بســم اللّـه الرّحمـن الرّحيــم

السّــلام عليــكم


މެޕްސް ކޮލެޖްގެ ރެކްޓަރ އަޙްމަދު ޢަލީ އަދި ވައިސް ރެކްޓަރ ޢަބްދުލްޢަޒީޒް އިބްރާހީމް އަދި މެޕްސް އިންޓަރނޭޝަނަލް ހައިގެ ޕްރިންސިޕަލް އަލްފާޟިލް އާދަމް ޙާފިޒު، ޑެޕިއުޓި މިނިސްޓަރ އިބްރާހީމް އިސްމާޢީލް، މި ސެމިނަރގެ އެންމެހާ ބައިވެރިންނާއި، މަޢްލޫމާތު ދެއްވަން ވަޑައިގެން ތިއްބެވި އެންމެހާ އަޚުންނާއި އުޚްތުން.

السّــلام عليــكم ورحمـةالله وبركا تـه.

އާދެ! މިއަދު އަޅުގަނޑަށް އެންމެ ފުރަތަމަ މިފުރުސަތު ދެއްވީތީ އަޅުގަނޑު މެޕްސް ކޮލެޖަށް ޝުކުރު ދަންނަވަން. މިއީ، މެޕްސް ކޮލެޖަށް އަޅުގަނޑަށް ޒިޔާރަތް ކުރެވޭ އެންމެ ފުރަތަމަ ފަހަރު. އެހެންވީމާ، މިކޮލެޖާ ބެހޭގޮތުން އަދި އަޅުގަނޑަށް މާބޮޑަކަށް މާފުރިހަމަ މަޢްލޫމާތުތަކެއް ނެތް. އެހެންވީމާ، އެކަމަށްޓަކައި މަޢާފް ކުރެއްވުން އެދެން. އެހެންނަމަވެސް، މިވީ ކުޑައިރުކޮޅުގެ ތެރޭގައި އަޅުގަނޑަށް ލިބުނު މަޢްލޫމާތުން އަޅުގަނޑަށް އެނގޭ، މެޕްސް ކޮލެޖަކީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ ވަރަށް ރަނގަޅު ފެންވަރެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކޮލެޖެއްކަން. އަދި ރާއްޖެއިން ބޭރުގެ ހަމަ ދުނިޔޭގައި އިޙްތިރާމް ކުރެވޭ ފުދޭވަރެއްގެ ރަނގަޅު ޔުނިވަރސިޓީތަކާ ގުޅިގެން އެކިއެކި ކޯސްތައް ރާއްވަވައިގެން އަޅުގަނޑުމެންގެ ދަރިވަރުންނަށް އެ ކޯސްތައް ގެނެސް ދެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްޓަކައި އަޅުގަނޑު، މެޕްސް ކޮލެޖަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑަށް މިތަނަށް އާދެވުނުކަމަށްޓަކައި އަޅުގަނޑު އުފާކުރަން. މިހާރު ކުރިން ވާހަކަ ދެއްކެވި ބޭފުޅުން އިޝާރާތް ކުރެއްވި ފަދައިން، މި ސެމިނަރއާ ގުޅޭ ތަފާތު ކަންތައްތަކެއްގެ ޒިންމާ، އަޅުގަނޑު ސަރުކާރުގައި ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ. އޭގެ ތެރެއިން ޚާއްޞަ ގޮތެއްގައި އަޅުގަނޑަކީ ހަޔަރ އެޑިޔުކޭޝަން ކައުންސިލްގެ ރައީސް. އެހެންވީމާ، ރާއްޖޭގައި މަތީ ތަޢްލީމު ދިނުމުގެ ސިޔާސަތު ކަނޑައެޅުމާއި، މަތީ ތަޢްލީމު ކުރިއެރުމަށްޓަކައި މަސައްކަތް ކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ސަރުކާރުގެ އެންމެ ބޮޑު އެއް ގުނަވަން، މިދެންނެވި ހަޔަރ އެޑިޔުކޭޝަން ކައުންސިލަކީ.

މިވޭތުވެދިޔަ އަހަރުގެ ތެރޭގައި ހަޔަރ އެޑިޔުކޭޝަން ކައުންސިލްގެ ފަރާތުން ވަރަށް މުހިންމު ދިރާސާތަކެއްވަނީ ކުރެވިފައި. އެގޮތުން ޚާއްޞަކޮށް މަތީތަޢްލީމު ހާސިލު ކުރުމަށްޓަކައި ދަރިވަރުންނަށް ހުރި އެހީތެރިކަން، ލިބެން ހުރި މާލީ އެހީތެރިކަމާ ބެހޭގޮތުން އެމެރިކާގެ ޕްރޮފެސަރެއްގެ އެހީގައިވަނީ ދިރާސާއެއް ހަދައި ނިމިފައި. ހަޔަރ އެޑިޔުކޭޝަން ފައިނޭންސާ ބެހޭގޮތުން. މީގެ މައްޗަށް ބިނާކޮށް މިހާރު ފައިނޭންސިންގއާބެހޭ ޕޮލިސީއެއް ތައްޔާރުކޮށް، އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން އެ ޕޮލިސީވަނީ ކެބިނެޓަށް ހުށަހަޅާ ކެބިނެޓުން ފާސްކުރައްވާފައި. މިޕޮލިސީގެ ދަށުން މިއަހަރުން ފެށިގެން ސަރުކާރުން ގަސްދުކުރައްވަނީ އިތުރު އެއްހާސް ކުދިންނަށް މަތީތަޢްލީމުގެ ފުރުސަތުތައް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވުން. އެގޮތުން މިއަހަރުގެ ބަޖެޓުގައި ތަޢްލީމަށް ކުރީ އަހަރުތަކާ އަޅާބަލާއިރުގައި އިތުރު ބަޖެޓު ހިމެނިފައިވޭ. އަދި މިހާރު ދެމުންދާ އެހީތަކުގެ އިތުރުން، އިތުރު އެހީ ލޯނުގެ ސިފައިގައިވެސް، ސްކޮލަރޝިޕްގެ ސިފައިގައިވެސް ގްރާންޓްގެ ސިފައިގައިވެސް، ލިބޭނެ އިންތިޒާމުތައް މިއަހަރު އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ.

އާދެ! ކޮންމެ އަހަރަކު މިހާރު އޯ ލެވެލް ނިންމާފައި އެތަކެއް ހާސް ކުދިން އެބަ ނުކުމޭ ސްކޫލްތަކުން. އެހެންނަމަވެސް، ޢުމުރުން ސޯޅަ އަހަރު ސަތާރަ އަހަރުގައި މާގިނަ ވަޒީފާތަކެއް ނުހުރޭ މިހާރަކު. ސަބަބަކީ، ވަޒީފާގެ ބާޒާރު އިތުރުވަމުން ދިޔަނަމަވެސް، ސްކޫލްތަކުން ނުކުންނަ ކުދިންނާ އެއްވަރަކަށް އިތުރުވަމުން ނުގޮސް ހުންނަނީ. އެހެންވީމާ، މީގެތެރޭގައި އެބައުޅޭ ގެޕެއް ވަރަށްބޮޑު. އިތުރުވާ ވަޒީފާތައް މާ މަދު، ނިމިގެން ނުކުންނަ ކުދިންނަށްވުރެ. އަދި ހަމައެހެން، ޚާއްޞަކޮށް އަތޮޅު ތެރޭގައި މިފުރުސަތުތައް މާ މަދުން މިހިރީ. އެހެންވީމާ، މިވާގޮތަކީ ހަމަ ޒުވާން، ވަރަށްގިނަ އަދަދެއްގެ ކުދިން، ސްކޫލްތައް ނިމުމަށްފަހުގައި ކަމެއްނެތި ތިބެން ޖެހޭ ގޮތަށް މިއޮތީ ދިމާވެފައި. އެހެންވީމާ، މި ފުރާވަރުގެ ކުދިންނަށް ޚާއްޞަކޮށް މިކަހަލަ ގައިޑެންސް ޕްރޮގްރާމެއް ރާއްވަވައިގެން އެކުދިންނަށް އެކިއެކި ފުރުސަތުތައް ހުޅުވައިދެއްވުމަށްޓަކައި، ހޯއްދަވައި ދެއްވުމަށްޓަކައި މަސައްކަތް ކުރައްވާކަމީ އެއީ، އަޅުގަނޑު ދަންނަވާނީ މިވަގުތު ވަރަށްބޮޑަށް ބޭނުންވެފައިވާ ކަމެކޭ. އަޅުގަނޑު އުންމީދު ކުރަން، އެހެން ކޮލެޖްތަކުންވެސް، ޔުނިވަރސިޓީންވެސް އަދި އެހެން ފަރާތްތަކުންވެސް މިފަދަ މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށް.

އަޅުގަނޑު ވަރަށް ކުޑަކުޑަ އެއްޗެއް ދަންނަވާލާނަން، މިސާލެއް. އަތޮޅު ތެރޭގައި މިދިޔަ އަހަރު، މީގެ ކުރީ އަހަރު ދަތުރު ކުރަމުން ދިޔައިރުގައި އެއްރަށަކުން ދިމާވި މަގުމަތީގައި ހިތްކަން ހުރީ ތުނޑުކުނާ ހެދުމަށްޓަކައި ބޭނުންކުރާ ހައި ދެއްތޯ. މިއީ ފާޑެއްގެ ގްރާސްއެއް. މިހެދެނީ ބައެއް ރަށްރަށުގައި. ކޮންމެއަކަސް މިރަށަކީ މި ހައްދާ ރަށެއް. ރަށުގައި މި ކަނޑައިގެން މި ހިއްކައިގެން މިވިއްކާ ބަޔަކުވެސް އެބައުޅޭ. ދެން އަޅުގަނޑު އޮޅުންފިލުވައިލިން، މިރަށުގައި މިކުނާވިޔާ އެއްވެސް މީހަކު ހުރިތޯ. ބެލިއިރަކު ނޫޅޭ. ހަމަ އެކަކުވެސް. ދެން އެކަމު ހަމަ އެ ހިއްކަންވެގެން ހުރިގޭގެ ތެރޭގައި އަޅުގަނޑު ވަތްއިރުގައި އެގޭގައި ތިބި ޒުވާން ދެއަންހެން ކުދިން. ހަމަ ގާތްގަނޑަކަށް އެއް އުމުރު ފުރައެއްގެ ގާތްގަނޑަކަށް ސޯޅަ، ސަތާރަ އަހަރުގެ ދެއަންހެން ކުދިން ސްކޫލް ނިމިފައި. އޯލެވެލް މިހާރު ނިމިފައި. ކީއްތޯ ކުރަނީ އެހީމާ ބުނީ އެއްކަމެއްވެސް ނުކުރަމޭ ތިމަންނަމެންނެއް. ކުރާނެ ކަމެއްނެތޭ މިތާކުއެއް، މިރަށަކު މިހާރަކު ތިމަންނަމެންނަކަށް.

އެހެންވީމާ، މިއީ ކޮންމެހެން އެރަށަށް އެކުދިންނަށް ޚާއްޞަ ތަޖުރިބާއެއް ނޫން. ވަރަށްގިނަ އަދަދެއްގެ ކުދިންނަށް މިދެންނެވި ގޮތަށް ދިމާވެފައި މިހިރީ. އެހެންވީމާ، މިވަޒީފާ އުފެއްދުމަށްޓަކައި، ވަޒީފާއަށް ކުދިން ނެރުއްވުމަށްޓަކައި މަސައްކަތްތައް ދަސްކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބައިވަރު. ސްކޫލް ނިމިގެން ނުކުންނައިރުގައި އިތުރަށް ކިޔެވުން އެންމެ ރަނގަޅު ގޮތަކީ. އަދި އޭލެވެލްއަށްވެސް ގޮސް ޔުނިވަރސިޓީއަށްވެސް ދިޔުން. އެހެންނަމަވެސް އެފުރުސަތު ހުރިހާ ކުދިންނަކަށް ނުލިބޭ. ސަބަބަކީ ޔުނިވަރސިޓީގެ ޖާގަވެސް ވަރަށް މަދު. އަނެއްކާ މާލީގޮތުންވެސް ހުރިހާ ކުދިންނަކަށް ފޯރުންތެރިކަމެއް ނުހުރޭ. އެހެންވީމާ، ސަރުކާރުން މަސައްކަތް ކުރައްވަނީ އިތުރު ކުދިބަޔަކަށް އެ ފުރުސަތު ހޯދައިދެވޭތޯ. އެހެންނަމަވެސް، ތިބޭނެ އަދި އެފުރުސަތު ނުލިބޭ ކުދިބަޔަކުވެސް. ދެން މިޖެހެނީ ވަޒީފާއަކަށް ނުކުންނަން، އެހެންނޫނިއްޔާ ވަޒީފާއެއް އުފައްދަން. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މިދެގޮތް އެބައޮތް. އެއްގޮތަކީ ބަޔަކަށް ވަޒީފާއެއް އަދާކޮށްދޭން ނުކުތުން. ވަޒީފާއެއް ހޯދަން އުޅުން. އަނެއްގޮތަކީ އަމިއްލައަށް ކަމެއް ކުރަން އުޅުން. މިދެކަމުގައިވެސް ބޭނުންވާ ހުނަރުތަކެއް އެބަހުރޭ. މަޢްލޫމާތުތަކެއް އެބަހުރޭ. އެގޮތުން ފުރަތަމަ ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރާ ދަރިވަރަކަށް ބޭނުންވާ ހުނަރުތަކެއް އެބަހުރޭ.

ދެންމެ އެވިދާޅުވި ފަދައިން، މިއަދުގެ ސެމިނަރގައި މިދެންނެވި ކަހަލަ ބައެއް ހުނަރުތަކާ ބެހޭގޮތުން ވާހަކަ ދެކެވޭނެ އަދި މަޢްލޫމާތުވެސް ދެވޭނެ. ފުރަތަމަ ވަޒީފާ ހުރީ ކޮންކޮން ތަނެއްގައިތޯއާއި ކޮންކަހަލަ ވަޒީފާއެއްކަން ހުރީ، ތިމަންނަ ކުރަން ބޭނުންވާ ކަމަކާ އެވަޒީފާއާގުޅޭތޯ ބެލުން. އެގޮތުން މިތަނަށް މިއަދު އެކިއެކި ކުންފުނިތަކުންނާއި އޭޖެންސީތަކުން ވަޑައިގެން ތިއްބެވި ބޭފުޅުން ވަޑައިގެންނެވީތީ އަޅުގަނޑު ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. ގިނަ ފަހަރަށް ސްކޫލް ހަމަ ނިމިގެން ނުކުންނަ ކުއްޖަކަށް ނޭނގޭނެ އަދި ކޮންކަހަލަ ފުރުސަތުތަކެއްކަން ހުރީކީވެސް. ދެން ހުރީ ކޮން ފުރުސަތުތަކެއްތޯ އެނގުމަށްފަހުގައިވެސް އެއަށް ތައްޔާރުވުމަށްޓަކައި، އެވަޒީފާ ހޯދުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކަށްވެސް ހުނަރުތަކެއް އެބަ ބޭނުންވޭ. އެހެންވީމާ، އެގޮތުން މިއަދު ތިޔަބޭފުޅުން މި ސެމިނާރގައި ސީވީ ތައްޔާރު ކުރުމާއި، ސިޓީ ލިޔުމާއި، އެޕްލިކޭޝަން ފުރުމާއި، މިހެން ހުރި ބައެއް ހުނަރުތައްވެސް ދަސްކޮށްދެއްވާގޮތަށް މިއަދުގެ ސެމިނާރ ރޭވިފައި މިއޮތީ. އެއީ، ވަރަށް ބޭނުންތެރި ހުނަރުތަކެއް.

ދެން ވަޒީފާ ލިބުމަށްފަހުގައި ބޭނުންވާ ހުނަރުތަކެއްވެސް އެބަހުރި. އޯލެވެލްގައި ކިޔަވާ ކިޔެވުމަކީ އެ އަދި ކޮންމެ ވަޒީފާއަކަށް ދިޔަސް، އޭގެ ބޭނުން ހިފޭނެ ޖެނެރަލް އެޑިޔުކޭޝަނެއް އެއީ. ވަކި ކަމަކަށް އަމާޒުކޮށްގެން ދެވޭ ތަޢްލީމެއް ނޫން އޯލެވެލް ނޫނީ އޭލެވެލްގައި ދެވޭ ތަޢްލީމަކީވެސް. އެއީ، ޖެނެރަލް ސެކަންޑަރީ އެޑިޔުކޭޝަނެއް އެއީ. އޭގެ މަޤްޞަދަކީވެސް ވަކި ވަޒީފާއަކަށް ކުދިން ތައްޔާރު ކުރުމެއް ނޫން. އެއީ، ޓްރޭނަބަލް ބަޔަކަށް ހެދުމަށްޓަކައި ދެވޭ ތަޢްލީމެއް ސެކަންޑަރީ އެޑިޔުކޭޝަނަކީ. ޓްރޭނަބަލް ބައެއްގެ ގޮތުގައި ލިބިފައި ހުރި ސްކިލްތަކެއް އެއީ، މެތަމެޓިކްސް ސްކިލްސްތަކާއި، ލެންގުއޭޖް ސްކިލްސްތަކާއި، ޖެނެރަލް ނޮލެޖާއި، ދެން މަތީ ތަޢްލީމަށް ދިޔުމަށްޓަކައި ބޭނުންވާ އެކިއެކި މާއްދާތައް ކިޔެވުން. އެހެންވީމާ، މީގެ ތެރޭގައި އެންމެ މުހިންމު ކަމެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ އެއްކަމަކީ، ސޯޝަލް ސްކިލްސް. މަސައްކަތެއް ލިބުމަށްފަހުގައި ކާމިޔާބުވުމަށްޓަކައި ބޭނުންވާ އެކިއެކި ސްކިލްސްތައް. އޭގެތެރެއިން ދެންމެ އެ އިޝާރާތް ކުރެއްވި ފަދައިން، ފުރަތަމަ ތިމާގެ އަމިއްލަ ނަފްސަށް އިތުބާރު ކުރެވުން. ތިމަންނަގެ ސެލްފް ކޮންފިޑެންސް ވަރުގަދަވުން. އިންޓަރނަލް ވެލިއުސްތަކުގައި ކަންތައްތަކެއް އެބަހުރޭ، ތިމަންނަ މަސައްކަތް ކުރަންޖެހޭ ކަންތައްތަކެއް. ފަސޭހައިން މީހުންނާއެކީގައި އުޅެން އެނގުން، ރުޅި އިސްނުކުރުން، އެހެން މީހުންނާ ދޭތެރޭގައި އޯގާތެރިކަމާއެކީގައި ކަންތައް ކުރުން. އެހެން މީހުން ދައްކާ ވާހަކަ އަޑު އެހުމުގެ ކެތްތެރިކަން ހުރުން. ތިމާ ބޭނުންވާ އެއްޗެއް އެހެން މީހުންނަށް އޮޅުން ފިލުވައި ދިނުމަށްޓަކައި ބުނަން ބޭނުންވާ އެއްޗެއް، އެ މީހުންނަށް އޮޅުންފިލާ ގޮތަކަށް، ކުރުކޮށް އޮޅުންފިލުވާދޭން އެނގުން. އިންޓަރޕަރސަނަލް ސްކިލްސްތަކެއް އެބަހުރޭ. ދޭދޭ މީހުންނާއެކީގައި މުޢާމަލާތު ކުރާނެ ގޮތް ދަސްވުން. މަސައްކަތުގެ މާޙައުލުގައި އުޅޭއިރުގައި އެކަކު އަނެކަކާ ދޭތެރޭގައި ކަންތައް ކުރަންޖެހޭ ގޮތް އަދި ޚާއްޞަކޮށް އަންހެން ކުދިންނާއި ފިރިހެން ކުދިންނާ ދޭތެރޭގައި މުޢާމަލާތު ކުރާނެ ގޮތް، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމް ކުރުމާއި، އެކެއްގެ ކަރާމާތަށް އަނެކަކު އަރައި ނުގަތުމާ މިހެން ހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި ދަސްކުރަންޖެހޭ ކަންތައްތައް. ކިތަންމެ ރަނގަޅު ވަޒީފާއެއް ލިބުނަސް މިދެންނެވި ކަންކަން ދަސްވެފައި ނެތީވިއްޔާ، ވަޒީފާއެއްގައެއް ގިނަދުވަހަކު ނުއެއް ހުރެވޭނެ. ކޮންމެވެސް މައްސަލަތަކެއް ނުކުންނާނެ. އެތަނެއްގައެއް ނޫޅެވޭނެ.

ދެން އަނެއްކަމަކީ އަޅުގަނޑު ކެތްތެރިކަމޭ މިދެންނެވީ، ހަމައެކަނި މީހަކު ރުޅިއަންނަ ކަހަލަ އެއްޗެކޭ ބުނުމުން ރުޅިނައިސް ހުރުމެއް ނޫން. ވަޒީފާގައި ގިނަދުވަހު ސާބިތުވެ ހުރުމަށްޓަކައި އެބަ އެނގެންޖެހޭ، ކާމިޔާބު ކޮންމެ މީހަކީވެސް ތިރިން ފަށައިގެން މައްޗަށް މަސައްކަތް ކުރާ މީހެއްކަން. އެއްވެސް މީހަކަށް އެންމެ ފުރަތަމަ ކުންފުނީގައި ނޫނީ އޮފީހުގައި އޮންނަ މަތީ މަގާމެއް ނުލިބޭނެ. އަޅުގަނޑަށް ފެނިފައި ހުރި ތާނގައި، ހަމަ ކާމިޔާބު ކޮންމެ މީހަކީވެސް ހަމަ މިދެންނެވި ގޮތަށް ހަމަ އާދައިގެ މަގާމުތަކުން މަސައްކަތް ފަށައިގެން ކެތްތެރިކަމާއެކީ ކުރިއަށް ދަމުންދަމުން ގޮސް ކުރިއަށްދާ މީހުން. އޭރުން ތިމާ، ޙަޤީޤަތުގައި ވެރިއަކަށް ވުމަށްޓަކައިވެސް ބޭނުންވާ ތަޖުރިބާ ލިބޭނީވެސް މިދެންނެވި ތަޖުރިބާތަކުގެ ތެރެއިން މަސައްކަތް ކޮށްގެން ކުރިއަށް ދިޔައީމާ. އެކަމަށްވެސް އެބަ ބޭނުންވޭ ކެތްތެރިކަން. ބައެއް ކުދިންނަށް ހަމަ ފުރަތަމަވެސް އޮފީހަށް ވަނުމާއެކީގައި އެބަ ބޭނުންވޭ، ހަމަ ވަރަށް އަވަހަށް މަގާމުތަކަށް ބަދަލުވެ، ބޮޑެތި މަގާމުތަކަށް ދާން. އެއީކީވެސް ކަންތައް ވާގޮތެއް ނޫން. އަޅުގަނޑުމެން ގިނަ ފަހަރަށް ކުންފުނިތަކުގައިވެސް، މިނިސްޓްރީތަކުގައިވެސް، މަސައްކަތް ކުރަނީ ބިއުރޮކްރަސީއެއްގެ ތެރޭގައި. އެހެންވީމާ، މިދެންނެވި ކަހަލަ ހުނަރުތަކެއް އެނގުމަކީ އެއީ، އަޅުގަނޑު ދަންނަވާނީ ވަރަށް މުހިންމު ކަމެކޭ. އަދި ވަޒީފާއެއް ހޯދުމަށްޓަކައި، ވަޒީފާގައި ދެމިހުރުމަށްޓަކައި ބޭނުންވާ ހުނަރުތަކެއްގެ ވާހަކަ މިދެކެވެނީ. ކޮންމެއަކަސް އަޅުގަނޑު ކުރިން ދެންނެވިހެން މާގިނަ ވަޒީފާތަކެއް ވަޒީފާގެ ބާޒާރަކުއެއް ނެތް މިހާރަކުއެއް. ނުވެސް އުފެދޭ. އެއީ، ޤައުމުގެ އިޤްތިޞާދުވެސް އަދި ދުނިޔޭގެ އިޤްތިޞާދުވެސް ހުރިގޮތުން ތިހާގިނަ ވަޒީފާތަކެއް އުފެދިގެނެއް ނުދޭ މިދުވަސްވަރަކުއެއް.

އެންމެ ގިނަ ވަޒީފާ އުފެދެމުންދާ ކަމަށް މިހާރު އަޅުގަނޑަށް ލަފާކުރެވެނީ ޓުއަރިޒަމް ދާއިރާގައި. ޓުއަރިޒަމް ދާއިރާގައި ޕްރޮފެޝަނަލް ވަޒީފާތަކެއް އެބަހުރި. އިތުރު ރިޒޯޓްތައްވެސް އިރާދަކުރެއްވިއްޔާ ހުޅުވެމުންދާނެ. ކުރިން ދެންނެވިހެން ވަރލްޑް އިކޮނޮމީ މިހާރު އުޅޭގޮތުން އިންވެސްޓްމަންޓްސް އެހާ ރަނގަޅެއް ނޫން، ޓުއަރިޒަމް ސެކްޓަރަކުވެސް. އެހެންނަމަވެސް، ހަމަ ރަނގަޅު ވަޒީފާތަކެއް އެތާ އަދިވެސް ހަމަ ބޭރުގެ މީސްމީހުން އެކްސްޕެޓްރިއޭޓް މަސައްކަތް ކުރާ، ޕްރޮފެޝަނަލް މަގާމުތައް އެބަހުރި ހަމަ ބައިވަރު. އެމަގާމުތަކަށް ހަމަ ދިވެހިންނަށް ދެވޭނެ. އެކަމުގައިވެސް މިހާރު އަޅުގަނޑުމެންގެ ތެރޭގައި ވާގޮތަކީ، ޚާއްޞަކޮށް އަންހެން ކުދިން ފަހަތަށް އެބަޖެހޭ. އެހެންނަމަވެސް، ކުރިން ދެންނެވިހެން ޕްރޮފެޝަނަލް މަސައްކަތެއްގެ ތެރޭގައި ޕްރޮފެޝަނަލް އޯގަނައިޒޭޝަނެއްގެ މަސައްކަތް ކުރާ ކަމަށްވަންޏާ، އަންހެން ކުދިންނާއި ފިރިހެން ކުދިންނާ ވަޒީފާގައި ތަފާތު ކުރަންވީ ސަބަބެއް ނެތް. އަދި އަންހެން ކުދިންނަށް އެއްވެސް ކަހަލަ ގޯނާއެއް އެހެން މީހުންގެ ފަރާތުން ކުރެވިގެންވެސް ނުވާނެ. މިދެންނެވި ކަންކަން މިހާރު ކޮންމެވެސް ވަރަކަށް އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ޚާއްޞަކޮށް ޓުއަރިޒަމް ސެކްޓަރުގައި އަންނަނީ ކޮންޓްރޯލް ކުރެވެމުން. އެކަންކަން ރަނގަޅު ކުރެވެމުން. އެހެންވީމާ، އަންހެން ކުދިންވެސް ހަމަ ޓުއަރިޒަމް ސެކްޓަރުގެ މަގާމުތަކަށް ދިޔުމަކީވެސް އެ ހަމަ ވަރަށް މުހިންމު ކަމެއް. އެއީ ރަނގަޅު އާމްދަނީއެއް ލިބޭ އެއް ސެކްޓަރު އެއީ.

އާދެ! ދެން އޮތީ މިދެންނެވި ގޮތަށް ވަޒީފާތައް މަދުވީމާ އެބަޖެހޭ، އެކަމަކު ކުރިން ދެންނެވިހެން ގޭގައި ޓީވީ ބަލާކަށް އަބަދަކު ނުތިބެވޭނެ. އުމުރުން ދުވަހެއް، ދުނިޔެއިން ދުވަހެއް މިއޮއްދަނީ. ޢާއިލީ ދިރިއުޅުމެއްވެސް އެބަ ފަށަންޖެހޭ. އެހެންވީމާ، ކޮންމެވެސް މަސައްކަތެއް ކޮންމެ ކުއްޖަކުވެސް ކުރަން އެބަޖެހޭ. އަބަދަކު މައިންބަފައިންގެ އެހީގައި، އެމީހުން ކާންދިނީމާ ކައިލައިގެން ނިދާލައިގެނެއްވެސް ނޫޅެވޭނެ. އެހެންވީމާ، އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ ހަމަ ކޮންމެ ކުއްޖަކުވެސް ޖެހޭ މަސައްކަތް ކުރަން. އަޅުގަނޑުމެން ވަރަށް ޚާއްޞަކޮށް އެބަ ވިސްނަންޖެހޭ، މިހާރު އަމިއްލައަށް ވަޒީފާ އުފެއްދޭނެ ގޮތެއްގެ ހުނަރުތައްވެސް ދަސްކޮށްދޭން. ސެލްފް އެމްޕްލޯއިމަންޓް މަސައްކަތް ކޮށްދޭން. އޮންޓަރޕްރިނޯރިއަލް ސްކިލްސް ކުދިންނަށް ދަސްކޮށްދޭން. މިކަމުގައި އަދި ޚާއްޞަކޮށް އެކުދިންގެ ސެލްފް ކޮންފިޑެންސާ މިބައި މުހިންމުވޭ. ޅަ ޢުމުރެއްގައި އަމިއްލައަށް މަސައްކަތެއް ފެށްޓުމުގެ ޚިޔާލުވެސް ގިނަކުދިންގެ ނުހުންނާނެ. އަބަދުވެސް ކޮންމެވެސް އެހެން މީހަކަށް މަސައްކަތެއް ކޮށްދޭ ޚިޔާލު ހުންނާނީ. އެހެންނަމަވެސް ހަމަ މިޢުމުރުގައިވެސް، ސޯޅަ އަހަރުގައިވެސް، ސަތާރަ އަހަރުގައިވެސް އަމިއްލައަށް މަސައްކަތެއް ނުފެއްޓެންވީ ސަބަބެއް ނެތް. ތިޔަކުދިންނަށް ރަނގަޅަށް ޕްރޮޕޯޒަލެއް ލިޔަން އެނގި، ދެތިން ކުއްޖަކު އެއްބައިވެގެން މަސައްކަތެއް ފެށްޓުމަށްޓަކައި، ޕްރޮޕޯޒަލެއް ހުށަހެޅުމުން މިހާރު ސަރުކާރުންވެސް ކުދިކުދި ލޯނުތަކާ އެއްޗެހިވެސް އެބަދޭ. ފަންސާހަކަށް ހާސް ރުފިޔާ ނޫނީ ލައްކައެއްހާ ރުފިޔާ ލިބުނީމާ ކުރެވޭނެ މަސައްކަތްތައްވެސް އެބަހުރި. ހަމަ ކުޑަކުޑަ މިސާލެއްގެ ގޮތުން އަޅުގަނޑު ކުރިން ދެންނެވި ކުނާވިޔުން ކުރެވިދާނެ ކަމެއް. އެހެންނޫންތޯ. ކުނަލަކަށް މިހާރު އެބަލިބޭ ތިންހާސް، ހަތަރުހާސްރުފިޔާ. އަޅުގަނޑުމެން މިސާލަކަށް ބޭރު ޤައުމުތަކަށް ދާއިރުގައި އެކިއެކި ޤައުމުތަކުގެ ވެރިންނަށް ހަދިޔާއަކަށް ދިވެހިރާއްޖޭގައި އުފައްދާފައި ހުރި އެއްޗެއް ގެންދަން ބަލާއިރުގައި، ހަމަ އެނބުރިލާފައި އަނެއްކާވެސް ހަމަ ލާޖެހިދަޅެއް މިގެންދަން ޖެހެނީ. ކުނަލެއް ހޯދާލާއިރުގައި ވަރަށް ކުޑަކުޑަ މިހާކަށްވަރުގެ ދެފޫޓުގެ ކުނަލެއްވެސް މިލިބެނީ ތިންސަތޭކަ ހަތަރު ސަތޭކަ ރުފިޔާއަށް، އެންމެ ކުޑަކޮށްވެސް. އެކަމަކު ރާއްޖޭގައި ކުނާވިޔުމުގެ ހުނަރުވެރިކަމާއި އެކަމުގެ ޓެކްނޯލޮޖީ ވަރަށް ކުރިއަރާފައި މިއޮތީ. ވަރަށް ރީތި ޑިޒައިންތަކުގައި ތައްޔާރުކޮށްފައި އެބަހުރި. އަޅުގަނޑަކަށް ނޭނގެ، ތިޔަހުރިހާ ބޭފުޅުންނަށް ފެނިވަޑައިގެންފައި ހުރި ކަންވެސް. ކުރިން އޮވޭ އަޅުގަނޑުމެން ސްކޫލް ދައުރުގައި އުޅުން އިރުގައި ހުރޭ މަޢުރަޒްތައް އަތްތެރި މަސައްކަތުގެ މަޢުރަޒްތައް. އަޅުގަނޑު އޭރުގައި ގަތްފައި ހުރި ބައެއް ކުނާ ހުންނާނެ އަޅުގަނޑު އަތުގައި އަޅުގަނޑު ސްކޫލް ދައުރުގައި. އެ ފެންވަރަށް މިހާރަކުއެއް އެއްޗެއްސެއް ތައްޔާރެއް ނުކުރެވޭ. އެކަމު ކީއްވެތޯ ނުކުރެވެންވީ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި ތިބި ޢާންމު ރައްޔިތުންނަކީ އެ އިރާ އަޅާ ބަލާއިރުގައި އެވްރެޖްކޮށް މާބޮޑަށް ތަޢްލީމީ، މާބޮޑަށް ކަންކަން އެނގޭ، މާބޮޑަށް ހުނަރުވެރި އަދި ކޮމްޕިއުޓަރ ޓެކްނޯލޮޖީއާ އެއްޗެހި ބޭނުން ކޮށްގެން ޑިޒައިންތަކާ އެއްޗެހި ހެދޭނެ ކުދިން.

އެހެންވީމާ، އަމިއްލަ މަސައްކަތެއް ފެށްޓުމަށްޓަކައި ޚިޔާލު ފުރަތަމަ އުފެއްދުމާއި، މަސައްކަތެއް ކުރުމަށް ބޭނުންވާ ސެލްފް ކޮންފިޑެންސް، އެކަމަށް ބޭނުންވާ ހުނަރުތައް، ޕްރޮޕޯޒަލް ތައްޔާރު ކުރުމުގެ ހުނަރުތަކާއި އަމިއްލައަށް އެކައުންޓިންގ އެއްޗެހި ބެލެހެއްޓުމުގެ ހުނަރުތަކާއި އަދި ކުރަން ބޭނުންވާ މަސައްކަތަކާ ބެހޭ މަޢްލޫމާތު ހޯދައި ރިސަރޗް ކުރުމުގެ ހުނަރުތަކާ، މިހެންގޮސް ކުރެވެން ހުރި ކަންތައްތަކެއް އެބަހުރި. އެހެންވީމާ އަޅުގަނޑު އުންމީދު ކުރަން، އަދި މުސްތަޤްބަލްގައި މިދެންނެވި ގޮތަށް ސެލްފް އެމްޕްލޯއިމަންޓަށްޓަކައި އޮންޓަރޕްރިނޯރިއަލް އެކިއެކި ސްކިލްތަކާ އެއްޗެހިވެސް ބިޒްނަސް ސްކިލްތައް ދަސްކޮށްދެއްވާއިރު ކުދިންނަށް ދަސްވެގެންދާނެ ކަމަށް. އަދި ކުދި ވިޔަފާރީގެ މަސައްކަތްތައް އަލަށް، ޒުވާން ކުދިންނަށް ފެށޭނެ ދޮރުތައް ހުޅުވިގެން ދާނެ ކަމަށް.

އާދެ! އަޅުގަނޑު ހީކުރިވަރަށްވުރެ މާގިނަ ވާހަކަ ދެކެވިއްޖެ މިހާރު މިތާގައި. އަޅުގަނޑު ހީކުރަން، މިއަދު ތިޔަބޭފުޅުން ތިޔަ ބައިވެރިވެވަޑައިގަންނަވާ ސެމިނަރއަކީ ބޭނުންތެރި، މީގެ ސަބަބުން އާ ހުނަރުތަކެއް ތިޔަކުދިންނަށް ހުޅުވިގެންދާނެ ތަޖުރިބާއަކަށްވާނެ ކަމަށް. މިބާވަތުގެ ސެމިނަރތައް ރާއްވަވައިގެން ހިންގަވާ ދެއްވާ ކަމަށްޓަކައި އަދިވެސް އެއްފަހަރު މެޕްސް ކޮލެޖަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިދެންނެވިހެން މިއީ، މިވަގުތު އޮތް ވަރަށްބޮޑު ގެޕެއް، ހުސް ދާއިރާއެއް މިއީ. ސޯޅަ އަހަރު ސަތާރަ އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން އެކިއެކި ޕްރޮގްރާމްތައް ހިންގެވުން. މިއީ، ވަރަށްބޮޑަށް ބޭނުންވެފައި އޮތް ކަމެއް. އަދި މިއަށްވުރެ މާފުޅާ ދާއިރާއެއްގައި އެކުދިންނަށް މީގެ ފައިދާވާ ގޮތަށް މިކަން ކުރަންޖެހިފައި އޮތް ކަމެއް. އެހެންވީމާ، ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑަށް މިފުރުސަތު ދެއްވީތީވެސް ޝުކުރިއްޔާ. ތިޔަހުރިހާ ކުދިންނަށް މިކޯހުގެ ފަރާތުން އިތުރު ހުނަރުތަކެއް ލިބި، ބާއްޖަވެރި ދިރިއުޅުމެއްގެ ފެށުން ކަމުގައިވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

والســّلام عليــكم