ޤާނޫނު ނަންބަރު 2011/17 މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ [ނޭޝަނަލް ޑްރަގް އެޖެންސީ]ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާ ގުޅިފައިވާ އަމިއްލަ ޙައިޘިއްޔަތެއް ލިބިގެން، ހިންގުމުގެ މިނިވަންކަން ލިބިފައިވާ، ގަވަރނިންގ ބޯޑެއްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ އުފެއްދެވުމާ ގުޅިގެން، މަސްތުވާތަކެތިން ދިވެހި މުޖްތަމަޢު ރައްކާތެރިކޮށް، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، މުޖްތަމަޢަށް އަނބުރާ ގެނައުމަށް ކަންކަން ރާވާ ހިންގައި، ވިލަރެސް ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރެއްވުމަށް މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ދަށުން އުފައްދަވާފައިވާ [ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރީހެބިލިޓޭޝަން ސަރވިސަސް] އިން ކުރައްވަމުން ގެންދެވި މަސައްކަތްތައް، ޤާނޫނީ ގޮތުން ދެން ކުރައްވަމުން ގެންދަވާނެ ސަރުކާރުގެ އިދާރާއަކީ، ނޭޝަނަލް ޑްރަގް އެޖެންސީއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ އުފެއްދެވުމާ ގުޅިގެން، އެޖެންސީގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ހަމަޖައްސަވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ އަލްއުސްތާޛާ ލުބްނާ މުޙަންމަދު ޒާހިރު ޙުސައިނެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ ޢާއިޝަތު ޝުވައިކާރާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ޢާއިޝަތު ވެލެޒިނީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް މުޙަންމަދު ރަޝީދު ޙުސައިނާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު އިބްރާހީމް ރަޝީދާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނިލާމާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އަޒްހާނާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ފާތިޙް ޢަލީއާއި، ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޢަބްދުﷲ ވަޙީދާއި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމާޢަތެއް ކަމަށްވާ ޖަރނީން މުޙަންމަދު ޒުބައިރެވެ.