އިންޑިޔާގެ 62 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރޭ ބޭއްވެވި ޚާއްޞަ ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ބައިވެރިވެވަޑައިގެންފިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާގެ ޖުމްހޫރިއްޔަތާއި، އިންޑިޔާގެ ޤާނޫނުއަސާސީ އުފެދުނު ގޮތާއި އަދި އެ ޤާނޫނުއަސާސީއަށް ޢަމަލުކުރަމުންދާ ގޮތަކީ އަޅުގަނޑުމެން، އެތަޖްރިބާތަކުން އެތައް ކަމެއް ދަސްކުރެވިދާނެ ކަންތައްތައް ކަމުގައި ވިދާޅުވިއެވެ. އެގޮތުން، އެމަނިކުފާނުގެ ސަރުކާރުގެ އެންމެބޮޑު މަޝްރޫޢަކީ، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމް ކުރައްވައި ހަރުދަނާކުރެއްވުން ކަމުގައި ވިދާޅުވެ، މި މަޝްރޫޢުގައި އިންޑިޔާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖެއަށް ލިބެމުންދާ އެހީތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމުގައި، ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެގޮތުން، އެންމެބޮޑު އެއް ގޮންޖެހުމަކީ، މިނިވަން އަދި ޢަދުލުވެރި ޝަރުޢީ ނިޒާމެއް ޤާއިމް ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މިކަން ޙާޞިލް ކުރެއްވުމަށް، ކުރެވެންހުރި ހުރިހާ މަސައްކަތެއް އެމަނިކުފާނު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ޙަފްލާގައި، ރާއްޖޭގައި ހުންނަވާ އިންޑިޔާގެ ހައިކޮމިޝަނަރ މިސްޓަރ ޏިޔާނޭޝްވަރު މުލޭވެސް ވާހަކަ ދެއްކެވިއެވެ. ހައިކޮމިޝަނަރގެ ވާހަކަފުޅުގައި، ރާއްޖެއާއި އިންޑިޔާއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ރޭގެ ޙަފްލާގައި، އިންޑިޔާގެ ޘަޤާފީ ކުޅިވަރު ދައްކައިދޭ އައިޓަމްތަކެއްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ބައްލަވާލެއްވިއެވެ.