ރާއްޖޭގެ ވަރަށް މަޝްހޫރު މާލިމީއެއް ކަމަށްވާ އަޙްމަދުފުޅު މާލިމީ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، ޢާއިލާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި، މި ޚަބަރު އެއްސެވީ، ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ޢާއިލާއަށް ހިތްވަރު ދެއްވިއެވެ. އަދި މާލިމީއެއްގެ ގޮތުން، އަޙްމަދުފުޅު މާލިމީ ރާއްޖެއަށް ކޮށްދެއްވި ޚިދްމަތްތައް، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަޙްމަދުފުޅު މާލިމީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، ހިތްޕުޅުގެ ކުއްލި އާލާސްކަންފުޅަކަށް ފަރުވާދެމުންދަނިކޮށް، މިއަދު މެންދުރުފަހު 2.30 އެހާއިރު، ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 78 އަހަރެވެ.

އަޙްމަދުފުޅު މާލިމީއަކީ ރާއްޖޭގެ ވަރަށްގިނަ އޮޑިފަހަރާއި ބޯޓުފަހަރުގެ މާލިމީކަން ކުރައްވާފައިވާ އަދި ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ޚާއްޞަކޮށް، އައްޑުއަތޮޅަށް އެކި ދަތުރުތައް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ސްރީލަންކާއަށާއި އިންޑިޔާއަށް ދަތުރުކުރި ގިނަ ބޯޓްފަހަރުގެ މާލިމީކަން ކުރައްވާފައިވާ ވަރަށް ތަޖުރިބާކާރު މާލިމީއެކެވެ. ޚާއްޞަކޮށް، ބޮޑު ނާކޮޅާއި އަދަރަންފަރުގައި މާލިމީއެއްގެ ގޮތުން އަޙްމަދުފުޅު ކުރެއްވި ޚިދްމަތްތައް ފާހަގަކުރެވެއެވެ.

އަޙްމަދުފުޅު މާލިމީއަށް ލިބިވަޑައިގަތީ 10 ބޭފުޅުންނެވެ. މިހާރު ދުނިޔޭގައި ތިއްބެވީ 8 ބޭފުޅުންނެވެ. އެއީ، ފިރިހެން 6 ބޭފުޅުންނާއި އަންހެން 2 ބޭފުޅުންނެވެ.