ޤާނޫނު ނަންބަރު 2011/15 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ގެ 19 ވަނަ މާއްދާގައިވާ ގޮތުގެމަތިން "ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް 2012 ޖެނުއަރީ 26 ވަނަ ދުވަހު އުފައްދަވައި، އެ އެޖެންސީއަކީ، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މި އެޖެންސީ އުފެއްދެވުމާ ގުޅިގެން، 2008 ނޮވެމްބަރ 20 ވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ދަށުން ހިނގަމުންދާގޮތަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ" 2012 ޖެނުއަރީ 26 ވަނަ ދުވަހުން ފެށިގެން އުވާލައްވައި، އެތަނުގައި ހުރި ވަޞީލަތްތައް ޤާނޫނު ނަންބަރު 2011/15 ގެ ދަށުން އުފައްދަވާފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ވަޞީލަތްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، ޤާނޫނު ނަންބަރު 2011/15 ގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ޤާއިމްވުމާ ހަމައަށް، މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ހަމަޖައްސަވާފައިވާ ނަންބަރު، 199 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ޤާނޫނު ނަންބަރު 2011/15 ގެ 21 ވަނަ މާއްދާގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާ ޙަވާލުވެފައިވާ މަސައްކަތްތަކުގެ ލިސްޓާއި، މި ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) ދަށުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވާފައިވާ މަސައްކަތްތަކުގެ ލިސްޓް މިދެންނެވުމާއެކު އެވަނީއެވެ.
 
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތައް
 
ތިރީގައިމިވަނީ ޤާނޫނު ނަންބަރު 2011/15 (ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ)ގެ 21 ވަނަ މާއްދާއިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ކަނޑައަޅުއްވާފައިވާ މަސްއޫލިއްޔަތުތަކެވެ.
1.     މި ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ސްކީމް ހިންގައި ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ހުރިހާ ދާއިރާއެއްގައި އެ ސްކީމްގެ ޚިދްމަތްތައް ފޯރުކޮށްދޭކަން ޔަޤީންކުރުން.
2.     މި ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ސްކީމްތައް ހިންގުމާ ގުޅޭގޮތުން، މިނިސްޓަރުގެ ޒިންމާތައްކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމާ ގުޅޭގޮތުން ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުން.
3.     މި ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ސްކީމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން.
4.     މިނޫންވެސް، މި ޤާނޫނާއި، މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގެ ދަށުން އެޖެންސީގެ ޒިންމާތައް ކަމަށް ކަނޑައެޅިފައިވާ ކަންކަން ކުރުން.
5.     މަތީގައި ބަޔާންކުރެވިފައިވާ ކަންކަމުގެ އިތުރުންވެސް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި ޕްރޮގްރާމްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ކަންކަން ކުރުން.
ތިރީގައި މިވަނީ ޤާނޫނު ނަންބަރު 2011/15 (ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ)ގެ 21 ވަނަ މާއްދާގެ (ބ) ދަށުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވާފައިވާ މަސައްކަތްތަކެވެ.
1.     ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމު (ސޯޝަލް ސެކިއުރިޓީ ސިސްޓަމް) ރާވައި ހިންގުން.
2.     ޞިއްޙީ ޚިދްމަތުގެ ޚަރަދު ހަމަޖައްސައިދޭ ޤައުމީ ނިޒާމެއް (ހެލްތްކެއަރ ފައިނޭންސިންގ ސްކީމް) ގާއިމްކޮށް ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެ ފުރުޞަތު ހޯދައިދިނުން.
3.      ޒަރޫރީ ބޭނުންތައް ފުއްދައިގަނެވޭފަދަ ތަނަވަސްކަންނެތް އަޅާލާނެ މީހަކުނެތް މީހުންނާއި، ދައުލަތުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީލިބިދޭނެ ނިޒާމްތައް ރާވައި ހިންގުން.