ރާއްޖެއަކީ، ޒަމާނުއްސުރެވެސް ޢާއިލާގެ ތެރޭގަޔާއި ޖަމާޢަތުގެ ތެރޭގައި އަންހެނުން ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ޤައުމެއް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫގެ ހިދާ ޖަމްޢިއްޔާއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ހިތާދޫ އަންހެނުންނަށް އަމާޒުކޮށް ހިންގުނު އަންހެނުންގެ ކޮމިޓީއަށް އަންހެނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ހިތާދު ސްކޫލުގައި ރޭ ބޭއްވުނު ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވިގޮތުގައި، އެކި ފަހަރުމަތިން އަންހެން ބޭފުޅުންވަނީ ރާއްޖޭގެ ވެރިކަން ކުރައްވާފައެވެ. އަދި ހުރިހާ ދައުރެއްގައިވެސް ޤައުމުގެ ވަރަށް މުހިންމު މަގާމުތަކެއް އަންހެން ބޭފުޅުންވަނީ ފުރުއްވާފައެވެ. ހަމައެއާއެކު ވަރަށް ކުރިއްސުރެ ޤާނޫނު ހަދާ މަޖިލީހުގައިވެސް އަންހެން ބޭފުޅުންވަނީ ތަމްސީލު ކުރައްވާފައެވެ. އެހެންކަމުން، އަންހެން ބޭފުޅުންނަކީ، ރާއްޖޭގެ ތަރައްޤީގަޔާއި ރާއްޖެ ކުރިއެރުވުމަށް މަސައްކަތް ކުރުމަށްޓަކައި ވަރަށް މުހިންމު ވާޖިބުތަކެއް އަދި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ދެންވެސް ލިބޭ ކޮންމެ ފުރުޞަތެއްގައި އަންހެން ބޭފުޅުން ޤައުމަށް މުހިންމު ޚިދްމަތްތަކެއް ކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކޮންމެ ރަށެއްގެވެސް އަންހެނުން ކުރިއަރުވާ ކޮމިޓީތަކުން ކޮށްދީފައިވާ ޚިދްމަތްތަކަކީ، ރާއްޖޭގެ ތާރީޚު ލިޔާ ހުރިހާ ފަރާތްތަކުން ފާހަގަކުރާނޭ ޚިދްމަތްތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި އަންހެނުންގެ ކޮމިޓީއަށް އަންހެނުން ތަމްރީނު ކުރުމަށްޓަކައި މިފަދަ ތަމްރީނު ކޯސްތަކެއް ޔޫ.އެން.ޑީ.ޕީ.އާއި އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ރާއްވަވައިގެން ހިންގަވާތީ އެފަރާތްތަކަށް ނައިބު ރައީސް ތަހުނިޔާ ވިދާޅުވިއެވެ. ކޮމިޓިތައް އުފެދިގެންދާއިރު މިފަދަ ތަމްރީނު ޕްރޮގްރާމެއްގެ ސަބަބުން، ކޮމިޓީތަކުން ކުރަންޖެހޭ މަސައްކަތްތައް އެކޮމިޓީތަކަށް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށާއި، މި ތަމްރީނުގެ ސަބަބުން ހިތާދޫ އަންހެނުންގެ ކޮމިޓީއަކީ ލާމަސީލު ކޮމިޓީއަކަށްވާނޭ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އަންހެނުންގެ ކޮމިޓީއަކީ، ހަމައެކަނި އަންހެނުންގެ ތަރައްޤީއަށްޓަކައި މަސައްކަތްކުރާ ބައެއް ނޫން ކަމާއި، އެއީ، މުޅި ރަށުގެ އަދި މުޅި ޖަމާޢަތުގެ ތަރައްޤީއަށްޓަކައި މަސައްކަތްކުރާ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި އަންހެނުންގެ ކޮމިޓީ އުފެދުމާއެކު، ރަށްކުރިއެރުވުމަށްޓަކައި ރަށު ފެންވަރުގައި އަންހެނުންގެ ޙަރަކާތްތައް އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ހިތާދުއަށް މި ކުރެއްވި ދަތުރުފުޅުގައި، ހިތާދޫ ރަށު ކައުންސިލާ ބައްދަކުރެއްވިއެވެ. އަދި ހިދާ ޖަމްޢިއްޔާގެ އިސްބޭފުޅުންނާވެސް ނައިބު ރައީސް ބައްދަލުކުރެއްވިއެވެ. މީގެއިތުރުން ހިތާދޫ ގިރާ ސަރަޙައްދު އެމަނިކުފާނު ބައްލަވާލެއްވިއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ނައިބު ރައީސް މިއަދު ހެނދުނުވަނީ މާލެ ވަޑައިގެންފައެވެ.