بســم اللّـه الرّحمـن الرّحيــم


ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ނައިބު ރައީސްގެ ދެކަނބަލުން، މިނިސްޓަރ އޮފް ހޯމްއެފެއާޒް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ސަލާމަތީ ބާރުތަކުގެ އިސްބޭފުޅުން އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިއަދުގެ މި ޖަލްސާއަށް ވަޑައިގެން ތިއްބެވި ރާއްޖޭގެ އެކިއެކި ރަށްރަށުގެ ކައުންސިލަރުން އަދި އެހެންވެސް މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އުތީމުގެ އެންމެހާ ރައްޔިތުންނާއި، މަދްރަސާ ކުދިންނާއި އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުންނަށް، އަޅުގަނޑު، އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކު، މި 69 ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ، ތިޔަ އެންމެ ބޭފުޅުންނަށް ރައްދުކުރަން.

ޤައުމީ ދުވަސް އަޅުގަނޑުމެން ފާހަގަކުރަނީ، ޤައުމިއްޔަތެއް ބިނާކޮށް، ޤައުމިއްޔަތެއްގެ މަންފާއާއި ފައިދާ، ރައްޔިތަކަށް ހޯދުމަށްޓަކައި. ޤައުމެއްގެ ގޮތުގައި، ޤައުމެއް ދެމިއޮންނަނީ، އެޤައުމަކީ އެ ޤައުމެއްގައި ހިމެނޭ އެންމެ ރައްޔިތުންގެ މެދުގައި، ވަކި ޚާއްޞަ ކަންތައްތަކެއް އެއްގޮތްވެފައި އޮންނަ އޮތުމުން. ތުރާކުނުއްސުރެ ފެށިގެން އައިސް އައްޑޫ ގަމު މުއްޔާ ހަމައަށް، މިދެމެދުގައި ދިރިމިއުޅޭ އެންމެހާ ދިވެހިން، ޤައުމެއްގެ ގޮތުގައި، މި ދިވެހިރާއްޖެ ބަޔާންކޮށްގެން، ކަނޑައަޅައިގެން، މި ރާއްޖޭގައި ދިރިއުޅެމުން އަންނަތާ ދެހާސް އަހަރަށްވުރެ ގިނަދުވަސް ވެއްޖެ.

އަޅުގަނޑުމެން މިއަދުގެ ޤައުމީ ދުވަސް ފާހަގަމިކުރަނީ، މި ރާއްޖޭގެ ރަށްތަކުގެ ތެރެއިން ހަމަގައިމުވެސް، ހަމަކަށަވަރުންވެސް ރާއްޖޭގެ އެންމެ ރައްޔިތުން އަބަދަށްމެ ފަޚްރުވެރިވާނެ ދަރިންތަކެއް، ބަޠަލުންތަކެއް އުފަންވި ތިލަދުންމަތީ އުތީމުގައި. އަޅުގަނޑު ޚާއްޞަކޮށް، އުތީމު ރައްޔިތުންނަށް އަދި ހަމަ މި ރާއްޖޭގެ އެންމެ ރައްޔިތުންނަށްވެސް ވަކި އިތުރަކަށް ބޮޑުތަކުރުފާނު ވާހަކައިގެ އިތުރު ތާރީޚެއް ކިޔައިދޭކަށް ނުޖެހޭނެ. އުތީމު ކަތީބު ތަކުރުފާނުގެ ދެބެން، މުޙަންމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނު، އުތީމު ކަތީބު ތަކުރުފާނު، އަޅުގަނޑުމެން ހަމަ މިތާ ގާތު އިހަވަންދޫ އައިމިނާދީއާ ކައިވެނިބައްލަވައިގެން ލިބިވަޑައިގެންނެވި ދެބެން. އަދި ހަމަ އެނގިވަޑައިގަންނަވާނެ، ތަކަންދޫ ބަނޑަށް ލިބިވަޑައިގެންނެވި ޢަލިތަކުރުފާނު. މި ތިންބެއިންގެ ޖިހާދުގައި، މި ތިންބެއިންގެ ފުރިހަމަ ޤައުމީ މަސައްކަތުގައި، އަޅުގަނޑުމެންނަށް މި ރާއްޖެ އަލުން އަނބުރާ މިއޮތީ ފަނަރަސަތޭކައިގައި ހޯއްދަވައިދެއްވާފައި.

ރާއްޖެ ގެއްލިދޭ، ރާއްޖެ ބީވެދޭ، ދިވެހިން އަތުން، ދިވެހިންގެ ވެރިކަން ގެއްލޭ ފަހަރު ފަހަރު، މި ރާއްޖޭގެ ތާރީޚުގައި ތަކުރާރުވޭ. ރާއްޖޭގެ ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު، އެ ވެރިކަން އަޅުގަނޑުމެންނަށް އަނބުރާ ހޯދައިދީފައިވާ ކިތަންމެ ބަޠަލުންނެއް، އަޅުގަނޑުމެންގެ ރާއްޖޭގެ ތާރީޚުގައި، ރަން އަކުރުން ފެވިފައި އެބަވޭ. ރާއްޖޭގެ ކޮންމެ ރައްޔިތެއްގެވެސް އަޅުގަނޑަށް ހަމަކަށަވަރު، ހަމަ ޔަޤީން، އަމާޒަކަށްވާނީ، ދިވެހި ޤައުމަށް، މި ރާއްޖެއަށް، މި ރާއްޖެ އަޅުގަނޑުމެންގެ އަތްމަތީގައި އޮތުމަށް. އަދި މި ރާއްޖެ އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ ދަރިންނަށް ފޯރުކޮށްދިނުމަށް ކުރެވެންހުރި ކޮންމެ ކަމެއް އަޅުގަނޑުމެން އަބަދުވެސް ކުރަމުން ގެންދިޔުން.

ޒަމާނުއްސުރެ ފަށައިގެން، ޤައުމިއްޔަތުގެ ބަހާތަކަކީ ނުވަތަ ޤައުމިއްޔަތަކީ ކޮބައިތޯ އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް ވިސްނުން ހިންގަމުން ގެންދޭ. މަޝްވަރާ ކުރެވޭ. ޚިޔާލުފާޅުކުރެވޭ، ބަޙުޘްކުރެވޭ. އަޅުގަނޑުމެންނަށް ވަރަށް ފުރިހަމައަށް، ވަރަށް ޔަޤީންކަމާ އެކީގައި ސާބިތުވާ އެއް ޙަޤީޤަތަކީ، އެއް އަޞްލަކީ، ދިވެހި ޤައުމިއްޔަތުގެ ހަމަކަށަވަރުންވެސް އެންމެ ވަރުގަދަ ބިންގަލަކީ، މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތައް. މާތްވެގެންވާ އިސްލާމްދީނުގެ މާތް އުޞޫލުތައް. އީމާންތެރިކަމާއި، އިޙްސާންތެރިކަމާއި، ކިބުރުވެރިކަމެއް ނެތުމާއި، އޯގާތެރިކަމާއި، ހަމަހަމަކަމާއި، އިންޞާފުވެރިކަމާއި، އެކެއް އަނެކަކާ އަޅާލުމާއި، މާތްވެގެންވާ އިސްލާމްދީން، މުޅި އިންސާނިއްޔަތަށް ހިދާޔަތުގެ ނޫރެއްގެ ގޮތުގައި ފާޅުކޮށްދެއްވާފައިވާ އެންމެހާ ރިވެތި ގޮތްތައް. އަޅުގަނޑުމެން ރާއްޖޭގެ ޢަޤީދާއަކީ، އަޅުގަނޑުމެންގެ ދީނޭ، އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ، އެއީ އަޅުގަނޑުމެންގެ މި މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުޞޫލުތައް. އެއީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ރުކުނަކީ. އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ރުކުނެއް އެއީ، އަޅުގަނޑުމެންގެ ޘަޤާފަތާއި، އަޅުގަނޑުމެންގެ އާދަކާދަ. ޒަމާނުއްސުރެ ފެށިގެން އަޅުގަނޑުމެން ކަންކުރަމުން އައިގޮތް.

އަޅުގަނޑުމެންނަށް މިއަދާ ހަމައަށްވެސް އެނގިވަޑައިގަންނަވާނެ، ޤައުމިއްޔަތު މާނަކުރުމުގައި، މިދެންނެވި މައިގަނޑު ދެ ރުކުނުގެ ބޭރަށް، އަޅުގަނޑުމެންގެ ފިކުރު މިވަނީ ނުހިންގިފައި. އަޅުގަނޑުމެންނަށް ޤައުމިއްޔަތެއް ބިނާކުރުމުގައި އަދި ޤައުމިއްޔަތެއް ބަޔާންކުރުމުގައި، އިސްލާމްދީނަކީ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އެންމެ މުހިންމު އެއް އަސާސޭ، މި ރާއްޖޭގެ ރައްޔިތުން ކުޑަކޮށްވެސް ދޫކޮށްލާން ބޭނުންނުވާނޭ އިސްލާމްދީން ނޫން އެހެން ދީނެއް، މި ރާއްޖޭގެ ރައްޔިތުންނެއްވެސް، ވެރިންނެއްވެސް ދުވަހަކުވެސް ނޭދޭނެކަން އެއީ އަޅުގަނޑުމެންނަށް އަބަދުވެސް ކަށަވަރުވާ ކަމެއް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މުޅިން ފުންކޮށް ވިސްނާލައި، ކަށަވަރު ނުކުރެވިމިވާ ކަމަކީ، އަޅުގަނޑުމެން މިބުނާ ބަސްތަކަކީ ކޮބައިތޯއޭ؟ އަޅުގަނޑުމެންގެ އަސާސަކީ، އަޅުގަނޑުމެންގެ ޢަޤީދާއަކީ، އިސްލާމްދީނޭ އަޅުގަނޑުމެން ދަންނަވާއިރުގައި، ޙަޤީޤަތުގައި އެއީ އަޅުގަނޑުމެންގެ ޢަޤީދާއަކީ، އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް. ރިވެތި ގޮތްތައް. ރާއްޖޭގެ ޤައުމިއްޔަތުގެ އެއްބައި އެއީ ޑިމޮކްރަސީ. ރާއްޖޭގެ ޤައުމިއްޔަތުގެ އެއްބައި އެއީ ހަމަހަމަކަން. ޢަދުލުވެރި ފަނޑިޔާރުގެއެއް އޮތުން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތުން. އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދިނުން. އަދި ހަމަ އެހެންމެ، ރީތި ތަނަވަސް، ތާހިރު ދިރިއުޅުމެއް، އަޅުގަނޑުމެންނަށް އުޅެވޭނެ އިޤްތިޞާދީ ނިޒާމެއް ޙިމާޔަތް ކުރުން.

ޙިމާޔަތް އަޅުގަނޑުމެން ކުރާން މިޖެހެނީ، ކިތަންމެ ކިތަންމެ ކަމެއް. އަޅުގަނޑުމެންގެ އިޤްތިޞާދު ޙިމާޔަތް އެބަ ކުރާންޖެހޭ. އަޅުގަނޑުމެންގެ ދީން ޙިމާޔަތް އެބަ ކުރާންޖެހޭ. އަޅުގަނޑުމެންގެ އާދަކާދަތައް ޙިމާޔަތް އެބަ ކުރާންޖެހޭ. މިއިން ކޮންމެ ކަމެއް އަޅުގަނޑުމެން އެބަ ދިރުވައި ބަލަހައްޓާންޖެހޭ.

69 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑު ރާއްޖޭގެ އެންމެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޤައުމު، އަޅުގަނޑުމެންގެ ރާއްޖެ މިއަންނަނީ ބަދަލުވަމުން. މިއަދު މިއީ އަޅުގަނޑުމެން އިއްޔެ ދުށް ދުވަހެއް ނޫން. އަޅުގަނޑުމެންނަށް މާދަމާ އެހެން ދުވަހަކަށް އަލިވިލޭއިރުގައި، އަޅުގަނޑުމެން ފައްކާ ކުރަމުން، ފަރިތަކުރަމުން، ހިމުން ކުރަމުން މިގެންދަނީ، މުޅިން އެހެން އުޞޫލުތަކެއް، އެހެން ގޮތްތަކެއް. އަޅުގަނޑުމެންގެ ކުރީގެ އެއްވެސް އަސާސީ ގޮތެއް އަޅުގަނޑުމެން ދޫކޮށްލީއަކީއެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއަށްޓަކައި، އަޅުގަނޑުމެންގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، އަޅުގަނޑުމެން ރާއްޖޭގައި ވެރިކަންކުރާގޮތް ބަދަލުކުރުމަށް، ދިވެހިން އެދި ތިބޭތާ އެތައް އެތައް އަހަރެއްވެއްޖެ. މާތްރަސްކަލާނގެ އިރާދަފުޅާ އެކުގައި، ދިވެހިންނަށް މިއަދު މިވަނީ، މި ނަޞްރު ލިބިފައި. ދިވެހިން ޒަމާނުއްސުރެ ފަށައިގެން ވެރިކަން ކުރަމުން އައިގޮތަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައި.

އަޅުގަނޑުމެން ޙަޤީޤަތުގައި ބަދަލުވަމުން މިދަނީ، މުޅިން އެހެން ޤައުމިއްޔަތަކަށް. އަޅުގަނޑުމެން ސިފަކުރާންވީ، މަންޒަރު ކުރާންވީ، ދެކޭންވީ އަޅުގަނޑުމެން ދެކުމަށްމިދާ އަނެއް ޤައުމިއްޔަތު. އެ ޤައުމިއްޔަތުގެވެސް ހަމަ އަނެއްކާވެސް އަޅުގަނޑު ތަކުރާރު ކުރާނަން، މައިގަނޑު ރުކުންތަކަކީ، އިސްލާމްދީނާއި، ދިވެހި ޤައުމާއި، ދިވެހިން. އެ ތިން ކަންތައް އަޅުގަނޑުމެން ތަރައްޤީ ކުރެވޭތޯވެސް، ކުރިއެރުވޭތޯވެސް އަޅުގަނޑުމެން ބަލަމުން މިއަންނަނީ. އަޅުގަނޑުމެން މި އެދޭ އަނެއް ގޮތުގައި، ވެރިކަމުގެ ބާރުތައް މިވަނީ ވަކިކުރެވިފައި. އަޅުގަނޑުމެންގެ ޤައުމިއްޔަތު ސިފަވާއިރުގައި، ފަނޑިޔާރުގެއަކީ އެހެން އެއްވެސް ތަނަކުން އެ މައްޗަށް ނުފޫޒު ނުފޯރާ ގެޔަކަށް އެބަވާންޖެހޭ. ފަނޑިޔާރު މަނިކުފާނަކީ، ސީދާ އެބޭފުޅާގެ އަމިއްލަ ހައިބަތުގައި، ޤަދަރާއި ޢިއްޒަތާއި އަދި މުޅި މި ރާއްޖޭގެ ހުރިހާ ދިވެހިންނަށް އިންޞާފު ހޯއްދެވުމަށް، އަޅުގަނޑުމެން އެންމެން ޤާނޫނުއަސާސީގައި ކަނޑައަޅައި، އެ މަސައްކަތް ޙަވާލުކުރައްވާފައި ހުންނަވާ ބޭފުޅާ. އެބޭފުޅާގެ އިސްތަށިފުޅުގައި އެޅިފައި އޮންނަނީކީއެއް، ކުޑަ މަސްއޫލިއްޔަތެއް ނޫން. އެ މަސްއޫލިއްޔަތު އެބޭފުޅާ އަދާކުރުމުގައި، އަޅުގަނޑު ހަމަ ހޯމް މިނިސްޓަރެކޭ އެއްފަދައިން، މި ދިވެހި ދައުލަތުން އެބޭފުޅާއަށް ދެވެންހުރި ހުރިހާ އެއްބާރުލުމެއް އަޅުގަނޑުމެން ސަރުކާރުން ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން، އަޅުގަނޑު އެބޭފުޅާއަށް އަރުވަން.

އުއްތަމަ ފަނޑިޔާރު ފައްކާ ކުރައްވާ ފަނޑިޔާރުގެޔަކީ، އެންމެންގެވެސް އިންޞާފު ބެލޭ ފަނޑިޔާރުގެއެއް. ހަމައެކަނި ރުފިޔާގެ ޢަދަދުން، އެ ރުފިޔާގެ ޙިމާޔަތުގައި ކަންކަން ހިފެހެއްޓިފައި ހުންނަ ފަނޑިޔާރުގެއެއް ނޫން. މިއަދުގެ ފަނޑިޔާރުގޭގައި، މި ދައުލަތުގެ ހަ ބިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ މައްސަލަ ހުއްޓިފައި އެބަހުރި. އެއީ އަޅުގަނޑުމެންގެ ޤައުމިއްޔަތަށް އެޅޭ ވަރަށްބޮޑު ހުރަހެއް. އެއީ އަޅުގަނޑުމެންގެ ތަރައްޤީއަށް އެޅޭ ވަރަށްބޮޑު ހުރަހެއް. ފަނޑިޔާރުގެއެއްގެ އެންމެ މުހިންމު އެއް އަސާސަކީ، އަވަހަށް އެކަންވުން. އިންޞާފް، ސާދާގޮތުގައި، އަވަސް ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން. އަޅުގަނޑުމެން މި އެދޭ ޤައުމިއްޔަތުގައި ހިމެނޭ ފަނޑިޔާރުގެއަކީ، މައްސަލަތައް އެތަނުގައި، އެތައް އެތައް އަހަރެއްވަންދެން ހުރެ، ދަންނަވަންތޯ، ބައެއްފަހަރަށް ދިމާވާ ހިތާމަވެރިގޮތް. މީހާ މަރުވެ، އޭނާގެ ތަރިކަ ނުބެހި، އޭނާގެ ކާފަދަރިން އެބަ ޔަތީމުވޭ. އެއީ އޭނާގެ ދެންތިބި ދަރިންވެސް ނެތިދިޔައީމާ. ފަނޑިޔާރުގޭގައި ތަރިކަ ނުބެހި، ހިފެހެއްޓި، އޭނާގެ ކާފަ ދަރިންނަށް، އެ މުދާ އިސްލާމީ ޝަރީޢަތުން ވާރުތަކުރާ މުދާ ނުލިބި، ކުދިން އެބަ ޔަތީމުވެދޭ.

ރާއްޖޭގެ އެކިކަންކޮޅުތަކުގެ ގޯތި ގެދޮރުގެ މައްސަލައާއި، މުދަލާއި ތަކެތީގެ މައްސަލަ، މުޅި މި ރާއްޖޭގައި ފަނޑިޔާރުގެތަކުގައި އަވަސްކޮށް ގެންގޮސް ނިންމައިދިނުމަކީ، އަޅުގަނޑުމެން ދެކޭނޭ ޤައުމިއްޔަތު. އެއީ އަޅުގަނޑުމެން މި އެދޭ ފުރިހަމަ ޤައުމިއްޔަތަކީ. އަޅުގަނޑުމެންގެ ފަނޑިޔާރުގެތަކުގައި ތިއްބަވާ ބޭފުޅުންނަކީ، މުއްސަނދި ސާދާގަރުން، އެބޭފުޅުންނާ ގުޅުއްވައިގެން، ދެން އެ މައްޗަށް ބާރުވެގެން ކަންކަން ނިންމޭ ފަނޑިޔާރުގެތަކަކަށް ވެގެން ނުވާނެ. އެފަދަ ފިކުރެއްވެސް، އެފަދަ ވިސްނުމެއްވެސް، ޚިޔާލެއްވެސް އަޅުގަނޑުމެންނަށް އައިސްގެން ނުވާނެ. އަޅުގަނޑުމެން މި އެދޭ ޤައުމިއްޔަތު ބިނާވެފައި އޮންނަނީ، ރުފިޔާގެ މައްޗަކަށެއް ނޫން. ނުފޫޒުގެ މައްޗަކަށެއްވެސް ނޫން. ހަމަހަމަކަމުގެ މައްޗަށް. އިންޞާފުގެ މައްޗަށް. ފަނޑިޔާރުގެ އަޅުގަނޑުމެންނަށް، އަޅުގަނޑަށް ޔަޤީން، މިދެންނެވި ކަންކަން ކޮށްދޭނެ.

އަޅުގަނޑަށް ކަށަވަރު، އަޅުގަނޑުމެންގެ ބަދަލުވަމުންމިދާ ރާއްޖޭގައި ފައްކާކުރަން ހުރި ކިތަންމެ ކަމެއް އެބަހުރި. ފުރިހަމަކުރަންޖެހޭ ކިތަންމެ ކިތަންމެ އިދާރާތަކެއް އެބަހުރި. އެކަންކަން ކުރުމުގައި، އަޅުގަނޑުމެން އަވަދިނެތި އަބަދުވެސް އުޅޭނެ. އަޅުގަނޑު ނުހަނު ޝުކުރާއި މަރްޙަބާ އުއްތަމަ ފަނޑިޔާރަށް ދަންނަވަން. އެބޭފުޅާގެ މަސައްކަތްޕުޅަކީ، ނުހަނު އުނދަގޫ މަސައްކަތްޕުޅެއް. އެބޭފުޅާ ކުރައްވަން ޖެހިވަޑައިގެންފައިވާ ކަންކަމަކީ، ފަސޭހަ ކަންކަމެއް ނޫން. އެބޭފުޅާ ސާބިތުކަމާ އެކީގައި، އެކަންކަމުގައި ކުރިއަށް ވަޑައިގަންނަވާއިރުގައި، އަޅުގަނޑަށް ޔަޤީން، މި ރާއްޖޭގެ ރައްޔިތުން އެބޭފުޅާއަށް ހުރިހާ ތާއީދެއް ދެއްވާނެކަން.

އިންޞާފަކީ އިތުރު އިންޞާފެއް ނޫން. ރައްޔިތުންގެ އިންޞާފް. އަޅުގަނޑުމެންގެ ހުރިހާ ޙައްޤެއް، އަޅުގަނޑުމެންގެ ހުރިހާ އުޞޫލެއް ފެށި އަދި ހިނގަމުން އަބަދުމެ ދަނީ ރައްޔިތުންގެ ކިބައިގައި. މުޅި ޤާނޫނުއަސާސީގެ ބާރު އަބަދުވެސް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައި. އިތުރު އެއްވެސް ތަނެއްގައެއް ނޫން. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކިބައަކުވެސް ނޫން. ފަނޑިޔާރުގެއަކުވެސް ނޫން. ރާއްޖޭގެ ރައްޔިތުންގެ ކިބައިގައި. ހަމައެކަނި ބާރު ފެށިގެން އަންނަނީ، ރައްޔިތުންގެ ކިބައިންނެއް ނޫން. ބާރު ދެމިއޮންނަނީވެސް އަބަދުވެސް ރައްޔިތުންގެ ކިބައިގައި.

އަޅުގަނޑު މި ރާއްޖޭގައި ކުރާ ކޮންމެ ކަމެއް އަޅުގަނޑު ކުރަމުން ގެންދާނީ، އަޅުގަނޑު މިދަންނަވާ މައިގަނޑު އުޞޫލުތައް އަބަދުވެސް ހަނދާން ކުރަމުން. އަޅުގަނޑުމެން އިންޞާފް ހޯދައިދޭންވީވެސް ރައްޔިތުންނަށް. ތަރައްޤީވާންވީވެސް ރައްޔިތުން. ތަނަވަސްވާންވީވެސް ރައްޔިތުން. ޤައުމީ ލޯބި އުފެދެންވީވެސް ރައްޔިތުންގެ މެދުގައި. އެ ޤައުމީ ލޯބި އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެން އަންނަނީ، ޤައުމީ ރޫޙު އުފެދިގެން އަންނަނީ، އަޅުގަނޑުމެންގެ ތެރޭގައި އިންޞާފުވެރިކަމާއި، ޢަދުލުވެރިކަމާއި އަދި އަނިޔާވެރިކަން ނެތުމާއި، ހަމަހަމަކަން ޤާއިމްވެގެން.

އަޅުގަނޑުމެންގެ ރާއްޖެ އެނބުރިގެން މިދަނީ، އަނެއްކާވެސް އެހެން ދުވަހަކަށް. ދާއިރުގައި އަޅުގަނޑަށްވެސް ޔަޤީން އަދި ތިޔަ އެންމެ ބޭފުޅުން ފާހަގަކުރައްވާނެ، މި ދޮށީ ދިވެހިރާއްޖެއަށް މީގެކުރީގައި ނުވާކަމެއް، ވަކި މިއަދަކުވާކަށް ނޫޅޭ. ޢިބްރަތް، ތަޖްރިބާ، ފިލާވަޅު އަޅުގަނޑުމެންނަށް ލިބޭން އެބަހުރި، ތާރީޚުގެ އެކިއެކި ފަތްފުށުން. މި ޤައުމިއްޔަތު ބިނާކުރުމުގައި، އަޅުގަނޑު ކުރާންޖެހުނު ކޮންމެ ކަމެއް އިރާދަކުރެއްވިއްޔާ، ސާބިތުކަމާ އެކީގައި އަޅުގަނޑު ކުރާނަން. އަދި އަޅުގަނޑު އެކަމެއް ކޮށްގެން، އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރެވި ނުވަތަ އަޅުގަނޑުގެ މައްޗަށް ފާޑުބުނެވި، ބަސްބުނެވި، މިފަދަ ކޮންމެ ކަމެއް ވެދިޔަ ކަމުގައިވިޔަސްވެސް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ދަންނަވަން، އަޅުގަނޑުކުރާ ކަންތައްތައް އަޅުގަނޑު ކުރަނީ، މި ޤައުމަށްޓަކައި، މި ރައްޔިތުންނަށްޓަކައި.

އަޅުގަނޑަކީ މި ވެރިކަމުގެ އާރާއި ބާރާއި، ލައްޒަތާއި އަރާމަށްޓަކައި ވެރިކަމުގައި ހުރި މީހެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންގެ ކަންކަން ކުރުން. ރައްޔިތުން އެދޭ އެދުންތައް ފުއްދައިދިނުން. ޤައުމިއްޔަތަކީ، އެ އެދުންތައް ފުދިފައި އޮތުން. އަޅުގަނޑުމެން ކުރާ މަސައްކަތަކީ ޤައުމިއްޔަތެއް ބިނާކުރުން. އަޅުގަނޑުމެން ރައްޔިތުންނަށްވާ ވަޢުދަކީ، އެކަންކަން އެއީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކަމުގައި އަޅުގަނޑުމެންނަށް އެނގި، ހޯދި، އެކަންކަން ރައްޔިތުންނަށް ކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ އަމިއްލަ ހިތްތަކުގައިވާ ވަޢުދެއް. އަޅުގަނޑުމެން، އަމިއްލައަށް ނިންމާ ނިންމުންތަކެއް. ރައްޔިތުންނަށް އެކަންކަން ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ޤައުމީ ވާޖިބެއް. އެމަސައްކަތުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ޔަޤީން، މި ސަރުކާރާއި މިދައުލަތުގެ އެންމެ ބޭފުޅުން ނުގުޑާ، ފަސްނުޖެހި ތިބޭނެކަމީ ޝައްކެއްހިނގާ ކަމެއް ނޫން.

 

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ނުހަނު ބާއްޖަވެރި ޤައުމީ ދުވަހެއް ލިބުން. އަދި ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންގެ ޤައުމިއްޔަތަކީ، އަޅުގަނޑުމެންގެ ރައްޔިތުންގެ ހިތްތަކާއި، ރައްޔިތުންގެ ވިންދާއި، ރައްޔިތުންގެ އިޙްސާސްތަކާ އެކީގައި ބިނާވެގެން ހިނގަމުން އަންނަ ޤައުމިއްޔަތަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
 

والحمد للّـه. والسّـلام عليـكم