ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު)ގެ 4 ވަނަ މާއްދާގައިވާ ގޮތުގެ މަތިން "ޤައުމީ އަރުޝީފު"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް 2012 ޖެނުއަރީ  19ވަނަ ދުވަހު އުފައްދަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤައުމީ އަރުޝީފު ހިނގަމުންދާނީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، 1996 ނޮވެމްބަރު 6 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި، މިހާރު މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ދަށުން ހިނގާގޮތަށް ހަމަޖައްސަވާފައިވާ "ޤައުމީ އަރުޝީފު" މިއަދުން ފެށިގެން އުވާލައްވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ޤައުމީ އަރުޝީފަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 433 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
ޤައުމީ އަރުޝީފުގެ މައިގަނޑު މަސައްކަތްތަކަކީ ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު)ގެ 6 ވަނަ މާއްދާގައިވާ މަސްއޫލިއްޔަތުތަކެވެ. އެ މަސައްކަތްތަކުގެ ލިސްޓް މިދެންނެވުމާއެކު އެވަނީއެވެ.
ޤައުމީ އަރުޝީފުގެ މަސައްކަތްތައް
 
ތިރީގައިމިވަނީ ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު)ގެ 6 ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފަށް ކަނޑައަޅުއްވާފައިވާ މަސްއޫލިއްޔަތުތަކެވެ.
1.      މި ޤާނޫނުގެ ދަށުން ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
2.      މި ޤާނޫނުގެ ދާއިރާގައި ނުހިމެނޭ، އެހެން ނަމަވެސް ދިވެހިރާއްޖެއާއި ދިވެހިންނާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކާއި، ރިކޯޑުތަކާއި، ފޮޓޯ ފަދަ ތަކެތި ރައްކާކުރަން ހިތްވަރު ދިނުން.
3.      މި ޤާނޫނުގައި ބަޔާންވެފައިވާ ކަންކަމުގެ އިތުރުންވެސް، މި ޤާނޫނުގެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ ލިޔުންތަކާއި، ރިކޯޑުތަކާއި، ފޮޓޯ ފަދަ ތަކެއްޗަކީ ކޮބައިކަން ކަނޑައެޅުން.
4.      ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި ބެހެއްޓިފައިވަނީ، ރިކޯޑާއި މަޢްލޫމާތު ގެންގުޅެ ބެލެހެއްޓުމުގެ ސިޔާސަތެއްގެ ދަށުން (ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބިނާކޮށް)، ކަނޑައެޅިފައިވާ މިންގަނޑަށް، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ތަންދޭ، އެންމެ ޒަމާނީ ގޮތަށާއި ފެންވަރުގައިތޯ ބެލުން.
5.      ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި ލުއިފަސޭހަކަމާއެކު ބެލޭނެ އިންތިޒާމު ހަމަޖެއްސުން.
6.      ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެއްޗާމެދު ރައްޔިތުން ޝައުގުވެރިކުރުވުން.
7.      ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި އެންމެ އެދެވޭ ގޮތެއްގައި ރައްކާކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުން.
8.      ޤާނޫނުގައިވާ ގޮތުގެ މަތިން ޤައުމީ އަރުޝީފުގައި ރައްކާކުރެވޭ ތަކެތީގެ ފިކުރީ މުދަލުގެ މިލްކުވެރިކަން ހޯދުން.
9.      ފިކުރީ މުދަލުގެ ޙައްޤުތަކާ ޚިލާފުނުވާނެ ގޮތުގެމަތިން ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ އިތުރު ކޮޕީއެއް ހެދުން.
10.ފިކުރީ މުދަލުގެ ޙައްޤުތަކާ ޚިލާފުނުވާނެ ގޮތުގެމަތިން ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި ޝާއިޢުކުރުން.
11.މި ޤާނޫނުގެ ދަށުން ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ ދައުލަތުގެ މުއައްސަސާތަކުގެ ރިކޯޑުތައް ޤައުމީ އަރުޝީފާ ޙަވާލުކުރެވެންދެން ބަލަހައްޓަންވާ ގޮތް އެ މުއައްސަސާއަކަށް އެންގުން.
12. ޤައުމީ އަރުޝީފުގައި ބަހައްޓާތަކެތީގެ އިންޑެކްސާއި ފަސޭހަކަމާއެކު އެފަދަ ތަކެތި ބޭނުންކުރެވޭނެ ގޮތުގެ އަތްމަތީ ފޮތްތަކާއި، ލީފްލެޓާއި ގައިޑު ފަދަ ތަކެތި ޝާއިޢުކުރުން.
13. ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑުތަކުގެ ތެރެއިން ނައްތާލަންޖެހޭ ރިކޯޑުތަކާއި އެ ރިކޯޑުތައް ނައްތާލަންޖެހޭ ގޮތް ކަނޑައެޅުން.
14. ދައުލަތުގެ މުއައްސަސާތަކުގައި ލިޔެކިޔުންތަކާއި ރިކޯޑު ފަދަ ތަކެތި ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ދިނުން.
15. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ހޯދައި ބެލެހެއްޓުން.
16.ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.
17.މަތީގައި ބަޔާންކުރެވުނު ކަންކަމުގެ އިތުރުންވެސް، މި ޤާނޫނުގެ މަޤްޞަދާއި ޤައުމީ އަރުޝީފާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.