މެޕްސް ކޮލެޖުން ހިންގާ ކެރިއަރ ގައިޑެންސް ޕްރޮގްރާމް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.


މިކަމަށްޓަކައި މެޕްސް ކޮލެޖްގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މެޕްސް ކޮލެޖަކީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ، ރަނގަޅު ފެންވަރެއްގައި ޚިދްމަތް ދެމުންދާ ކޮލެޖެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާ ގުޅިގެން، އެކިއެކި ކޯސްތައް ރާއްވަވައި، ހިންގަވަމުން ގެންދަވާތީ، އެކަން ފާހަގަކުރައްވައި، އެ ކޮލެޖްގެ ވެރިންނަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.


ނައިބު ރައީސްގެ ވާހަކަފުޅުގައި، އިތުރު 1000 ކުދިންނަށް މަތީ ތަޢްލީމުގެ ފުރްޞަތު ހޯއްދަވައިދެއްވުމަށް ސަރުކާރުން ޤަޞްދު ކުރައްވައި، އެކަމަށް ބަޖެޓެއް އެކުލަވާލައްވައި، ފައިސާ ހިމެނިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތަކުގެ އިތުރުންވެސް، ލޯނާއި، ސްކޮލަރޝިޕް ލިބޭނޭ އިންތިޒާމްވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.


އޯ ލެވެލް އިމްތިޙާނުގައި، ކޮންމެ އަހަރަކުވެސް ގިނަ ޢަދަދެއްގެ ކުދިން ބައިވެރިވާކަމާއި، އެހެން ނަމަވެސް، ނިމިގެން ނުކުންނަ ކުދިންނަށްވުރެ، ވަޒީފާތައް މަދުކަން ނައިބު ރައީސްގެ ވާހަކަފުޅުގައި، ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. ގިނަ ޢަދަދެއްގެ ޒުވާނުން، ސްކޫލް ނިންމުމަށްފަހު، ކަމެއްނެތި ތިބެންޖެހޭގޮތް ދިމާވުމަކީ، ވަރަށްދެރަ ކަމެއް ކަމަށާއި، މިފަދަ ކުދިންނަށް ޚާއްޞަ ކުރައްވައިގެން، މެޕްސް ކޮލެޖުން ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ހިންގަވައި، އެ ފުރްޞަތު އެފަދަ ކުދިންނަށް ހޯއްދަވައި ދެއްވުމަށް، އެ ކޮލެޖުން މަސައްކަތް ކުރައްވަމުން ގެންދަވާކަން އެއީ، މިވަގުތަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.