بســم اللّـه الرّحمـن الرّحيــم

އާކްގެ މަސްއޫލުވެރިންނާއި އަދި ޖަމްޢިއްޔާ ހިންގަވާ އެންމެހާ ބޭފުޅުން. މިނިސްޓަރ އޮފް ހޯމްއެފެއާޒް، މިނިސްޓަރ އޮފް ހެލްތް، މިނިސްޓަރ އޮފް އެޑިޔުކޭޝަން އަދި މިބައްދަލުވުމަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑަށް ފެންނަ ފެނުމުގައި މިއަދު އެބަ ހިނގާ ދެތިން ކަމެއް. އެންމެ ފުރަތަމައަށް، މީގެކުރީގައި އ.ދ. އިން ދިވެހިރާއްޖެއަށް ޚަރަދު ކުރުމަށްދޭ ފައިސާ، ސަރުކާރުން އެ މިދެނީ، ސަރުކާރު މެދުވެރިކޮށް ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ޚަރަދުކޮށްދިނުމަށްޓަކައި. ޔޫ.އެން.ޑީ.ޕީ.އިން ޖުމްލަ ގޮތެއްގައި، އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް ފަސް ހަ މިލިއަން ޑޮލަރު ހޭދަކުރޭ. ޑަބްލިޔޫ.އެޗް.އޯ.އިންވެސް މިހާކަންހާވަރަށް ހޭދަކުރޭ. ސަރުކާރުން ފާހަގަކުރީ އެފައިސާ ސަރުކާރަށް ނަގައި އަދި ސަރުކާރުގެ ތެރެއިން އެކިއެކި އިދާރީ ކަންކަން ހިންގަން ބޭނުންކުރުމަށްވުރެ، ވީހާވެސް ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ޖަމްޢިއްޔާތަކުގެ ތެރެއަށް އެފައިސާ ފޮނުވިއްޖެނަމަ، ޖަމްޢިއްޔާތައް ހަރުދަނާވުމާއި އަދި އޭގެއިތުރުން ހަމަ އެފައިސާ މެދުވެރިކޮށްގެން، ބައިނަލްއަޤްވާމީ މުޖްތަމަޢު ނެރެން ބޭނުންވާ ނަތީޖާވެސް ނެރެވޭނެ ކަމަށް.

މިއަހަރަކީ، 2012 ވަނަ އަހަރަކީ މިދެންނެވި މަގަށް ޙަޤީޤަތުގައި މިކަން ފުރިހަމައަށް ބަދަލުވެގެންދާ އަހަރު. އަޅުގަނޑުމެން މިމަސައްކަތް ހިންގުމަށް 2010 ގައިވެސް އުޅުނިން. އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ، ޔޫ.އެން.ޑީ.ޕީ.ގެ ޕްރޮޖެކްޓްތައް، ޔޫ.އެން.ގެ ޕްރޮޖެކްޓްތައް މިހުންނަނީ ދެއަހަރަށް، ތިންއަހަރަށް ރާވާފައި. އެހެންވީމާ، އަޅުގަނޑުމެންގެ އެޑްމިނިސްޓްރޭޓިވް ސަރކަލްއާ އެބޭފުޅުންނާ ދިމާނުވެގެން، އަހަރެއްވަރު އަޅުގަނޑުމެންނަށް މި ފުރްޞަތު މިގޮތަށް ބޭނުން ނުކުރެވި ހިނގައްޖެ. އަޅުގަނޑު ޔަޤީންކުރަނީ، މި ލިބޭ ފުރްޞަތުތަކުގައި، އާކް ޖަމްޢިއްޔާވެސް އަދި އެހެން ޖަމްޢިއްޔާތަކުންވެސް ޒިންމާދާރުކަމާއެކުގައި، ބޭނުންތެރި ކަންކަން ހިންގުމުގައި، މުޖްތަމަޢަށް އަދި ރާއްޖޭގެ ތަރައްޤީއަށް ބޭނުންތެރި ކަންކަން ހިންގުމުގައި މިހެން ލިބޭ މާލީ އެހީތެރިކަން ބޭނުންކުރައްވާނެ ކަމަށް. އަޅުގަނޑު ދެކެނީ، އާކް ޖަމްޢިއްޔާއަކީ މިކަމުގެ ލާމަސީލު މިސާލެއް ކަމަށް.

ކުޑަކުދިންނަށް އެހީތެރިވެދިނުމަށް މަސައްކަތް ކުރުމަށްވުރެ، ވަކި އަދި ޚާއްޞަކޮށް، ޔަތީމު ކުދިންނަށް އެއަށްވުރެ ވަކި މާތް، ވަކި ޞާލިޙު، ވަކި ރަނގަޅު ޢަމަލެއް އަޅުގަނޑަކަށެއް ވަކި ނުވިސްނޭ. އަޅުގަނޑު، ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތަށް ނުހަނު ތާއީދު ކުރަން. އަޅުގަނޑަށް އެނގޭ، އެމަސައްކަތްތަކުގައި ދިމާވާނެ ދަތިތަކާއި އަދި ހިތާމަތައްވެސް. ދެންމެ ފާހަގަކުރައްވައިފި، ސަރުކާރުގެ ދަށުން ހިންގާ ތިން ހިޔާއެއްގައި 103 ކުދިން އުޅޭ ކަމަށް. އަދި އެކުދިންގެ ކަންކަން ބެލޭގޮތާއި، އެކުދިންގެ ކަންކަން ބެލުމުގައި، މިހާރަށްވުރެ ރަނގަޅު އުޞޫލުތަކެއް ހޯދޭނެގޮތް. މިކަންކަމާ ގުޅޭގޮތުން، މި ކޮންފަރެންސްގައި އަދި މިބައްދަލުވުމުގައި ވާހަކަ ދެކެވޭނެ ކަމަށް އަޅުގަނޑަށް ޔަޤީން. އެހެންވީމާ، އެއިން ރަނގަޅު ނަތީޖާ ނުކުންނާނެކަންވެސް އަޅުގަނޑަށް ހަމަ ޔަޤީން.

އަޅުގަނޑު މީގެއިތުރުން ޙަޤީޤަތުގައި ދަންނަވާލަން ބޭނުން، ސަރުކާރުން މިހާރުވެސް އެބަ ގެންދޭ، އެކަނިވެރި މައިންގެ ތެރެއިން 2526 މައިންނަށް ކޮންމެ މަހަކު މާލީ އެހީތެރިކަން ދެމުން. މީގެ ބޭނުމަކީ، ޔަތީމު ކުދިން، އަޅާނުލާ ތިބެގެން މަގުމައްޗަށް ނުކުތަ ނުދިނުމަށް ހިންގާ މަސައްކަތްތަކެއް. އެކަނިވެރި މައިންނަށް އިޖްތިމާޢީ ރައްކާތެރިކަމުގެ ދަށުން އެންސްޕާރއިން އެ ވެދެވޭ ހިތްވަރަކީ. އެ އެބަދެވޭ 2526 އެކަނިވެރި މައިންނަށް އަދި ޔަތީމު ކުދިންނަށް، ޔަތީމު ކުދިންގެ ކުއްޖަކު ބަލަހައްޓަންޏާ، ސަރުކާރުން އެބަދޭ، އެ ބެލެނިވެރިއަކަށް ދެހާސް ރުފިޔާ. އެހެންވީމާ، އެމަގުން އެބަ ބެލެހެއްޓޭ 4884 ޔަތީމު ކުދިން.

ސަރުކާރުން ގެންގުޅޭ ވިސްނުމަކީ، އަދި އަޅުގަނޑުމެންގެ މެނިފެސްޓޯ ވިސްނުމަކީވެސް ހިޔާތަކުގައި ކުދިން ނުބޭތިއްބުން. ގޭގޭގައި ވީ މިންވަރަކުން ކުދިން ބޭތިއްބޭތޯ ބެލުން. އެހެންވީމާ، ޔަތީމު ކުއްޖެއް ބަލަންޏާ އެކުއްޖަކަށް، އެ ބަލާ ބެލެނިވެރިއަކަށް ދެހާސް ރުފިޔާ ދިނުމުގެ އުޞޫލެއް ސަރުކާރުން ގެންގުޅޭ. ސަރުކާރުން މިދިޔަ އަހަރު އެކަމަށް ސާޅީސް ތިނެއް ޕޮއިންޓް ހަތް މިލިއަން ރުފިޔާ ޚަރަދުކުރި. މިދެންނެވި 4884 ކުދިންނަށް. ބައެއް ބެލެނިވެރިން ދެކުދިންވެސް ގެންގުޅޭ. ބައެއްފަހަރަށް ތިން ހަތަރު ކުދިންވެސް ގެންގުޅޭ.

އެހެންވީމާ، ސަރުކާރުން މިވަނީ ބަޖެޓް ކުރެވިފައި، ޔަތީމު ކުދިންނާ ގުޅޭގޮތުން ކުރެވޭނެ ޚަރަދުތައް. އެ ބަޖެޓް ކުރެވިފައިވާ ބަޖެޓް ބޭނުންކުރެވެނީ، އެންމެ ރަނގަޅަށްތޯ އަދި އެއަށްވުރެ ރަނގަޅަށް މިކަން ކުރެވެން އެބައޮތްތޯ، މިކަންކަމަކީވެސް އަޅުގަނޑު ހިތުން ތިޔަ ބޭފުޅުންގެ މަޝްވަރާތަކުގެ ތެރޭގައި ހިމެނިގެން، އެއަށްވެސް ވިސްނުން ހިންގޭނެ ކަންކަން ކަމަށް އަޅުގަނޑު އުންމީދު ކުރަން. ސަރުކާރުގެ ޔަތީމު ކުދިންނާ ގުޅޭ ނުވަތަ އަޅާލާނެ މީހަކު ނެތް ކުދިންނާ ގުޅޭ މައިގަނޑު ސިޔާސަތު ހިނގަމުން އަންނަނީ، ހިޔާތަކަކު ނޫން. ހިނގަމުން އަންނަނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި. މިދަންނަވާހެން 4884 ކުދިން އެބަ މި މަގުން ބެލެމުން އެބަދޭ. ކުދިންނަށް ދެވޭ ފައިސާއިން އެކުދިންނަށްވަނީ ކިހިނެއްތޯ، އޭގެ އަސަރެއް ކުރޭތޯ އަދި އެކުދިންގެ ކަންކަމަށްތޯ، އެފައިސާ ޚަރަދުވެގެންދަނީ، އޭގެ ސަބަބުން ކިހިނެއްތޯ ވެފައި ހުރީ، މިހިރަ ކަންކަމަކީ، ކައުންސިލްތައް މެދުވެރިކޮށްގެން، ސަރުކާރުން ބަލަހައްޓާ ނިޒާމެއް އުފައްދާން ހުރި ކަންކަން. ބައެއް ކައުންސިލްތަކުގެ ތެރެއިން ލައިގެން އަޅުގަނޑަށް އެބަ ފެނޭ، އެކަންކަން ހިނގަމުންދާތަންވެސް. ކޮންމެ ކައުންސިލަކަށްވެސް އެބަ އެނގޭ، އެރަށުގައި ތިބި ޔަތީމު ކުދިން، ކިހާ ޔަތީމު ކުދިންނަކަށްދޭ ފައިސާ ނަގާ، ކިހާ ބެލެނިވެރިންނެއް އުޅޭކަން، ކޮންމެ ރަށަކަށްވެސް އެބަ އެނގޭ، ކޮންމެ ކައުންސިލަކަށްވެސް. އެހެންވީމާ، އެމަގުން އެ ކައުންސިލްތަކުން އެކަން ހިންގޭނެކަން އަޅުގަނޑަށް ޔަޤީން.

މިދެންނެވި ހިޔާތަކުގައި ތިބި 123 ކުދިން، ހިޔާތަކަށް ސަރުކާރަށް ޚަރަދު ކުރެވެނީ ވަރަށް މަދު ޢަދަދެއް. ގާތްގަނޑަކަށް އަޅުގަނޑަށް ހީވަނީ ތިން ހަތަރު މިލިއަން ރުފިޔާހެން. އެހެންނަމަވެސް، ބޮޑު ފައިސާ ޚަރަދު ކުރެވެމުން މިއަންނަނީ ގޭގެއަށް. އަޅުގަނޑު އުންމީދު ކުރަން، މި ނިޒާމް ހިނގަމުންދާގޮތާ ގުޅޭގޮތުން ތިޔަބޭފުޅުންގެ ބައްދަލުވުމުގެ ތެރޭގައި ވިސްނަވާނެ ކަމަށް. އަދި އެ ނިޒާމް އޯޑިޓް ކުރެވޭނެ ގޮތެއްވެސް ހޯއްދަވާނެ ކަމަށް. އެއީ ކިހިނެއްތޯ، އެކަންކަމުގެ ފައިސާއަށް ވެގެންދަނީ. ހެޔޮގޮތުގައިތޯ، މިކަން ހިނގާ މިދަނީ. މިފައިސާއަކީ، އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ރައްޔިތުންގެ ފައިސާ. ޖީ.އެސް.ޓީ.ގެ ގޮތުގައާއި، އެކިއެކި ޓެކްސްގެ ގޮތުގައި އެބޭފުޅުން ދެއްވާ ފައިސާ. އަޅުގަނޑުމެން މި ޚަރަދުކުރާން މިޖެހެނީ، ޒިންމާދާރުކަމާ އެކުގައި. މިފައިސާއަށް ވާނުވާ ގޮތް އެނގިގެން، ބަލަމުން.

ހަމައެކަނި ކަންކަމާ ގުޅިގެން ނުވަތަ ކަންކަން ފުރިހަމަ ނުކުރެވި އަޅުގަނޑުމެންނަށް ދަނީ ފައިސާގެ މައްސަލައެއްގައެއް ނޫން. ވަރަށްގިނަ ފަހަރަށް އިންތިޒާމާއި، ރޭވުމާއި އަދި އަޅާލުންކުޑަކަމާ، މިކަންކަމަކީ އަޅުގަނޑުމެންނަށް ވަރަށްގިނައިން ދިމާވާ ކަމެއް. ބައެއްފަހަރަށް، ބައެއް މިނިސްޓްރީތަކުގައި، ބައެއް ތަންތަނުގައި، މުވައްޒަފުންގެ މަސައްކަތް މި ހުންނަނީ، އަޅުގަނޑުމެން އެންމެން ބޭނުންވާ މިންވަރަކަށެއް ނޫން. ހެނދުނު އޮފީހަށް އަންނަ ގަޑިވެސް އަދި ސަޔަށްދާ ގަޑިވެސް އެއަށްފަހު އޮފީސް ނިންމާ ދާ ގަޑިވެސް، ސަލާމް ބުނާ ޢަދަދުވެސް، ބަލިވެ ތިބޭ ޢަދަދުވެސް، ޗުއްޓީގައި ތިބޭ ޢަދަދުވެސް، ހުރިހާ ކަމެއް ކޮށް ނިމުނީމާ، ޙަޤީޤަތުގައި މަސައްކަތްކުރާ މީހަކު 365 ދުވަހުގެ ތެރެއިން މަސައްކަތް ކުރެވިފައި ގިނަފަހަރަށް ނޯވޭ ދެބައިކުޅަ އެއްބައިވެސް. އެހެންވީމާ، އެއިން ނުކުންނާނެ މިހުރިހާ ކަމަކަށް އަސަރު، އެ ކުރާނެ. އަޅުގަނޑަށް ޔަޤީން، ޚާއްޞަކޮށް، މިބާވަތުގެ މަސައްކަތެއްގައި އުޅުއްވާ ބޭފުޅުން އެއީ، މިބާވަތުގެ އިޖްތިމާޢީ މަސައްކަތެއްގައި އުޅުއްވާ ބޭފުޅުން، ކުދިންނާ ގުޅޭގޮތުން އަޅާލުން ބޮޑުކޮށް، އަދި އަބަދުވެސް ބަލަމުން ގެންދާނަމަ.

ދެންމެ މިތަނުގައި ޤުރްއާން ކިޔަވައިދިނީ، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ކުޑަކުދިންގެ ހިޔާގެ ކުއްޖެއް. އަޅުގަނޑުމެންނަށް އެކުދިންނަށް އަޅާލެވުނު މިންވަރަކުން އަޅާލުމާއި، އަޅުގަނޑުމެންނަށް އެކުދިންނަށް ލޯބިދެވުނު މިންވަރަކުން އެކަން ކުރުމަކީ، ވަރަށް ބޭނުންތެރި ކަމެއް. އަޅުގަނޑު ފަށްފަށުން އާކްގެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑު، ތިޔަބޭފުޅުން ތިޔަ ހިންގަވާ މަސައްކަތްތައް އަޅުގަނޑަށް އަންނަނީ ބެލެމުން. އަދި އެކަމުގެ ފުރިހަމަކަމަށްވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ސާބަސްދެން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން.

والحمد للّـه. والسّـلام عليـكم