ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮޅުމަޑުލު ގާދިއްފުށްޓަށާއި ތިމަރަފުށްޓަށް ޒިޔާރަތް ކުރައްވައިފިއެވެ. ގާދިއްފުށްޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ އިއްޔެ ހަވީރުއެވެ. ގާދިއްފުށްޓަށް ކުރެއްވި ޒިޔާރަތުގައި، ރަށު ކައުންސިލާ އެމަނިކުފާނު ރޭ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭގޮތުން މަޢްލޫމާތު އޮޅުންފިލުއްވިއެވެ. އަދި ގާދިއްފުށީ ޞިއްޙީ މަރުކަޒަށް މިއަދު ޒިޔާރަތް ކުރައްވައި، މަރުކަޒުގެ ކަންތައްތައް ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ގާދިއްފުށިން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ، ތިމަރަފުށްޓަށެވެ. ތިމަރަފުށްޓަށް މިއަދު ވަޑައިގެން ތިމަރަފުށީ ރަށު ކައުންސިލާ އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކުގެ މަޢްލޫމާތު ރައީސުލްޖުމްހޫރިއްޔާ ހޯއްދެވިއެވެ. އަދި ތިމަރަފުށީގައި ޢިމާރާތް ކުރެވިފައިވާ މިސްކިތް "މަސްޖިދު ޙަސަން ހާޖީ" މިއަދު މެންދުރުނަމާދު ވަގުތު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވިއެވެ. މީގެއިތުރުން، ތިމަރަފުށީ ޞިއްޙީ މަރުކަޒަށާއި، ތިމަރަފުށީ ސްކޫލަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވިއެވެ.