بســم اللّـه الرّحمـن الرّحيــم

ދިވެހިރާއްޖޭގެ ކުޅިވަރާ ގުޅޭ ވަޒީރު، ދައުލަތުގެ އެހެން ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި އަދި ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ކުޅިވަރު ދަނޑުތަކުން، ކުޅިވަރު ޓްރެކްތަކުން، ކުޅިވަރު ކޯޓުތަކުން އަބަދުވެސް، އަބަދުވެސް އަޅުގަނޑުމެންނަށް ފެންނަ ޝަޚްޞިއްޔަތުތައް، އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެހާ ބޭފުޅުން.

السّـلام عليـكم

ބަދަލުވަމުންދާ ދިވެހިރާއްޖެ މިދަނީ، ދިވެހިރާއްޖޭގެ ޤައުމިއްޔަތުވެސް އަލުން އަނބުރާ ސިފަކުރަމުން. ރާއްޖޭގެ ޤައުމިއްޔަތު ސިފަކުރުމުގައި، އެއަށް އެންމެބޮޑު ބާރެއް އަޅައިދޭނޭ އެއް ޙަރަކާތަކީ، ކުޅިވަރުކަން އެއީ އިންސާނީ ތަޖްރިބާ، އަޅުގަނޑުމެންނަށް ދައްކައިދީފައި އޮތް ވަރަށް ފުރިހަމަ ޙަޤީޤަތެއް. ޤައުމެއް ތަރައްޤީވެ ދިޔުމަށްޓަކައި، އެ ޤައުމުގެ ޤައުމިއްޔަތު، ޤައުމުގެ ސިފަތަކާ އެއްގޮތަށް ބިނާވެފައި އޮތުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. އެ ޤައުމިއްޔަތަށްޓަކައި، އަޅުގަނޑުމެންނަށް ހިންގޭން ހުރި އެންމެ މަޢުނަވީ އެއް މަސައްކަތަކީ، ޒުވާނުންގެ ޙަރަކާތްތަކުން ނުކުމެގެން އަންނަ ކުޅިވަރުގެ ޖޯޝްގަދަ، ފޯރިގަދަ މުބާރާތްތަކާއި، ކުޅިވަރުތައް.

ރާއްޖޭގައި ކުޅިވަރު ތަރައްޤީ ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމަކަށްވަނީ، މި ދިވެހިރާއްޖެ އެއީ، ޤައުމެއްގެ ގޮތުގައި ފާހަގަކުރަން އަޅުގަނޑުމެން އެދޭތީވެ. ޤައުމަކީ ކޮބައިތޯ، އަޅުގަނޑުމެން އަބަދުވެސް ވިސްނާއިރު، މިނާއިރު، ދެކޭއިރު، ޤައުމަކީ، އެ ފަސްގަނޑެއްގައި ތިބޭ ހުރިހާ ރައްޔިތުންމެ، ބައެއްފަހަރުފަހަރަށް ނަމަވެސް، އެކައްޗެއް ކިޔާއުޅޭ ބައެއްގެ ގޮތުގައި ފާހަގަވާ ތަންތަން. އެއް ދީނެއް ނުވަތަ އެއްބަހެއް ނުވަތަ އެއް ފިކުރެއް ނުވަތަ އެއް ޤާނޫނަކަށް، ނުވަތަ އެއް ކްލަބަކަށް، އެއް ޓީމަކަށް ސަޕޯޓްކުރާ ރައްޔިތުންތަކެއް ދިރިއުޅޭން ފެށީމާ، ދެން އަޅުގަނޑުމެންނަށް ޤައުމެއް ސިފަވެގެން އަންނަނީ. ޤައުމިއްޔަތާއި ޤައުމު ބިނާކުރުމުގައި، ކުޅިވަރުގެ ދައުރު މުހިންމުވެގެން އަންނަނީ، މިދެންނެވި ސަބަބަށްޓަކައި. އެހެންވީމާ، ތިޔަބޭފުޅުން ތިޔަ އަދާކުރައްވާ ވަޒީފާއަކީ، ހަމަކަށަވަރުންވެސް މި ރާއްޖޭގައި މިވަގުތު އަދާކުރެވެން އޮތް އެންމެ މުހިންމު އެއް ވަޒީފާ.

އަޅުގަނޑަކަށް ތިޔަބޭފުޅުންނަށް ފާހަގަކޮށްދޭކަށެއް ނުޖެހޭނެ، 1994 ވަނަ އަހަރޭ އަޅުގަނޑު ހަނދާންވަނީ އެއީ. ވަރަށް ޒަމާނުއްސުރެ ފެށިގެން ނަސްމީ އިމްތިޔާޒުގެ ކަސްތޮޅުތަކުގައި، ސައުތު އެފްރިކާ، އަނދިރީގައި ވެފައިވަނިކޮށް، އެއަށްފަހު، އެ ޤައުމަށް ލިބުނު މިނިވަންކަން، އެންމެފަހުން އެންމެ ބޮޑަށް ފާހަގަކޮށްދިނީ، އެ އަހަރުގެ ދުނިޔޭގެ ރަގަ މުބާރާތުގައި، ސައުތު އެފްރިކާ ޓީމް. ޙަޤީޤަތުގައި، ސައުތު އެފްރިކާ، ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދިނީ، އެ މުބާރާތާއި، އެޓީމް. އެއީ ތާރީޚު ލިޔުންތެރިން އަބަދުވެސް ދެކޭނޭ ޙަޤީޤަތެއް.

އަޅުގަނޑު މިދެންނެވި ބާވަތުގެ ކިތަންމެ މިސާލެއް، މި ދުނިޔޭގެ ޤައުމުތަކުން ފެންނާން އެބަހުރި. އަޅުގަނޑު މި ފާހަގަކުރާ ބާވަތުގެ ކިތަންމެ މިސާލެއް، މި ރާއްޖޭގެ އެކިއެކި ދުވަސްވަރުގައި، އަޅުގަނޑުމެންނަށް ފެނިފައި އެބަވޭ. އަޅުގަނޑަށް ހަމަ ޔަޤީން ކަށަވަރު، އަންނާން އޮތް ތަނުގައިވެސް އަޅުގަނޑުމެންނަށް ހަމަ މިފަދަ މަންޒަރުތައް، އަޅުގަނޑުމެންގެ ކުޅުންތެރިން ދައްކުވައިދޭނެ. އެފަދަ ޤައުމީ ޖޯޝް، އެފަދަ ޤައުމީ ރޫޙު އަޅުގަނޑުމެންގެ ތެރެއަށް ގެނެސްދޭނެ.

ކުޅިވަރަކީ ހަމައެކަނި ޤައުމިއްޔަތު ބިނާކުރުމުގެ ކަމެއް ނޫން. އުފާވެރިކަމާއެކު، ތަނަވަސް، ތާޒާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް، ކޮންމެހެން ބޭނުންވޭ، އެބަ ކުޅިވަރު. ހާސްކަމެއްނެތި އުޅޭ އުޅުމަށް، ކޮންމެހެން އެބަ ބޭނުންވޭ ކުޅިވަރު. މުނިފޫހިފިލުވުމާއި އަދި ހަމަ އޭގެއިތުރުންވެސް، ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްޓަކައި، ކުޅިވަރުގެ ބޭނުންތެރިކަމީ، އަޅުގަނޑު ހިތުން މިތަނުގައި ދައްކައިފިނަމަ، ބަޞަރާއަށް ކަދުރު ވިއްކުން ބާވަތުގެ ކަމެއް.

އަޅުގަނޑުމެންގެ ރާއްޖޭގައި މުނިފޫހިފިލުވުމަށްވެސް އަދި ޞިއްޙީ އެކިއެކި ކަންކަމަށްވެސް ކުޅިވަރު ކުޅެވެމުން އަންނަތާ، އަންނަ މިންވަރު، ކޮންމެ ދުވަހަކު އިތުރުވަމުންދާ މިންވަރުވެސް އަޅުގަނޑުމެންނަށް ވަރަށް ގާތުން ފެންނަމުން އެބަދޭ. މިހެން އިތުރުވެގެން އަންނައިރުގައި، އަޅުގަނޑު ހިތުން ދޮގަކަށް ނުވާނެ، އަޅުގަނޑުމެންގެ ޖީލު މިއީ، މި ރާއްޖޭގައި ޚާއްޞަކޮށް، މި މާލޭގައި އެންމެފަހުން ގޭގައި ކުޅިވަރު ކުޅުނު ޖީލު. ގޭގައި ބޯޅަ ކުޅުނު. ގޭގައި ބެންޑްމިންގޓަން ކުޅުނު. ގޭގައި ކްރިކެޓް ކުޅެވުނު. އެންމެފަހުގެ ޙަޤީޤީ މާލޭގެ ޖީލަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން. އެއަށްފަހުގައި، މާލޭގެ ތޮއްޖެހުމާއި، މާލޭގެ ގޯތިގެދޮރު ބެހިގެންދިޔަ މިންވަރުންނާއި، މުޅި މާލެ ފުރިބަރާވެގެން ދިޔަގޮތުން، މާލޭގެ ވަރަށްގިނަ ޒުވާނުންނަށް އޮތީ، ކުޅިވަރު ކުޅޭނޭ ތަނެއް، ކުޅިވަރު ކުޅެވޭނޭ ގޮތްތަކެއް ނުހޯދިފައި.

މިދެންނެވި ސަބަބާ ގުޅިގެން، ރާއްޖޭގެ މާލޭގެ ޒުވާނުންނަށް ވެގެންދިޔަ ގޮތްތައްވެސް، އަޅުގަނޑުމެންނަށް އެނގޭ. ރާއްޖޭގެ ޒުވާނުންގެ 30 ޕަސެންޓް ކުދިންނަކީ، އެ ބުނަނީ މިހާރު ބާރުގަދަ މަސްތުވާތަކެތީގެ ޝިކާރައިގައި ވެފައިވާ މީހުންނޭ. ރާއްޖޭގެ ޒުވާނުންގެ އެހާގިނަ ބަޔަކީ، ވަޒީފާއެއްނެތި، ދެން ހެދޭނެ އެހެން ގޮތެއްވެސްނެތި، މާޔޫސްވެ އުޅެމުން އަންނަ މީހުންނޭ. އެ ކުދިންނަށް، އެ ޒުވާނުންނަށް ފުރްޞަތުތައް ހޯދައިދިނުމަކީ، ކޮންމެ ސަރުކާރެއްގެވެސް އަދި އަޅުގަނޑު ހިތުން ދައުލަތުގެ ކޮންމެ މުއައްސަސާއެއްގެވެސް ވަރަށްބޮޑު ވާޖިބެއް.

ކުޅިވަރަށްދޭ އަހަންމިއްޔަތު ކަމާއި، ކުޅިވަރަށް ކުރެވޭ ޚަރަދު އެއީކީއެއް ކުޅިވަރެއް ނޫން. އެއީކީއެއް އިސްރާފެއް ނޫން. ޤައުމު ބިނާކުރުމުގައި، ޤައުމިއްޔަތަށްޓަކައި އަދި މުނިފޫހިފިލުވުމާއި، ޞިއްޙަތަށްޓަކައި ކޮންމެހެން ކުރާންޖެހޭ ކަމެއް. އަޅުގަނޑަށް، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އުފާވަނީ، ކުރިއަށް މިފެށޭ އަހަރުގެ ތެރޭގައި، މާލޭގައި އެކަންޏެއް ނޫން، އަދި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި، ކިތަންމެ އުޞޫލެއްގެ ދަށުން ކުޅިވަރަށް ވަރަށް އެކަށީގެންވާ ޚަރަދުތަކެއް އިރާދަކުރެއްވިއްޔާ، ކުރެވިގެންދާނެ.

މީގެތެރެއިން ބައެއް ޚަރަދުތަކަކީ، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްތަކުގެ ތެރެއިން ކުރެވޭ ޚަރަދު. އަނެއްބައި ޚަރަދުތަކަކީ، ދައުލަތުގެ ބަޖެޓުން ސީދާގޮތުގައި ކުރެވޭ ޚަރަދު. މުޅި ޖުމްލަ، އަޅުގަނޑުމެންގެ އަންދާޒާއަކީ، މި 2012 ވަނަ އަހަރުގެ ތެރޭގައި އަދި 2012 އާއި 2013އާ، މިދެއަހަރުގެ ތެރޭގައި، ކުޅިވަރަށް ހަސަތޭކަ މިލިއަން ރުފިޔާ ޚަރަދު ކުރެވޭތޯ އަމާޒު ކުރުން. އެއިން އަޅުގަނޑުމެންނަށް ލިބޭނެ ބޯޅަދަނޑުތަކެއް، ބެޑްމިންގޓަން ކޯޓްތަކެއް، ޓެނިސް ކޯޓްތަކެއް، ބަށި ކޯޓްތަކެއް އަދި އެހެންވެސް ކުޅިވަރުގެ ވަސީލަތްތަކެއް. އެހެން ނަމަވެސް، އަޅުގަނޑު ރާއްޖޭގެ ވަރަށްގިނަ ދަނޑު ދަނޑު ދެކެން. ޢާންމު ގޮތެއްގައި، ހަފްތާއަކު ތިން ރަށެއްގެ ތިން ދަނޑަށް ދެވޭތޯ އަޅުގަނޑު ބަލަން، ބޯޅަކުޅޭ ތިން ދަނޑަށް.

އަޅުގަނޑަށް ވަރަށް ގިނައިން ފެންނަނީ، ރަށްރަށުގައި ބޯޅަކުޅުން މިއޮންނަނީ، ޢީދަށް އެކަނިކަމަށް. ޢީދަށްވާންވާއިރަށް، ކޮންމެހެންވެސް މެންބަރުލައްވާ ހައިމާކް ގެންގޮސްގެންވެސް، ވެލިގަނޑު އެއްވަރުކޮށް، ޢީދުގައި އެ އޮންނަ މުބާރާތް ކުޅުނީމާ، ދެން ގިނަފަހަރަށް، ދަނޑުގައި ވިނަފަޅައި، އަނެއް ޢީދާ ޖެހެންދެން، ދަނޑުން އެކަށީގެންވާ ބޭނުމެއް ނުކުރެވޭ. މިކަންތައް މިހެން ހިނގާ އެންމެބޮޑު އެއް ސަބަބެއް ކަމަށް އަޅުގަނޑަށް ފާހަގަވަނީ، މަދްރަސާގެ ތެރޭގައިވެސް އަދި ރަށުގެ އިންތިޒާމްތަކުގެ ތެރޭގައި، ކުޅިވަރު ތަރައްޤީކޮށް، ކުޅިވަރު ކުރިއަރުވާނެ ހުނަރުވެރިން، އެދުރުން މަދުކަމުން. އެހެންވީމާ، ސަރުކާރުގެ މިފަހަރުގެ ޕްރޮގްރާމްތަކުގެ ވަރަށްބޮޑު އަމާޒަކީ، ވީހާވެސް ގިނަ ކޯޗުން އުފެއްދުމާއި އަދި ފަނޑިޔާރުން އުފެއްދުމާއި، ރެފްރީން އުފެއްދުމާއި، ކުޅިވަރަށް ބޭނުންވާނެ އެހެންވެސް އިންސާނީ ވަސީލަތްތައް އުފެއްދުން.

އަޅުގަނޑަށް އެބަ ވިސްނޭ، ފަނޑިޔާރުންގެ ވާހަކަ އަޅުގަނޑުމެން ދެއްކީމާ، ކުޅިވަރުގެ މައިދާނުގެ ތެރޭގައި، އިންޞާފް ބޭނުންވާ މިންވަރު އެއީ، ކުޅުންތެރިންނަށް ދުވަހަކުވެސް އޮޅިފައި އޮންނަ ކަމެއް ނޫން. އަޅުގަނޑުމެން އެއްވެސްއިރެއްގައި ގަބޫލުކުރި ޙަޤީޤަތެއް ނޫން އެއީ، ހަމައެކަނި ބޯޅަދަނޑުގައި ރަނގަޅަށް ކަށިގަނޑު ފުމެވޭނެ ގޮތެއް. އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، އިންޞާފްވެރި ފަނޑިޔާރުންނަކީ، އުޞޫލީގޮތުން މުޖްތަމަޢެއްގެ ތެރޭގައި ބިނާވެގެން، އުފެދިގެން އަންނަންޖެހޭނެ ބައެއްކަން. ހަމައެކަނި ދަނޑުމައްޗަކު އެކަމެއް ނުކުރެވޭނެ. ހަމައެކަނި ކޯޓެއްގެ ތެރެއަކުވެސް އެކަމެއް ނުކުރެވޭނެ.

އަޅުގަނޑުމެންގެ ޢާންމު އުޞޫލުތައް އެއީ ހަމަހަމަކަމާއި އިންޞާފަށް މަގުފަހިވާފަދަ އުޞޫލުތަކަކަށް ވެގެން ނޫނިއްޔާ، އަޅުގަނޑު ހިތުން އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެން މިއެދޭ ހަމަހަމަކަންމަތީގައި، ލެވެލް ލޭން ފީލްޑެއްގައި ކުޅިވަރެއް ނުކުޅެވޭނެ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ މިޞްރާބު މިހިރީ ރަނގަޅަށްކަން. އަޅުގަނޑު ރާއްޖޭގެ އެންމެ ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، ޒުވާނުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، މި ސަރުކާރަކަށްވެސް އަދި އަޅުގަނޑަކަށްވެސް ކުޅިވަރަކީ ކޮބައިކަމާއި، އޭގެ ބޭނުންތެރިކަމާއި މުހިންމުކަން އިރާދަކުރެއްވިއްޔާ ނޯޅޭނެ. ސަރުކާރަށްވީ މިންވަރަކުން، ސަރުކާރުން ދާނީ ކުޅިވަރަށް ކުރާންހުރި ޚަރަދުތައް ކުރަމުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަންނަ އަހަރު އަދި މާ ކާމިޔާބު އަހަރަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم