بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް، ނޭޝަނަލް ސްކައުޓް ކައުންސިލްގެ މެންބަރުން އަދި ނޭޝަނަލް ސްކައުޓް އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި އަދި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ބޭފުޅުން.

السّـلام عليـكم

ސްކައުޓްގެ ވިސްނުމަކީ، އަޅުގަނޑުމެން އެންމެންވެސް އެ މައްޗަށް ބުރަވެ ތިބެ، އަޅުގަނޑުމެންގެ ހަޔާތް ކުރިއަށް ގެންދާނަމަ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ނުކަސިޔާރު، ނުރަނގަޅު ފިޔަވަޅެއް ނޭޅޭނެ ވިސްނުމެއް. ސްކައުޓްގެ ފިކުރުގައި، ސްކައުޓުންގެ އުޞޫލުތަކުގައި، އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުންވެސް އަދި ޤައުމީ ޙަޔާތްވެސް އާރާސްތު ކުރަމުން ގެންދަނީނަމަ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންނަށް ކާމިޔާބުގެ އައްސޭރިއަކަށް ދިޔުމުގެ ފުރްޞަތު އަބަދުވެސް އެތައް ތަނަކުން ފަހިވެގެންދޭ.

ރާއްޖޭގައި ސްކައުޓްގެ ޙަރަކާތްތައް ހިނގަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ. އަދި ދުނިޔޭގައިވެސް ސްކައުޓްގެ ޙަރަކާތްތައް ހިނގަމުން އަންނަތާ ދުވަސްތަކެއްވެއްޖެ. މިފަހަރު އަލުން އަނބުރާ ސްކައުޓް އެސޯސިއޭޝަން، އާ ރޫޙަކާއެކީގައި، އާ ދިރުމެއްގައި މި މަސައްކަތް ފަށައިގަނެވެނީ. މި މަސައްކަތް މިފަހަރު ފަށައިގަނެވޭއިރުގައި، އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީތަކާއި އަދި ނޭޝަނަލް ކައުންސިލް މިވަނީ އެކުލަވާލެވިފައި. އެ ކައުންސިލާއި އެގްޒެކެޓިވް ކޮމިޓީއާ، ދެފަރާތް އެކީގައި މަސައްކަތް ކޮށްގެން، އަޅުގަނޑުމެންނަށް ސްކައުޓިންގ ޙަރަކާތް، މި ރާއްޖޭގައި ކުރިއަށްވުރެ އަދި މާބޮޑަށް ކުރިއަށް ގެންދެވޭނެކަން އަޅުގަނޑަށް ކަށަވަރު.

ސްކައުޓިންގ ޙަރަކާތުގެ މުހިންމުކަން ރާއްޖެއަށް، އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެއްވެސް ސްކައުޓެއް އަދި ރާއްޖޭގެ ގިނަ ރައްޔިތުން އިންކާރު ކުރާނެ ކަމެއް ނޫން. ރާއްޖޭގެ އާބާދީގެ ވަރަށްބޮޑު ބަޔަކީ ޒުވާނުން. އެ ޒުވާނުން ބޮޑުވަމުން އަންނައިރުގައި، ޙަޔާތުގައި ދިމާވާނެ ކިތަންމެކިތަންމެ ހުރަސްތަކަކާއި އުނދަގޫތަކެއް، އެ ހުރަސްކޮށް، ކަޑައްތުކޮށް، އެމީހެއްގެ ދިރިއުޅުން ކާމިޔާބު ކުރުމަށްޓަކައި، ކުޑައިރުއްސުރެ ފަށައިގެން، ކަބުއްސުރެ ފެށިގެން ސްކައުޓަކަށް ބަދަލުވެ، ރަނގަޅު މީހަކަށްވުމީ، ކޮންމެހެން ބޭނުންތެރި ކަމެއް.

އަޅުގަނޑުމެންގެ ރާއްޖޭގައި، މީގެއިތުރުން އަދި އެހެން އެތައް ކަމެއްވެސް ހިނގަމުން އެބަދޭ. ޒަމާނުއްސުރެ ފަށައިގެން، ރަށްރަށުގައި އަދި މާލޭގައިވެސް އަޅުގަނޑުމެން ބޮޑެތިވަމުން އައިއިރު، ގިނަފަހަރަށް ދެ ދަނޑި އައްސާލަން އެނގޭ ނުވަތަ ރަނގަޅު ގޮށެއްޖެހޭ. ފަތަން އެނގޭ. އެހެން މީހަކު ސަލާމަތްކުރަން އެނގޭ. މީހަކު ނޭވާހޮޅިއަށް އެޅުނީމާ، ހަދަންވީގޮތް ހާސްނުވެ އެބަ އެނގޭ. މިހެންގޮސް އަޅުގަނޑުމެންނަށް ކިތަންމެކިތަންމެ ކަމެއް، މީގެކުރީގައި މިހުންނަނީ އެނގިފައި. އެހެން ނަމަވެސް، މިހާރު ގޭތެރެއިން އެ ހުނަރުތައް، ޚާއްޞަކޮށް، ވަޅެއްކޮނުން، ގަހެއް ކެނޑުން ނުވަތަ އެއްޗެއް އައްސާލުން، މިބާވަތުގެ ހުނަރުތައް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ބާރަށް އެބަ ނެތިދޭ. އޯ ލެވެލްއަކަށް ބޭނުމެއްނުވޭ އުދަލި ރަނގަޅަށް ހިފާފައި، މުޅި މީހާ ހަލާކުނުވެ ވަޅެއް ކޮނުމުގެ ހުނަރެއް. އެހެން ނަމަވެސް، އަދި ގިނަފަހަރަށް ހީވަނީ މިހާރު ތާރުއަޅައި، މަގުހަދާ އޮންނަވަރުން، ހަމަ އެއްގޮތަކަށްވެސް ހިލާ ވަޅެއް ކޮންނާކަށް އަޅުގަނޑުމެންނަކަށެއް ނުޖެހޭނޭ. އަދި ފުރާޅު ސާފުކުރާކަށްވެސް ނުޖެހޭނޭ. ވަޅުދިޔަ ހިއްކާކަށްވެސް ނުޖެހޭނޭ. މިހެންގޮސް އޮޑި އެހެލާކަށްވެސް ނުޖެހޭ. ފެހި ކަހާކަށްވެސް ނުޖެހޭ. މިހުރިހާ ކަމެއް، އިންޑަސްޓްރިއަލް ގޮތަކަށް ހިނގަމުން އެބަދޭ. އެހެންވީމާ، އޯ ލެވެލް ހަދާއިރުގައި، މިކަންކަމުގެ ތެރެއަކަށް އަޅުގަނޑުމެންގެ ކުދިންނަކަށެއް ނުވަދެވޭ. އަދި އޯ ލެވެލް އެހެން ނަމަވެސް ހެދީމާ، އެހެން ކަމެއްގެ ތެރެއަކަށްވެސް ވަކި ނުވަދެވޭ. އެވަރަށް އޯޑިނަރީ ލެވެލްގެ ސެޓްފިކެޓް. އެހެންވީމާ، ތަނެއްގައި މަސައްކަތް ކުރުމުގެ ނުވަތަ ބޮޑު ވަޒީފާއެއް އަދާކުރުމުގެ ފުރިހަމަ ހުނަރެއްވެސް، މި އޯ ލެވެލަކުން ނުލިބޭ.

އެހެންވީމާ، އަޅުގަނޑުމެން ގިނަފަހަރަށް ތިބޭތަން މިފެންނަނީ، އެއަށްވެސް ނުވެ، މިއަށްވެސްނުވެ، ވަޅެއްވެސް ކޮންނަން ނޭނގި، އަދި ރަނގަޅަށް އެކައުންޓްވެސް ނުބެލެހެއްޓި ނުވަތަ އެހެން ތަޢުލީމީ ކަމެއްވެސް ނުކުރެވި. މިކަމުގެ ސަބަބުން އަޅުގަނޑަށް ވަރަށް ގިނައިން އެބަ ދިމާވޭ، ވަރަށް ބައިވަރު ތަފާތު އުނދަގޫތައް، ގެތަކަށް ދިމާވާތަން. ގެއެއްގެ ތެރޭގައި، ގެއެއްގައި ދިރިއުޅޭ ދެމަފިރިން އުޅޭއިރު، ނުވަތަ މަންމައާއި ބައްޕައާ އެކުގައި އަދި އުޅޭއިރުގައިވެސް، ރަށްރަށުގައި އަދި ޚާއްޞަކޮށް، ގިނައިން ގެއެއްގައި ފިރިހެނަކު ނުހުރޭ، ވަރަށްމަދު ފަހަރެއްގައި ނޫނީ މިހާރު. ރެޒޯޓްގައި މަސައްކަތް ކުރާނެ ނުވަތަ ކަންނެއްޔަށް ގޮސް، މިކަހަލަ ކޮންމެވެސް ކަމެއްގެ ތެރޭގައި މި ގިނަ ގޭގޭގެ ފިރިހެނުން މިއުޅެނީ. ދެން މިހުންނަނީ މަދްރަސާއަށްދާ ސޯޅަ، ސަތާރަ އަހަރަށްދާ ދެތިން ހަތަރު ކުދިން، ބޮޑެތި ކުދިންގެ ގޮތުގައި. ދެން މިކުދިންނަށް ގޭތެރެ ރަނގަޅަށް ބަލަހައްޓާލެވެންޖެހޭ އެބަ. އަޅުގަނޑަށް މި ފެންނަނީ، ވަށާޖެހޭނެ ގޮތަކަށް އަޅުގަނޑުމެންގެ ދިރިއުޅުން ދެން ގެންދިޔުމަށް، ސްކައުޓްގެ ތަމްރީނުތަކާއި، ސްކައުޓްގެ ޙަރަކާތްތައް ވަރަށްވަރަށް ބޭނުންތެރި ކަމަށް.

ދެން އަޅުގަނޑު ދެކެނީ، އަޅުގަނޑަށް މިވަގުތު ސްކައުޓްގެ ވިސްނުން ވަރަށް ބޭނުން. އަޅުގަނޑު މިހާތަނަށް އަންނަނީވެސް އެ ވިސްނުމުގައި. ފުރަތަމަ ކަމަކީ ހާސްނުވުން. ހަމަ އެއްގޮތަކަށްވެސް ހާސްނުވުން. މި ދުނިޔެ ނުއެއް ނިމޭނެ، މި ދުނިޔެ ނިމެން އޮތް އިރެއްގައި ނޫނިއްޔަކާއެއް. އަޅުގަނޑުމެން މިތަނުގައި ކުރާ ކަމެއްގެ ސަބަބުން، މާބޮޑު ކަމެއް ވެދާނެ ކަމަށް އަޅުގަނޑުމެންނަށް ހީވެ އުޅުނެއްކަމަކު، އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ޒައްރެއްގެ މިންވަރެއް. މި ބޮޑު ދުނިޔެއާއި، މި ދުނިޔެއަށް ވީހާ ދުވަހެއްގައި ދެން އަދި އަންނާން އޮތްހާ ދުވަހަކާއި، މިދުނިޔޭގައި މި ދިރިއުޅޭހާ މީހުންނާއި، މިހިނގާހާ ކަންތައްތަކަށް އަޅުގަނޑުމެން ވިސްނާލާއިރުގައި، ދެން އަޅުގަނޑުމެން މާބޮޑަކަށް، މާބޮޑު ކަމެއް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމަށް ދެކިގެން، ކަންކަމާ މާބޮޑު ފިކުރު ބޮޑުވެގެން އުޅުމުގެ ހަމަ އެއްވެސް ބޭނުމެއް އަޅުގަނޑު ދަންނަވާނީ ނެތޭ. އަރާމުކަމާއި، އުފާވެރިކަމާއި، ހިތްހަމަޖެހުމުގައި އަޅުގަނޑުމެންގެ ދުވަސްތައް ހޭދަކުރުން ވަރަށް ބޭނުންތެރި.

ޢުމުރު ނުފިލަނީސް ދޮށިވުމުގެ މާނައެއްވެސް ނެތް. ޒުވާންކަމާއި، ހަގުކަމާއި، އުފާވެރިކަން އެއީ، އަޅުގަނޑުމެން އެންމެންނަށްވެސް ހަމަ ބޭނުންވާނެ ކަމެއް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ހުރިހާ ސްކައުޓުންނަށްވެސް އެދެން، އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިންވެސް އަޅުގަނޑު އެދެން. އުފަލުގައި އަޅުގަނޑުމެންނަށް ވީ މިންވަރަކުން އުޅުން. އަޅުގަނޑަށްވެސް އެނގޭ، ގޭތެރޭގެ ހާސްކަންމަތީގައި، އުފާވެރިކަމުގެ ތެރެއަށްދާން ބައެއްފަހަރަށް އުނދަގޫވޭ. އެހެން ނަމަވެސް، އެހެން ކަންކަން ކޮމްޕާރޓް މެންޓަލައިޒްކޮށްފައި ނަމަވެސް، އަޅުގަނޑަށް ފެންނަ ގޮތުގައި، އަޅުގަނޑުމެން ތިބެންޖެހޭނީ ހަމަ އުފަލުގައި. އަޅުގަނޑަށް ޔަޤީން، ސްކައުޓްގެ ޙަރަކާތުގެ ތެރެއިން، އެ އުފާވެރިކަމާއި، ހިތްހަމަޖެހުން އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށާއި، އަޅުގަނޑުމެންގެ މަދްރަސާގެ ދަރިވަރުންތަކަށާއި، ޒުވާނުންނަށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، ސްކައުޓިންގ ޙަރަކާތަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم