މާލޭގައި ދިރިއުޅޭ އެންމެންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަކީ، މި ދައުލަތަށް ނުކުރެވޭނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ބައެއް ފަރާތްތަކަށް ބިމާބެހޭ ލިޔުން ޙަވާލުކުރެއްވުމަށް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދައުލަތުގެ ބަޖެޓް ފާސްވެފައިވަނީވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުވައިދިނުމަށް ކުރެވެންހުރި ކަންކަން ކުރެވޭގޮތަށްކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ނިޒާމް ބަދަލުކުރެވުނީވެސް އެންމެންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ކަމަށެވެ. އަދި އެ ރައްޔިތަކު ބޭނުން ތަނެއްގައި ދިރިއުޅެވޭނެގޮތް، ރާއްޖޭގައި ފަހިވެފައި އޮންނަންޖެހޭނެ ކަމަށާއި، ރާއްޖޭގެ ޒުވާނުން އެދޭ ކަންކަން، ޒުވާނުން ބޭނުންވާ ގޮތަށް ކޮށްދެއްވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ޓެކްސް ދައްކާ ފަރާތްތަކުގެ ޢަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވަމުން، އެ ޢަދަދު އިތުރުވެގެން މިދަނީ، އެފަރާތްތަކުން ސަރުކާރަށް އިތުބާރުކުރާތީ ކަމަށް ވިދާޅުވިއެވެ. އަދި މިދިޔަ ޑިސެމްބަރު މަހަށްވުރެ، މި ޖެނުއަރީމަހު ޓެކްސް ދެއްކި މީހުންގެ ޢަދަދު އިތުރުކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރާއްޖޭގައި އިންޞާފްވެރި، ޢަދުލުވެރި މުޖްތަމަޢެއް ޤާއިމް ކުރުމަކީ، ދަތިކަމެއް ނޫންކަން ބަޔާންކުރައްވަމުން، ރާއްޖޭގައި އިންޞާފްވެރި ފަނޑިޔާރުގެތަކެއް ޤާއިމްކުރަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަނގަޅު ފަނޑިޔާރުގެއެއް ލިބުނީމާ، ރާއްޖޭގެ އުފެއްދުންތެރިކަން، އެތައް ތަނަކުން އިތުރުވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގޯތިލިބޭ ފަރާތްތަކުގެ ތެރެއިން މިއަދުގެ ރަސްމިއްޔާތުގައި، ބައެއް ފަރާތްތަކަށް ބިމާބެހޭ ލިޔުން ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. މި ރަސްމިއްޔާތު ތަޢާރުފްކޮށްދެއްވައި، މަރްޙަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ޑައިރެކްޓަރ އާދަމް މަނިކެވެ.