بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى مُحَـمَّدٍ وَعلـى آلـه وصحبـه أجمـعـين.

ޢިއްޒަތްތެރި ސްޓޭޓް މިނިސްޓަރ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ސެކްރެޓަރީ ޙިސާން ޙުސައިން، ޕްރޮވިންސް އޮފީހާއި އަތޮޅު އޮފީހުގެ އަދި މިރަށުގެ ކައުންސިލަރުން، ޔޫ.އެން.ޑީ.ޕީ.އިން ވަޑައިގެން ތިއްބެވި މަންދޫބުން، އަދި މިރަށުގެ ލޮބުވެތި އަޚުންނާއި އުޚްތުން.


السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރޭ މިއީ އަޅުގަނޑަށް ލިބޭ ވަރަށްވެސް ބޮޑު އުފަލެއް. ސަބަބަކީ ރަށް ކުރިއެރުވުމަށްޓަކައި، ރަށުގެ އަންހެނުންގެ ކޮމިޓީއެއް އުފެއްދުމަށްޓަކައި، އަންހެނުންގެ ތެރެއިން އިސްނަންގަވައިގެން ކުރިއަށް ނުކުންނެވި ބޭކަނބަލުންނަށް ވަރަށް ފުރިހަމަ ތަމްރީނެއް ލިބި، އެމަސައްކަތް 4 މަސްދުވަހަށްފަހު ނިމުމަށްފަހުގައި، ސެޓްފިކެޓް ދިނުމުގެ އުފާ ހާސިލު ކުރެވޭ ރޭ ކަމަށްވާތީ. ދެންމެ ސާމިޔާ ވިދާޅުވިހެން މިއީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. ސަބަބަކީ މިފަދަ ކަމަކަށް މިއަތޮޅުގެ ތެރެއިން އެންމެ ފުރަތަމަ ފަހަރަށް އަޅުގަނޑަށް ދަޢުވަތު ލިބުނު ފަހަރު މިއީ. ދެން ތިޔަބޭފުޅުންނަށް ހީފުޅުވާނެކަން ނޭނގެ، ޤައުމުގެ ނައިބު ރައީސްވީމާ، މިބާވަތުގެ ވަރަށްގިނަ ތަންތާނގައި އަޅުގަނޑު ސެޓްފިކެޓް ބަހާދީ އަތޮޅު ތެރޭގައި ދަތުރުކުރާނެއޭ. އެހެންނަމަވެސް، ޙަޤީޤަތަކީ ވަރަށް މަދުން އަޅުގަނޑަށް މިބާވަތުގެ ފުރުސަތެއް ލިބެނީ. އެހެންވީމާ، މިރޭ އަޅުގަނޑު ވަރަށް ޚާއްޞަކޮށް މިރަށުގެ ރައްޔިތުންނަށް އަދި ހަމައެހެން ޚާއްޞަކޮށް ހިދާ ޖަމްޢިއްޔާގެ ރައީސާއި ޖަމްޢިއްޔާގެ ވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑަކަށް ނޭނގެ ކީއްވެގެން ކަމެއް، މިހާ ގިނަދުވަސްވާއިރުގައި އަންހެނުންގެ ކޮމިޓީ އިންތިޚާބު ނުވެ މިދަނީ. ލާމަރުކަޒީ ޤާނޫނު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ އެ ތަޞްދީޤު ކުރެއްވިތާ މިހާރު ވަރަށް ޒަމާންވެއްޖެ. އަދި އޭގެ ދަށުން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް އިންތިޚާބުވެ ނިމިއްޖެ. އޭގެފަހުންވެސް ވަރަށްގިނަ ދުވަސްވެއްޖެ. ނަމަވެސް އަންހެނުންގެ ކޮމިޓީތައް އިންތިޚާބު ކުރަން އުޅޭ ވާހަކައެއް އެއްގޮތަކަށްވެސް ނީވޭ. މިއީ، ކީއްވެގެން ބާވައޭ އަޅުގަނޑު ހިތަށްއަރާ. މިކަމަކާ ޝަކުވާ ކުރާނެ މީހަކު، އެއްވެސް ސިޔާސީ ޕާޓީއެއްވެސް މިކަމުގެ ވާހަކައެއް ދައްކާ ވާހަކައެއްވެސް އަޅުގަނޑަކަށް ނީވޭ. ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ، ރަށެއްގެ ތަރައްޤީއަށްޓަކައި އަންހެނުންނަށްވުރެ ބޮޑަށް ޚިދްމަތް ކޮށްދެވޭނެ ބަޔަކު ތިބި ކަމަކަށް އަޅުގަނޑު ނުދެކެން. ތާރީޚަށް ބަލާލާއިރުގައިވެސް ދިވެހިރާއްޖޭގައި އަންހެނުން ކުރިއަރުވާ ކޮމިޓީތައް ކޮށްދީފައިހުރި ޚިދްމަތަކީ އެއީ، އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގެ ތާރީޚު ލިޔާ ހުރިހާ ފަރާތްތަކުން ފާހަގަކުރާނެ އެއްޗެއް. ކޮންމެ ރަށަކަށް ބަލާލިޔަސް، އެރަށެއްގެ އަންހެނުން ކުރިއަރުވާ ކޮމިޓީގެ ފަރާތުން ކޮށްދީފައިހުރި ޚިދްމަތްތައް ގިނަގުނަ. އާ ޤާނޫނުއަސާސީގެ ދަށުން އިންތިޚާބު ބޭއްވި، އައި ބަދަލުތަކާ ގުޅިގެން އަންހެނުން ކުރިއަރުވާ ކޮމިޓީތައް އުވިގެންދިޔައީ. މިހާރު އަޅުގަނޑުމެން މި ވެރިކަމުގައި ތިބޭތާ 3 އަހަރު މިވީ. އަޅުގަނޑު ދެކޭގޮތުގައި މިހާރު އަންހެނުންގެ ކޮމިޓީ އުފެދެން މާބޮޑުތަން ލަސްވެއްޖެ. އަޅުގަނޑު އުންމީދު ކުރަން، ދާދި އަވަހަށް މިއިންތިޚާބުތައް ފެށިގެންދާނެ ކަމަށް.

އަޅުގަނޑު މިރޭ ވަރަށް އުފާކުރަން، އެކަމަށްޓަކައި ތައްޔާރުވުމަށް އަންހެނުންގެ ކޮމިޓީއަށް އަންހެނުން ތައްޔާރު ކުރުމަށްޓަކައި މިފަދަ ތަމްރީނު ކޯސްތަކެއް ރާވައިގެން އެކިއެކި އަމިއްލަ ޖަމާޢަތްތަކުންނާއި އަދި ޚާއްޞަކޮށް ޔޫ.އެން.ޑީ.ޕީ.އިން މިމަސައްކަތް ކުރައްވަމުން ގެންދަވާތީ. އަޅުގަނޑު އެފަރާތްތަކަށް ތަހުނިޔާ ދަންނަވަން. ޔޫ.އެން.ޑީ.ޕީ.އަށް އަޅުގަނޑު ޚާއްޞަކޮށް ޝުކުރު ދަންނަވަން، މިކަމަށްޓަކައި ބަޖެޓެއް ކަނޑައަޅުއްވައިގެން މިމަސައްކަތް ކުރައްވަމުން ގެންދަވާތީ. މިއީ، އަޅުގަނޑު ދަންނަވާނީ އެއްގޮތަކުން ނަސީބެކޭ. އެއީ، މިކޮމިޓީތައް އުފެދިގެން ދާއިރުގައި ގިނަރަށްރަށުގެ ކޮމިޓީތަކަށް އެކޮމިޓީތަކުން ކުރަންޖެހޭ މަސައްކަތްތައް ތަންކޮޅެއް ބޮޑަށް ސާފުވެގެންދާނެ. އެހެންވީމާ، އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއްނެތް، ހިތާދޫގެ އަންހެނުންގެ ކޮމިޓީއަކީ ލާމަސީލު ކޮމިޓީއަކަށްވާނެ ކަމާމެދު.

އާދެ! އަންހެނުންގެ ކޮމިޓީއަކީ ހަމައެކަނި އަންހެނުންގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރާ ބަޔަކީމު. އެއީ، މުޅި ރަށުގެ، މުޅި ޖަމާޢަތުގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރާ ބައެއް. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ، ދިވެހިރާއްޖެއަކީ ޒަމާނުއްސުރެވެސް ޢާއިލާގެ ތެރޭގަޔާއި ޖަމާޢަތުގެ ތެރޭގައި އަންހެނުން ވަރަށް މުހިންމު ރޯލެއް އަދާކުރަމުންދާ ޤައުމެއް. ދިވެހިރާއްޖޭގައި އެކިފަހަރުމަތިން އަންހެން ބޭކަނބަލުން ވެރިކަން ކުރައްވާފައި އެބަހުރި. އަދި ހުރިހާ ދައުރެއްގައިވެސް ޤައުމުގެ ވަރަށް މުހިންމު މަގާމުތަކުގައި އަންހެނުން ތިއްބަވާފައި އެބަހުރި. ވަރަށް ކުރިއްސުރެ ޤާނޫނު ހަދާ މަޖިލީހުގައިވެސް އަންހެނުންދަނީ ތަމްސީލު ކުރަމުން. އެހެންވީމާ، އަންހެނުންނަކީ ދިވެހިރާއްޖޭގެ ތަރައްޤީގައި، ދިވެހިރާއްޖެ ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުމުގައި ވަރަށް މުހިންމު ވާޖިބުތަކެއް، ވަރަށް މުހިންމު ޚިދްމަތްތަކެއް ކޮށްދީފައިވާ ބައެއް. ވީމާ، މިހާރު ކޮންމެހެން އަޅުގަނޑުމެން އެކަމާ ވިސްނާކަށް ނުޖެހޭ. އަޅުގަނޑުމެންނަށް ޔަޤީންކަން އެބައޮތް، ދެންވެސް ހަމަ ލިބޭ ކޮންމެ ފުރުސަތެއްގައި އަންހެން ބޭކަނބަލުން ޤައުމަށް ބޮޑެތި ޚިދްމަތްތަކެއް ކޮށްދެއްވަމުން ގެންދަވާނެކަން.

އާދެ! އެންމެ ފުރަތަމަ ރަށުގެ ފެންވަރުގައި އަޅުގަނޑު އުންމީދު ކުރަނީ، މިކޮމިޓީތައް އުފެދުމާ ގުޅިގެން އަންހެނުންގެ ޙަރަކާތްތައް އިތުރުވެގެންދާނެ ކަމަށް. އެގޮތުން ރަށް ކުރިއެރުވުމަށްޓަކައި ބޮޑެތި ޚިދްމަތްތަކެއް ކުރެވިދާނެ ކަމަށް. މިހާރު އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ޢާންމު ގޮތެއްގައި ރަށުގެ ކަންތަކުގައި އުޅެން މިތިބީވެސް ހަމަ އަންހެނުން. ސަބަބަކީ، އަޅުގަނޑުމެންގެ ޒުވާން ފިރިހެނުންގެ ގިނަބަޔަކީ، މިހާރު އެކިއެކި މަސައްކަތުގައި ރަށުން ބޭރުގައި މަސައްކަތް ކުރަންޖެހޭ ބަޔަކަށްވާތީ. މަސްވެރިކަމުގެ އިތުރުން، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ރޮނގުން މިހާރު އަޅުގަނޑުމެންގެ ތެރޭގައި ގިނަ ޒުވާނުންތަކެއް މިއުޅެން ޖެހެނީ ދިގު މުއްދަތަކަށް ރަށުން ބޭރުގައި. އެހެންވީމާ، ރަށުގެ ތަރައްޤީއަށްޓަކައި ޚާއްޞަކޮށް ކުޑަކުދިންގެ ތަޢްލީމާއި ތަރައްޤީއަށްޓަކައި މަސައްކަތް ކުރަން ތިބި ބަޔަކީ، އަޅުގަނޑު ދަންނަވާނީ އެންމެ ޚާއްޞަ ގޮތެއްގައި ހަމަ އަންހެން ބޭކަނބަލުންނޭ. އަޅުގަނޑުމެންނަށް ކަނޑައެޅިގެން އެނގެން އެބަހުރި، ދުނިޔޭގެ އެކިއެކި ދިރާސާތަކުން ދައްކާފައި އެބަހުރި، އަންހެން ބޭކަނބަލަކަށް ތަޢްލީމު ލިބުމުން އޭގެ ހެޔޮ އަސަރު މުޅި ޢާއިލާއަށް ފެނިގެންދާކަން. މިސާލަކަށް ދަންނަވަންޏާ އިބްތިދާއީ ފެންވަރުގައިވެސް، ތަޢްލީމު ލިބިއްޖެކަމަށްވާނަމަ، އެ އަންހެން ބޭކަނބަލެއްގެ ތުއްތު ކުދިން ފުރިހަމަ ޞިއްޙަތެއްގައި ދިރިހުރެ ބޮޑުވުމުގެ ފުރުސަތު އިތުރުވެގެންދޭ. މިއީ، ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުން ކޮށްފައި އޮތް ދިރާސާއެއް. އަދި ހަމައެހެން، އަންހެން ބޭކަނބަލަކަށް އާމްދަނީއެއް ލިބޭ ކަމަށްވާނަމަ، އޭގެ ސަބަބުން މާބޮޑަށްވެސް ޢާއިލާގެ ދިރިއުޅުން ފަހިވެގެންދޭ. ސަބަބަކީ، ޢާއިލާގެ ގިނަ ކަންތައްތައް ކުރުމަށް ތިބި ބަޔަކީ އަންހެން ބޭކަނބަލުން ކަމަށްވާތީ. އަޅުގަނޑުމެން ފިރިހެނުން، ގިނަފަހަރަށް މުސާރަ ހޯދުމަށް ފަހުގައި ބައެއްފަހަރު މުސާރަ އަންހެނުންނަށް ދޭ. އަނެއްބައިފަހަރު ނުދޭ. އެހެންނަމަވެސް، ގޭތެރޭގެ ކަންކަން ހަމަޖައްސައި، ޚާއްޞަކޮށް ކުޑަކުދިންގެ ކަންތައްތައް ހަމަޖައްސަން ތިބޭ ބަޔަކީ އަންހެން ބޭކަނބަލުން. އެހެންވީމާ، ހަމަ ގިނަ ފަހަރަށް ވަރަށްގިނަ ޢާއިލާތަކުން ދަތީގައިވެސް އެކަންކަން ތަޙައްމަލް ކުރައްވަމުން، އެކިގޮތްގޮތުން ޢާއިލީ ކަންތައް ބަލަހައްޓަވަމުން އެ ގެންދަވަނީ އަންހެން ބޭކަނބަލުން.

މީގެއިތުރުން، ޢާއިލާގެ ތަނަވަސްކަމާއި ޢާއިލާގެ ޞިއްޙަތާއި ކުޑަކުދިންގެ ތަޢްލީމާ މިކަންކަމަށް އަންހެން ބޭކަނބަލުންގެ ފަރާތުން ލިބޭނެ ކުރިއެރުމެއްގެ އިތުރުން، ރަށުގެ ތަރައްޤީއަށްޓަކައިވެސް ވަރަށްބޮޑު ކުރިއެރުމެއް، އަންހެން ބޭކަނބަލުންގެ ފަރާތުން ލިބިގެންދާނެ. ކުރިން ދެންނެވި ފަދައިން އެކަން އަޅުގަނޑުމެންނަށް ފެންނަން އެބައޮތް. މިރަށުގައިވެސް އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ބޮޑެތި މަޝްރޫޢުތަކެއް ފެށިގެންދާނެ. އެގޮތުން، ތިޔަބޭކަނލުންނާއި ބޭކަނބަލުންނަށް ސަރުކާރުގެ ފަރާތުން ދެންމެ އިވިފައިވާ ފަދައިން، މިރަށުގައި ފެނުގެ ޚިދްމަތް ދިނުމާއި، ނަރުދަމާއެޅުމާ، މިހެން ހުރި ބޮޑެތި ބައެއް މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ފެށިގެންދާނެ. އެއިން ކޮންމެ މަޝްރޫޢެއް ހިންގުމުގައިވެސް ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ. ހުރިހާ މަގުތައް ކޮނެ، މަގުގައި ހޮޅިއަޅަމުން ގެންދާއިރުގައި އޭގެ ސަބަބުން، ކޮންމެވެސް ވަރެއްގެ ދަތިތަކެއްވެސްވާނެ. އަދި އެމަސައްކަތް ކުރާ ބަޔަކަށް އެހީތެރިކަމެއްވެސް ބޭނުންވާނެ. އެހެންވީމާ، އެގޮތުން މިދެންނެވި ފަދަ މަޝްރޫޢުތައް ދާދި އަވަހަށް ފެށިގެން ހިނގައިގަތުމުން، ރަށުގެ ރައްޔިތުންގެ ފަރާތުން ފުރިހަމައަށް އެހީތެރިކަން ލިބޭނެކަމަށް އަޅުގަނޑު އުންމީދުކުރަން.

އާދެ! ބައެއް ފަހަރަށް ތިޔަބޭފުޅުންނަށް ހީފުޅުވެސް ވެދާނެ، ސަރުކާރުގެ ފަރާތުން ކޮށްދެއްވަން ވިދާޅުވެފައިވާ ބައެއް ކަންކަން ލަސްވެގެންދާތީ މިކަންކަމެއް ދެން ނުވެދާނެއޭ. އެހެންނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ވީހާވެސް އަވަހަކަށް ދެންނެވިފައި ހުރި ކަންތައްތައް ކޮށްދެވޭތޯ. އެކަންކަން ކުރުމުގައި ދިމާވާ ބައެއް ދަތިތައް އެބަހުރި. އެނގިވަޑައިގަންނަވާނެ ފަދައިން، ދައުލަތުން ކުރަންޖެހޭ ކަންތައް މިކުރަނީ ޢާންމު ގޮތެއްގައި ދައުލަތުގެ ބަޖެޓުން. އެހެންނަމަވެސް، ރޭޑިޔޯއާއި ޓެލެވިޜަންގެ ޒަރިޢާއިން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ބަޖެޓުގެ ވަރަށް ބޮޑެތި ދަތިތަކެއް މިވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހިފައި މިއޮތީ.

ވީމާ، ގިނަ ބޮޑެތި ޢުމްރާނީ މަޝްރޫޢުތައް ހިންގުމުގައި ބަޖެޓުގެ ދަތިކަން އޮތީ ކުރިމަތިވެފައި. އެހެންނަމަވެސް، އެކަންކަން ޙައްލު ކުރުމަށްޓަކައި ތަފާތު އެހެން ގޮތްގޮތަށް ސަރުކާރުން ދަނީ ވިސްނަވަމުން. އެގޮތުން، ރަށްރަށުގައި ފެނާއި ނަރުދަމާ ޤާއިމުކޮށްދޭ އަމިއްލަ ފަރާތްތަކަށް ދައުލަތުގެ ފަރާތުން ޚާއްޞަ ޢިނާޔަތްތަކެއް ދެއްވަން މިހާރު އޮތީ ހަމަޖެހިފައި. އެހެންވީމާ، އެކިއެކި ކުންފުނިތަކުން، އިޖްތިމާޢީ މަސްއޫލިއްޔަތުގެ ދަށުން ކޮށްދޭ މިބާވަތުގެ ބޮޑެތި ކަންކަމުގެ ބަދަލުގައި ސަރުކާރުން އެކުންފުނިތަކަށް އެހީވެވަޑައިގެން ދެއްވާ ގޮތަށް ހަމަޖެހިފައި މިއޮތީ. އެހެންވީމާ، އެޕްރޮގްރާމްގެ ދަށުން އަޅުގަނޑުމެންނަށް އުންމީދު ކުރެވެނީ ދާދި އަވަހަކަށް ހިތާދޫގައިވެސް ބޯފެނާއި ނަރުދާމާގެ މަސައްކަތް ފެށިގެންދާނެ ކަމަށް.

އާދެ! ހަމައެއާއެކީގައި އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، މިރަށުގެ ސްކޫލްގެ މަސައްކަތްވެސް މިއަހަރު އިތުރަށް ކުރެވިގެންދާނެ. އެގޮތުން، ސްކޫލްގައި އިތުރު ކްލާސްރޫމް ޢިމާރާތް ކުރަން ވަނީ ހަމަޖެހިފައި. އަދި ކައިރި މުސްތަޤްބަލެއްގައި އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް، މިރަށުގެ ސްކޫލަކީވެސް، އެއްދަންފަޅިއަށް ކިޔެވޭ ސްކޫލެއް ކަމުގައި ވެގެންދާނެކަމަށް އަޅުގަނޑު އުންމީދު ކުރަނީ. އަދި އޭގެ ސަބަބުން، މިހާރުވެސް ރަނގަޅު ނަތީޖާތަކެއް ދައްކަމުންގެންދާ މިރަށުގެ ސްކޫލް އަދި މިއަށްވުރެވެސް ފުރިހަމަ ނަތީޖާތަކެއް ދައްކަމުން ގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަނީ.

އާދެ! އަޅުގަނޑު ނިންމާލަމުން، ހިދާ ޖަމްޢިއްޔާގެ ފަރާތުން އިސްނަންގަވައިގެން މިވަރުގެ ބޮޑުކަމެއް މިރަށުގައި ކުރެއްވީތީ، އަޅުގަނޑު ތިޔަފަރާތަށް އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން. އަޅުގަނޑަށް ފުރަތަމަ ޢަބްދުއް ރަޝީދުގެ ސިޓީފުޅު ލިބުނީމާ، އަޅުގަނޑު ކުޑަކޮށް ހައިރާނެވެގެން ދިޔައީ. ކިހިނެއްތޯ ކުއްލިއަކަށް އަޅުގަނޑަށް މިދަޢުވަތު ލިބޭ ގޮތެއް މިވީ. އަޅުގަނޑަށް އަދިވެސް މުޅިއަކުން ސާފެއްނުވޭ، ކީއްވެގެންކަމެއް އަޅުގަނޑަށް ލިބުނީކީ. އެހެންނަމަވެސް، އެއީ ބަލާކަށް ބޭނުން ކަމެއްނޫން. އެއީ، އަޅުގަނޑު ވަރަށް ބޮޑަށް އެކަމާ އުފާކުރި ކަމެއް. އަދި ކަން ދިމާވި ގޮތުން ފުރަތަމަ ދަޢުވަތު ދެއްވިއިރު، އަޅުގަނޑަށް ހުންނަން ޖެހުނީ ރާއްޖެއިން ބޭރުގައި. އެހެންވީމާ އެހެން ތާރީޚަކަށް ހަމަޖައްސަން މިޖެހުނީ. ވީމާ، ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި. ރަށުގެ ރައްޔިތުން އަޅުގަނޑަށާއި އަޅުގަނޑު އަންހެނުން، އިލްހާމަށް ތިޔަ ދެއްވި ހޫނު ތަރުޙީބަށްޓަކައިވެސް އަޅުގަނޑު ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، އަނެއްކާވެސް މާލަހެއްނުވެ މިރަށަށް އައުމުގެ ފުރުސަތު ދެއްވުމަށް އެދި، އަޅުގަނޑު، اللّـه سبحـانـه وتعـالىއަށް ދުޢާ ދަންނަވަން. އަޅުގަނޑު ހީކުރަން، އަޅުގަނޑަކީ ތިޔަބޭފުޅުންގެ ރަޙްމަތްތެރިއަކަށް ގަބޫލުފުޅު ކުރައްވާނެ ކަމަށް.

އާދެ! އަދިވެސް އެއްފަހަރު އަޅުގަނޑު އެދެނީ މިރަށަށް، މިރަށުގެ ތަރައްޤީއަށް، މިރަށުގެ ހުރިހާ ރައްޔިތުންނަސް ކުރިއެރުން، ތިޔަހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު، اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه