުރެއްވިއްޔާ، މިތަންތަނަށް ފުރިހަމަގޮތުގައި ފޯރުކޮށްދެވޭނެ.

އެ ސަބަބަށްޓަކައި އިރާދަކުރެއްވިއްޔާ، މާދަމާއިން ފެށިގެން މިއަތޮޅުގެ ކަރަންޓްގެ ކަންތައް، ސްޓެލްކޯއާ ޙަވާލުކުރެވޭނެ. އަދި މިއަތޮޅުގެ ފެނާއި ނަރުދަމާގެ ކަންތައް، އިރާދަކުރެއްވިއްޔާ ލަސްނުވެ، އެމް.ޑަބްލިޔޫ.އެސް.ސީ.އާ ޙަވާލުކުރެވޭނެ. އެއީ އަޅުގަނޑުމެންގެ ރާއްޖޭގައި މިދެންނެވި ޚިދްމަތްތައް ދިނުމަށް އެންމެ ތަޖްރިބާހުރި، އެންމެ ބޮޑެތި ކުންފުނިތައް. އެ ކުންފުނިތަކާއެކުގައި އަޅުގަނޑުމެންނަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމީ، އަޅުގަނޑު ހިތުގައި ޝައްކު އުފެދޭ ކަމެއް ނޫން. އަޅުގަނޑު، ތުނޑީ ހުރިހާ ރައްޔިތުންނަށްވެސް އަދި ގަމު ހުރިހާ ރައްޔިތުންނަށްވެސް، ހައްދުންމަތީ ހުރިހާ ރައްޔިތުންނަށްވެސް އަދި މި ރާއްޖޭގެ އެންމެ ރައްޔިތުންނަށްވެސް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންގެ މި ސަރުކާރުގެ މަޤްޞަދަކީ، ބޭނުމަކީ، ހަމަ އެންމެ ބޭނުމެކޭ. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުން. އެ ވަޢުދުތައް ފުއްދައިދިނުމަކީ، ތިޔަބޭފުޅުންނަށް އަބަދުވެސް ބޭނުންވެފައިވާ ކަންކަން ފުރިހަމަކުރެވޭތޯ އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރުން.

އަޅުގަނޑު ނިންމާލަމުންވެސް، މަޖީދުގެ ދެކަނބަލުންނަށް ނުހަނު ޝުކުރު ދަންނަވަން. ހަމަ އަނެއްކާވެސް އަޅުގަނޑު ދަންނަވަން އޮތީ، ޤުދްރަތުން ގުޅުވައިފި ދެހިތެއް ސަފުން ވަކިވެދާނެހޭ. އަޅުގަނޑުމެންނަށް އެނގޭ، އެކަމެއްނުވާކަން. އަޅުގަނޑަށް ޔަޤީން، އެދެހިތުގެ ދެމެދުގައި ބިނާކުރެވޭ ކިތަންމެ ފޮނި އުންމީދެއް އެއީ، އަޅުގަނޑުމެންގެ ރާއްޖޭގެ އެތައްއެތައް ރައްޔިތުންގެ އުންމީދުތަކާ ގުޅި ލާމެހިފައިވާ އުންމީދުތަކެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.