بســم اللّـه الرّحمـن الرّحيــم

ވެށިފަހި ޕްރޮގްރާމްގެ ޑައިރެކްޓަރ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން، މާލޭސިޓީ ކައުންސިލް އަދި އައްޑޫސިޓީ ކައުންސިލްގެ ބޭފުޅުން، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

ރާއްޖޭގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، މި ރާއްޖޭގައި ކުރާންހުރި މުހިންމު ކަންތައްތަކަކީ ކޮބައިތޯ. އެނގިވަޑައިގަންނަވާނެ، 2007 ވަނަ އަހަރުގެ ތެރޭގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވަނީ ވަރަށް ފުންކޮށް މިނާފައި. ވަރަށް ބޮޑަށް ބަލާފައި. ގޭގެއަށް ގޮސް، ދޮރުން ދޮރަށް ހިނގައި، އެތައް ބަޔަކާ ބައްދަލުކޮށް، ކިތަންމެ ބަޔަކާ ވާހަކަ ދައްކައި، އެތައްއެތައް ޖަލްސާއެއް ބާއްވައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯ އެކުލެވިގެން އައީ، މި ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް، ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި.

ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކުގެ ތެރޭގައި، އެ ރައްޔިތުންނަށް އެންމެ ދަތިވެފައި އޮތް އެއް މައްސަލައަކީ، ބޯހިޔާވަހިކަމުގެ ދަތިކަން ކަން އެއީ، އަޅުގަނޑުމެން ރާއްޖޭގެ ގިނަ ރައްޔިތުންނަށް ވަރަށް ސާފު ޙަޤީޤަތެއް. ޚާއްޞަކޮށް، މާލޭގައި މިކަމުގެ ދަތިކަން ބޮޑުވެފައި އޮތް މިންވަރު އެއީ، އަޅުގަނޑުމެން އެންމެންނަށްވެސް ކޮންމެ ދުވަހަކުވެސް ފެންނާން އޮތް ކަމެއް.

މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމާއި، މާލެ ތޮއްޖެހިފައި އޮތް މިންވަރާއި، މާލޭގައި ދިރިއުޅުން ތަނަވަސް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯއާ، މިކަންކަމާ ގުޅޭގޮތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފިކުރުތައް، ފަހުން ޤައުމީ ތަރައްޤީގެ މަޝްރޫޢަށް، 2009 ވަނަ އަހަރުއްސުރެ 2013 އަށް ބަދަލުވެގެންދިޔައީ، ފުރަތަމަ ރިޔާސީ އިންތިޚާބަށްފަހުގައި، އެ ޕާޓީގެ މެނިފެސްޓޯއަށް ރާއްޖޭގެ ރައްޔިތުންގެ އަޣްލަބިއްޔަތު ވޯޓް ލިބުމާ ގުޅިގެން. ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ އޮނިގަނޑު އެހެންވީމާ، ބިނާވެގެން އައީ، ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި.

މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އަދި ވަކިން ޚާއްޞަކޮށް، 2009 ވަނަ އަހަރުވެސް، 2010 ވަނަ އަހަރުވެސް، 2011 ވަނަ އަހަރުވެސް އަދި 2012 ވަނަ އަހަރަށްވެސް ދައުލަތުގެ ބަޖެޓް އަންދާޒާކޮށް، ލަފާކޮށް، ހުށަހެޅިފައިވާނީ، މިދެންނެވި ޤައުމީ ތަރައްޤީގެ އޮނިގަނޑު ޙަޤީޤަތަކަށް ހެދުމަށްޓަކައި. މިފަހަރު ދައުލަތުގެ ބަޖެޓް ފާސްވެފައިވާއިރުގައި، އެވަނީ ބޯހިޔާވަހިކަމުގެ އަމާޒު. ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރާންހުރި ހުރިހާ ކަންކަން، އެ ބަޖެޓުން ކުރެވޭގޮތަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީގެ ވަޢުދު، ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމައަށް އަޅުގަނޑުމެންނަށް ފުއްދައިދެވޭނެ.

އެ ވަޢުދު ފުއްދުމުގެ ތެރޭގައި އަދި އިތުރު މަސައްކަތްތަކެއް ކުރުމުގެ ވިސްނުމަކީވެސް، ހަމަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯގެ ވިސްނުމެއް. އެއީ، މާލޭގެ ވެށި ފަހިކުރުމުގެ މަސައްކަތް. މާލެ ތޮއްޖެހިފައިވާ މިންވަރަށް ލުޔެއް ގެނައުމުގެ މަސައްކަތް. އެމަސައްކަތަށް ލުޔެއް ގެނައުމަށްޓަކައި ކުރާންހުރި ކަންކަމަކީ ކޮބައިތޯ ފިކުރެއް ގެނެވުނުއިރު، މާލޭގައި ބިންކޮޅެއް އޮވެމެ، އެހެން ނަމަވެސް، ބޯހިޔާވަހިކަމެއް ނުލިބޭ އަދި އެއްގޮތަކަށްވެސް ދިރިއުޅެވެން ނެތް ކިތަންމެ ޢާއިލާއެއް، އަޅުގަނޑުމެންނަށް ފާހަގަވި. އަޅުގަނޑުމެންގެ ގިނަ މެންބަރުންނަކީ، މާލޭގެ ހުރިހާ ގެއަކަށް ވަދެފައި ތިބި މެންބަރުން. އެހެންވީމާ، މިދެންނެވި ބާވަތުގެ ގޭގެ، އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ސާފުވެގެން އާދޭ.

މާލެއިން ބިންކޮޅެއް، ކިތަންމެ ކުޑަނަމަވެސް އޮވެ، ބޯހިޔާވަހިކަމެއް ނެތުމުން، އެކަމަށް ޙައްލެއް ހޯދައިދިނުމަށްޓަކައި ވެށިފަހި ޕްރޮގްރާމްގެ ކެޓަގަރީ A އެކުލަވައިލެވުނީ. އެއީ، ބިންކޮޅެއް ދޫކޮށްލުމުން، ހުޅުމާލެއިން ބިންކޮޅެއް ނުވަތަ ހުޅުމާލެއިން ފްލެޓެއް ނުވަތަ މާލެއިން ފްލެޓެއް ލިބޭ އުޞޫލު. ދެންމެ އަޅުގަނޑުމެންނަށް ގޯތީގެ ރަޖިސްޓްރީ މި ޙަވާލު މިކުރެވުނީ، މިދެންނެވި ކެޓަގަރީ A ގެ ތެރެއިން ބައެއް ބޭފުޅުންނާ. ދެން އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށް އެދިޔަ ގޭގޭގެ ނަންނަން އެނގުނީމާ، އެއީ ކޮން ޙާލަތެއްގައި، ކޮންގޮތަކަށް، ކިހާމިންވަރަކަށް ތޮއްޖެހިފައި ހުރި ގޭގެކަން ސާފުވެގެންދާނެ. ކެޓަގަރީ A ގައި މިދެންނެވި ރަޖިސްޓްރީތަކުގެ އިތުރުން އަދި މާލޭގެ ފްލެޓް ޙަވާލުކުރުމާއި އަދި ހުޅުމާލޭގެ ފްލެޓް ޙަވާލުކުރުންވެސް އޮންނާނެ. އެ ކެޓަގަރީއަށް މިފަހަރު ފުރަތަމަ ބުރުގައި ކުރިމަތިލީ ހުރިހާ ބޭފުޅުންނަށް އިރާދަކުރެއްވިއްޔާ، އެބޭފުޅުން އެދިލައްވާފައި އެވާގޮތަށް ކަންކަން ފަހިވެގެންދާނެ. ހަމަ އެއްވެސް ބޭފުޅެއް ދޫނުކޮށް. ބައެއް ބޭފުޅުންނަށް ވަރަށް ބޮޑަށް ތޮއްޖެހިފައި ހުރި ބައެއް ގޭގެއަށް، މާލޭގެ ވަކިން ޚާއްޞަކޮށް، ބައެއް ހިސާބުގަނޑަށް، މައްޗަންގޮޅިއަށްވިޔަސް، މާފަންނަށްވިޔަސް، ބައެއް ހިސާބު އެބަވޭ ވަރަށް ތޮއްޖެހިފައި ހުރި ހިސާބު.

ބައެއް ބޭފުޅުން މިއަދު ހިތަށްއަރައިދާނެ، ތިމަންނާމެންވެސް އޮތީ ކުރިމަތިލާފައޭ. ކިހިނެއްވެގެންބާވައޭ، މި ނުލިބި މިވަނީ. ދަންނަވަންތޯ، މީގައި ކަން ކުރުމުގައި، ވަރަށްގިނަ ކަންތައްތަކެއް އިތުރަށް އެބަ ކުރާންޖެހޭ. ގޭގެ އެކީގައި ސަރވޭކުރަން އެބަޖެހޭ. އެހެންވީމާ، މި ސާފުވި މިންވަރަކުން އެ ކެޓަގަރީއަށްވާ ހުރިހާ ބޭފުޅުންނަށް އިރާދަކުރެއްވިއްޔާ، މި ފުރްޞަތު އޮންނާނެ. އެ ފުރްޞަތު އެބޭފުޅުންނަށް ލިބޭނެ.

ކެޓަގަރީ B އަކީ މާލެ އުފަން، އެހެން ނަމަވެސް، މާލޭގައި ހަމަ އެއްވެސް ގޮތެއް ނެތް މީހުން، މާލޭ ރައްޔިތުން. އެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ކެޓަގަރީ B ޚާއްޞަ ކުރެވިފައި އެވަނީ. ކެޓަގަރީ B ވަކިން ޚާއްޞަ ވެގެންދާނީ، މި ހުޅުމާލޭގައި އެޅޭ، މިހާރު މި އެޅެމުންމިދާ 1000 ފްލެޓާއި އަދި މާލޭގައި އެޅޭ 800 ފްލެޓަށް، ކެޓަގަރީ B އަށް ވަކިން ޚާއްޞަވެގެންދާނެ. ކެޓަގަރީ C އަކީ މާލޭގައި ވަޒަންވެރިވެ އުޅޭ އަދި ޚާއްޞަކޮށް، މާލޭގައި ގިނަދުވަހު ވަޒަންވެރިވެ އުޅޭ ފަރާތްތަކަށް، ޚާއްޞަ ކުރެވިފައި އޮތް ކެޓަގަރީއެއް. އެ ކެޓަގަރީގައިވެސް ހުޅުމާލެއާއި، މާލެއާއި އަދި އޭގެއިތުރުން، ގުޅީފަޅާ. ބިމުގެ ޖާގައާއި އަދި ފްލެޓް އެފަރާތްތަކަށް އިރާދަކުރެއްވިއްޔާ، އެ ފުރްޞަތު ފަހިވެގެންދާނެ. މުޅި ޖުމްލަ ބޯހިޔާވަހިކަމަށް އެދިފައި އެބަވޭ، އެކާވީސްހާސް ފަރާތަކުން.

އަޅުގަނޑުމެންގެ މަޝްރޫޢުގައި މިވަނީ، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، މުޅި ޖުމްލަ ދިހަހާސް ބޯހިޔާވަހިކަން ބިނާކުރުމަށް. އެހެން ނަމަވެސް، އަޅުގަނޑު ހަމަ ހުރިހާ ފަރާތްތަކަކަށް ޔަޤީންކޮށް އަރުވަން. ސަރުކާރަށް ވިސްނޭ ވިސްނުމުގައި، އަދި މިހާރު ސާފުކޮށް ފެންނާން އޮތް ގޮތުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، މާލޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަކީ، މި ދައުލަތަށް ނުކުރެވޭވަރު ކަމެއް ނޫން. އިރާދަކުރެއްވިއްޔާ، ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން އެކަން ކޮށްދޭނަން.

އަޅުގަނޑުމެންގެ އިޤްތިޞާދީ އަދި މާލީ ނިޒާމް ބަދަލުކުރެވުނީ، މި ވަޢުދު ފުއްދުމަށްޓަކައި. ހުރިހާ ބޭފުޅުންނަށްވެސް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި. އުލިގަމަކަސް، ތުރާކުނަކަސް، ކެލައަކަސް، އައްޑޫއަކަސް، އެ ރައްޔިތަކު ބޭނުން ތަނެއްގައި ދިރިއުޅެވޭނެ ގޮތްތައް، މި ރާއްޖޭގައި ފަހިވެފައި އޮންނަން ޖެހޭނެ. މި ރާއްޖެއަކީ ޤުދްރަތީ ވަސީލަތްތައް ގިނަ، ތަނަވަސް، މުއްސަނދި ޤައުމެއް. ޖީ.އެސް.ޓީ. 6 ޕަސެންޓަށް ބަދަލުކުރީމާ، ތިޔަބޭފުޅުން ހީކުރައްވާނީ، ވިޔަފާރިވެރިންނާއި، ފައިސާ ދައްކާން ތިއްބަވާ ބޭފުޅުން، އެކަމުގައި ހިތްހަމަނުޖެހިގެން ގޮސް ނުދައްކަވާނީ ކަމަށް ނޫންތޯ. ޑިސެމްބަރު މަހު ޖީ.އެސް.ޓީ ދެއްކި މީހުންގެ ޢަދަދަށްވުރެ، ޖެނުއަރީ މަހު ޖީ.އެސް.ޓީ ދެއްކި މީހުންގެ ޢަދަދު، 50 ޕަސެންޓަށްވުރެ ގިނަކަމަށް، މީރާއިން އަޅުގަނޑު ގާތުގައި އެބަ ބުނޭ.

ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ، މި ފައިސާއަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި އަދި އެ ރައްޔިތުންގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި ދައުލަތާ ޙަވާލުކުރެވޭ އަމާނާތެއްކަން. އަދި އެ އަމާނާތަށް ޚިޔާނާތްތެރިނުވެ، އިޚްލާޞްތެރިކަމާއެކީގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދްމަތްތައް، މި ސަރުކާރުން ފޯރުކޮށްދޭނެކަން ޔަޤީންވާތީވެ، ޓެކްސް ދައްކާ ޢަދަދު އިތުރުވަމުން އެދަނީ. ޓެކްސް ދައްކާ މީހުންގެ ޢަދަދު އިތުރުވާ އެހެން އެއްވެސް ސަބަބެއް، ދުނިޔޭގެ އެއްވެސް ބާވަތެއްގެ މާހިރުންނެއް ފާހަގަކޮށްފައެއް ނޯންނާނެ، ހަމައެކަނި ސަރުކާރަށް އިތުބާރު ކުރެވޭތީވެ، ތިމަންނާގެ ފައިސާ ސަރުކާރަށްދޭނީ.

އަޅުގަނޑުމެންނަށް ޖެނުއަރީ މަހުގެ ޓެކްސް ދައްކާ ޢަދަދު އިތުރުވޭ. އެހެންވީމާ، އަޅުގަނޑުމެންނަށް ގިނަ ގެދޮރު އެޅޭނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ގިނަ ނަރުދަމާ ހެދޭނެ. ގިނަ ބަނދަރު ހެދޭނެ. އަޅުގަނޑުމެންނަށް ގިނަ ބޯޅަދަނޑު އެޅޭނެ. އަޅުގަނޑުމެންނަށް ގިނަ ވޮލީކޯޓް އެޅޭނެ. ބެޑްމިންގޓަން ކޯޓް އެޅޭނެ. ކުޅިވަރު އެކުވެރި ހެދޭނެ. ބޯޅަދަނޑު ވަށާ ދާޖެހޭނެ. ފަސްގަނޑު އެއްވަރު ކުރެވޭނެ. ދަނޑުގައި ޓާރފް އެޅޭނެ. އަޅުގަނޑުމެންނަށް ރާއްޖޭގެ ޒުވާނުން، މިއެދޭ ކަންކަން، އެ ޒުވާނުން ބޭނުންވާ ގޮތަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ކޮށްދެވޭނެ.

އަޅުގަނޑުމެން، މިކަންކަން ކުރުމަށްޓަކައި ގެނައި ފިކުރު އެއީ، ހަމައެކަނި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯއެއް ނޫން. އެ ޕާޓީގެ ބޮޑު މެނިފެސްޓޯއަކީ، މި ރާއްޖޭގެ ޤާނޫނުއަސާސީ. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، މި ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ރައްޔިތުންނަށް ހޯދައިދިން ބޮޑު އަސާސަކީ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ. އެ އަސާސުން އެ ރައްޔިތުން އެދުނު ކަންކަން އަޅުގަނޑުމެން މިއަދުވެސް ހަނދާން ހުންނާނެ ވަރަށް ސާފުކޮށް. ވެރިކަން ބަދަލުކޮށްދެހެރޭ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް، ރާއްޖެއަށް ތަޢާރުފްކޮށް، 30 އަހަރުގެ ދިގު ވެރިކަން، އަޅުގަނޑުމެންނަށް ބަދަލުކޮށްދޭށޭ ބުނި އަޑު، އަޅުގަނޑުމެން އެހިން. އަޅުގަނޑުމެން ދެންނެވިން، 11 ނޮވެމްބަރ 2008ވާ އަންގާރަ ދުވަހު އިރާދަކުރެއްވިއްޔާ، އެކަން ކޮށްދޭނަމޭ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށްވީ ފުރަތަމަ ވަޢުދު ފުއްދަމުން، މި ޕާޓީ، މި ރާއްޖޭގެ ވެރިކަމާ ޙަވާލުވީ.

ރައްޔިތުން ދެން އެދުނީ، އިންތިޚާބުވެފައި އޮތް ރައްޔިތުންގެ މަޖިލީހެކޭ، މި ރާއްޖޭގައި އޮންނަންޖެހޭނީ. ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރުންނެއް ތިބޭ ރައްޔިތުންގެ މަޖިލީހެއް ބޭނުމެއްނެތޭ. އަހަރަކު 6 ޖަލްސާ ބާއްވާ ރައްޔިތުންގެ މަޖިލީހެއް ބޭނުމެއްނެތޭ. މާލޭ މެންބަރަށް ހަމައެކަނި 6 މަސްދުވަހު ގޮނޑީގައި އިނދެވޭ ރައްޔިތުންގެ މަޖިލީހެއް ބޭނުމެއްނެތޭ. މަޖިލީހުގެ މެންބަރުންގެ ޙިމާޔަތާއި، ރައްކާތެރިކަމާއި، އިމްތިޔާޒުތައް ފުރިހަމައަށް ލިބިދީފައިވާ ރައްޔިތުންގެ މަޖިލީހެކޭ، ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ. ދިވެހިރާއްޖޭގެ މި ގާނޫނުއަސާސީ ބަޔާންކުރީ، އެ އުޞޫލުތައް، އެގޮތްތައް. މާތްރަސްކަލާނގެ އަމުރާއި އިރާދަފުޅުން އަޅުގަނޑުމެންނަށް އެވަނީ، އެފަދަ ރައްޔިތުންގެ މަޖިލީހެއް، ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެވިފައި.

ރާއްޖޭގެ ރައްޔިތުން ދެން ބުނީ، ކަތީބަކު ބޭނުމެއްނެތޭ. އިންތިޚާބޭ ކަތީބު ކުރާންޖެހޭނީ. ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތައް، ރަށްތައް ހިންގުމަށް، ޤާނޫނުއަސާސީގައި ކަނޑައަޅައި އަދި އެއަށްފަހު، އެ ޤާނޫނު އުފަންވެ، އެ ޤާނޫނުގެ ދަށުން ރާއްޖޭގެ ކައުންސިލްތައް އިންތިޚާބުވެ، ރާއްޖޭގެ ރަށްތައް އެދަނީ ބާރަށް، ކުރިއަށް ލާމަރްކަޒީ އުޞޫލުގައި. އިންތިޚާބުވެފައިވާ ކައުންސިލްތަކެއްގެ އިންތިޒާމްގެ ތެރޭގައި.

މިއަދު އަޅުގަނޑުމެން މިދެކޭ 7 ޕަސެންޓް، 8 ޕަސެންޓްގެ ޖީ.ޑީ.ޕީ ގްރޯތް ނުވަތަ ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރައި އެދަނީ، މިދެންނެވި ކައުންސިލްތައް މިނިވަންވީތީވެ. އެރަށްރަށަށް ތަރައްޤީގެ މަސައްކަތްތަކުގައި ބާރަށް ނުކުމެވުނީތީވެ. ތަޢުލީމީ ޒުވާނުންނަށް، ރަށުގެ ކަންކަމާ އަޅާލައި އުޅެވުނީތީވެ. އަޅުގަނޑުމެންނަށް ދުވަހުން ދުވަހަށް ފެންނަމުންދަނީ، ކޮންމެ ކައުންސިލަކުންވެސް ރަށުގެ ތަރައްޤީއަށްޓަކައި ރާވާ ރޭވުންތަކާއި، ވިލަރެސްކުރާ މަންޒަރުތައް. އެމަންޒަރުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ފައިސާ ހޯދުމަށް ވިސްނާ ވިސްނުންތަކާއި އަދި ގެންގުޅުއްވާ ކޮންޓްރެކްޓްތައް.

ރާއްޖެ ތަރައްޤީވާން އަންނަނީ، ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށްވެގެން. އޭގެތެރޭގައި، ރައްޔިތުން ދެން ދެއްކި ވާހަކަ، އަޅުގަނޑުމެން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި، އިންޞާފް ބޭނުމޭ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ނިޝާނަކީ، ލޯގޯއަކީ އޭގެ ރަމްޒޭ. އަޅުގަނޑުމެން ބޭނުމޭ، ރަނގަޅު ފަނޑިޔާރަކު. މިރަށުގައި ހުންނަ ފަނޑިޔާރަށް ތަންދޮރު އެނގޭން ޖެހޭނޭ. ރަނގަޅު ފަނޑިޔާރުގެއެއް ހިނގާން ޖެހޭނޭ. ޙުކުމެއް ގަނެވޭނޭ ވިސްނުން، ޚިޔާލު އެއީ ދުވަހަކުވެސް އަޅުގަނޑުމެން އެކަކަށްވެސް އައިސްގެންވާނެ ވިސްނުމެއް، ޚިޔާލެއް ނޫނޭ. އަޅުގަނޑުމެންގެ ފަނޑިޔާރުންނަކީ ތަޢުލީމީ ފެންވަރުހުރި، ތަންދޮރުފިލާ، ދުނިޔެއަށް ހުޅުވިފައިވާ ފަނޑިޔާރުންނަށްވާން ޖެހޭނެ ކަމަށް، އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި ލިޔުނިން. ޤާނޫނުއަސާސީގައި މަޒުމޫނު ނުލިޔާތީވެ، އެ ބަސްތައް އެތަނުގައި ނެތުނީ. އެހެން ނަމަވެސް، ހަމަ ޔަޤީނުން ޤާނޫނުއަސާސީ މާނަކުރައްވާ ބޭފުޅުންނަށް ފާހަގަވާނެ، ފަނޑިޔާރެއްގެ ވާހަކަ، ޤާނޫނުއަސާސީއެއްގައި ލިޔަމުން އައިސް، ތަޢުލީމޭ ކިޔާފައި ދެން ލިޔުނީމާ، އެއޮތީ ވާހަކައެއް ލިޔެވިފައި. އެއަށްވުރެ ވަކި ދިގު ވާހަކައެއް ދައްކާކަށެއް ނެތް. ފެހި ޤާނޫނުއަސާސީއަކު ނެތް، ތަޢުލީމުގެ ވާހަކައެއް، ފަނޑިޔާރުންނާ ގުޅުވައިގެނެއް. އާދެ! މޫންލައިޓް ޤާނޫނުއަސާސީއަކުވެސް ނެތް. އޭގެ ކުރީ އެހެން ޤާނޫނުއަސާސީއަކުވެސް ނެތް. ހަމައެކަނި މި މުޒާހަރާ ޤާނޫނުއަސާސީގައިވާނީ، ފަނޑިޔާރުންނާ ގުޅުވައިގެން ތަޢުލީމުގެ ވާހަކަ.

އެހެންވީމާ، އަޅުގަނޑުމެންގެ އެންމެ މުހިންމު ވަޢުދު އެބަ ފުއްދާންޖެހޭ. މި ރާއްޖެއަށް އިންޞާފްވެރި ފަނޑިޔާރުގެތަކެއް، އަޅުގަނޑުމެން އެބަ ހޯދައިދޭންޖެހޭ. ޔަޤީން، ކަށަވަރު، ޝައްކުނުކުރޭ. އަޅުގަނޑުމެންނަށް ފްލެޓް އެޅޭނެ. އެއްވެސް ކަމެއް ނޫން އިރާދަކުރެއްވިއްޔާ އެއީކީ. އަދި ދެގުނައަށްވެސް އެޅިދާނެ. އެއީކީއެއް އެއްވެސް ޙާލެއްގައި އިންޞާފްވެރި އަދި ޢަދުލުވެރި މުޖްތަމަޢެއްގެ ތެރޭގައި ކުރަން އެއްގޮތަކަށްވެސް ދަތި ކަމެއް ނޫން. ފަނޑިޔާރުގެއެއް އަޅުގަނޑުމެންނަށް ލިބުނީމާ، ރާއްޖޭގެ އުފެއްދުންތެރިކަން، އެތައް ގުނައަކުން މައްޗަށްދާނެކަމީ، އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން.

މިއަދަކީ ބޯހިޔާވަހިކަމުގެ ދުވަހުގެ ގޮތުގައި، އަޅުގަނޑުމެން އަލުން އަނބުރާ ފާހަގަކުރަން އެދޭ ދުވަހެއް. މިއަދު އަޅުގަނޑުމެންނާ ދިމާވެފައިމިވާ ކަންކަމަކީ، އަޅުގަނޑުމެންގެ ބޯހިޔާވަހިކަމާ ނުގުޅޭ ކަންކަމެއް ނޫން. އާދަމް މަނިކު، މާ ސާފު ޢިބާރާތުން އެކަން ފާހަގަކޮށްދެއްވައިފި.

އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މި ބޭނުންވާ ކަންކަން ކުރުމަށްޓަކައި ފަނޑިޔާރުގެއެއް، ރަނގަޅު ފަނޑިޔާރުގެއެއް އެބަ ބޭނުންވޭ. ރައްޔިތުން ވިސްނަވާ، ދައުލަތުގެ ފަރާތުން ފަނޑިޔާރުގެއަށް ގޮސް އޮތް ކިތައް ކަންތައްތޯ، މިދިޔަ ތިން އަހަރު ނިމިފައިވަނީ. މާލޭގެ ބިން ވިއްކުން. އަދި މިހެންގޮސް އަޅުގަނޑަށް ކިތަންމެ ކިތަންމެ ކަމެއް ކިޔައިދެވިދާނެ. ފަނޑިޔާރުގެއާ ހިސާބުގައި ހުއްޓިފައި ހުރީ، އަޅުގަނޑުމެން މިއެދޭ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ އޮނިގަނޑު ބަޔާންކުރާ ނިޒާމަށް، ރާއްޖެ ބަދަލުކުރުމަށްޓަކައި ބޭނުންވާ ކިތަންމެ ކަމެއް ހުއްޓިފައި ހުރީ ފަނޑިޔާރުގެޔާ ހިސާބުން. އެއަރޕޯޓް އަޅާން އުޅުނުކަން ހުއްޓުވާލަން މަސައްކަތްކުރީ ފަނޑިޔާރުގެއިން. ބޯހިޔާވަހިކަން، މާލޭގެ ތަރައްޤީ، ހުޅުމާލެއާއި މާލެއާ ދޭތެރޭގެ ފާލަން، ޙަޤީޤަތުގައި ހުއްޓިފައި ހުރީ ފަނޑިޔާރުގެޔާ ހިސާބުގައި. އަޅުގަނޑުމެންނަށް އިންޞާފްވެރި، ޢަދުލުވެރި މުޖްތަމަޢެއް ނުހޯދެނީސް، އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ.

އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުމީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ 5 އަހަރު، އަޅުގަނޑުމެން ނިންމާލާނީ، ތިޔަބޭފުޅުން ތިއެދޭ ބާވަތުގެ ފަނޑިޔާރުގެތަކެއް، މި ރާއްޖޭގައި އުފައްދާފައި، މި ރާއްޖޭގައި ޤާއިމްކޮށްފައި. އެނޫން ގޮތަކަށެއް އަޅުގަނޑެއް ހުއްޓައެއްނުލާނަން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!