ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 30 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން "ނޭޝަނަލް ޑްރަގް އެޖެންސީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް 2012 ޖެނުއަރީ 26 ވަނަ ދުވަހު އުފައްދަވައި، އެ އިދާރާއަކީ، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާ ގުޅިފައިވާ އަމިއްލަ ހައިސިއްޔަތެއް ލިބިގެން ހިންގުމުގެ މިނިވަންކަން ލިބިފައިވާ، ގަވަރނިންގ ބޯޑެއްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
               
ނޭޝަނަލް ޑްރަގް އެޖެންސީއަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނާއި މި ޤާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާއާއި މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން، އެސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާއެވެ.
 
 ނޭޝަނަލް ޑްރަގް އެޖެންސީ އުފެއްދެވުމާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ދަށުން އުފައްދަވާފައިވާ "ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހެބިލިޓޭޝަން ސަރވިސަސް" އިން ކުރައްވަމުންގެންދަވާ މަސައްކަތްތައް ޤާނޫނީގޮތުން ކުރައްވަމުން ގެންދަވާނެ އިދާރާއަކީ، ނޭޝަނަލް ޑްރަގް އެޖެންސީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތަށް ހަމަޖެހުނު ނަމަވެސް، އެ އެޖެންސީއާ ޤާނޫނީގޮތުން ހަވާލުވެފައިވާ މަސައްކަތްތައް ޢަމަލީގޮތުން ފަށައިގަނެވެންދެން ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހެބިލިޓޭޝަން ސަރވިސަސްއިން ކުރައްވަމުންގެންދަވާ މަސައްކަތްތައް މިހާރެކޭ އެއްގޮތަށް         އެ ޑިޕާޓްމަންޓުން ކުރިއަށް ގެންދަވާނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ނޭޝަނަލް ޑްރަގް އެޖެންސީ އުފެއްދުމުގެ އިންތިޤާލީ މަރުޙަލާގެ އެންމެހާ ކަންކަން ފުރިހަމަވުމުން، ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހެބިލިޓޭޝަން ސަރވިސަސް އުވާލައްވާގޮތަށް ނިންމަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް ޑްރަގް އެޖެންސީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 434 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
 
ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާގެ ދަށުން ނޭޝަނަލް ޑްރަގް އެޖެންސީން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ލިސްޓް މިދެންނެވުމާއެކު އެވަނީއެވެ.
 
ނޭޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތައް
 
ތިރީގައިމިވަނީ ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާއިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ކަނޑައަޅުއްވާފައިވާ މަސްއޫލިއްޔަތުތަކެވެ.
1.      މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އެކި މުއްދަތުތަކުގައާއި ޙާލަތުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
2.      މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ޞިއްޙީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތަޢާރުފުކުރާ ޤައުމީ ސިޔާސަތުތައް ތަންފީޛުކުރުން.
3.      މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް، ސަރުކާރުގެ އިދާރާތަކުން ތަންފީޛުކުރަމުންދޭތޯ ބަލަމުންދިޔުން.
4.      މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ އެކިއެކި      ޕްރޮގްރާމްތައް ހިނގާގޮތް ބަލައި، ކަމާބެހޭ އެންމެހާ އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.
5.      މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތްކުރުން.
6.      މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
7.      މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.
8.      މަސްތުވާތަކެއްޗާގުޅޭ ބޭރުގެ އިދާރާތަކާ ގުޅިގެން، އެކިއެކި ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގުމާއި، މަޢްލޫމާތު ޙިއްޞާކުރުމާއި، އެމީހުންގެ މަޢްލޫމާތާއި ތަޖުރިބާއިން ދިވެހިރާއްޖެއަށް ފައިދާއާއި މަންފާއާއި އެހީ ހޯދުމަށް މަސައްކަތްކުރުން.