ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ޤާނޫނުގައިވާ ގޮތުގެ މަތިން ފަނޑިޔާރުން ޢައްޔަން ކުރުމާއި، ފުޅާކުރުމާ ގުޅޭގޮތުންނާއި، ކޯޓްތަކުގެ އެޑްމިނިސްޓްރޭޝަން ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުންނާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބައްލަވާ މައްސަލަތަކާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފިޔަވަޅު އެޅުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންގެ ސުލޫކީ މައްސަލަތަކާ ބެހޭގޮތުންނާއި، ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަނޭޅެނީސް، އަދި ޝަރީޢަތަކާނުލާ އެކިމައްސަލަތަކުގައި ދެކެވަޑައިގަންނަވާގޮތް ހާމަކުރައްވައި، އެކޯޓުން ބަޔާން ނެރުއްވަމުން ގެންދަވާތީ، މިކަމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސަށް ދަޢުވަތު އެރުވުމުން، މިބައްދަލުވުމަށް އޭނާ ވަޑައިގެންފައިނުވާތީއާއި، ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ ދައުރު އަދާކުރެއްވުމަށް އެއްބާރުލުން ނުދެއްވައި، ފުރަގަސްދެއްވާފައިވާތީ، އެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް ކޮމިޝަންގެ މެންބަރުން، މިބައްދަލުވުމަށް ވަޑައިގެންދެއްވި ކަމަށްޓަކައި އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ދަޢުވަތަށްޓަކައި ކޮމިޝަންގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.