بســم اللّـه الرّحمـن الرّحيــم
السّـلام عليـكم
މިއަދަކީ 6 ޖެނުއަރީ 2012 ވީ ހުކުރު ދުވަސް. މިއީ ރޭޑިޔޯގެ ޒަރީޢާއިން ތިޔަބޭފުޅުންނާ މުޚާޠަބުކޮށްލަން މިއަހަރު އަޅުގަނޑަށް ލިބޭ ފުރަތަމަ ފުރްޞަތު ކަމަށްވާތީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އާ އަހަރުގެ ތަހުނިޔާ، މިއަދުވެސް އަޅުގަނޑު ތަކުރާރުކޮށްލަން.
އަންނަ އާދީއްތަ ދުވަހަކީ، މިއަހަރުގެ ދިރާސީ އާ އަހަރު ފެށޭ ދުވަސް. އެހެންކަމުން، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި މުދައްރިސުންނަށް، މައިންބަފައިންނާއި ބެލެނިވެރިންނާއި، ތަޢްލީމީ ދާއިރާގެ އެންމެހާ ހިންގުންތެރިންނަށް އަޅުގަނޑު ތަހުނިޔާ ދަންނަވަން. ކިތަންމެ އަވަދިނެތި އުޅުއްވި ކަމުގައިވިޔަސް، ވަކިން ޚާއްޞަކޮށް، އެދުވަހު ދަރިފުޅު ސްކޫލަށްދާއިރު، މަންމަވެސް، ބައްޕަވެސް، ނޫނީ ބެލެނިވެރިޔާ، ކުއްޖާއާއެކު ދިޔުން އެއީ، އަޅުގަނޑުގެ ނަޒަރުގައި ހަމަ މުހިންމު ކަމެއް. ތަޢްލީމީ އަހަރު ފަށައިގަތުމުގައި ފާހަގަކުރެވޭ ވަކި ޚާއްޞަ ކަމެއް ދަރިވަރަށް ހަދިޔާ ކުރުމުގެ ބޭނުންތެރިކަން ބޮޑުވާނެ. ނަޞޭޙަތާއި، ލޯތްބާއި، އޯގާތެރިކަމުން ދަރިފުޅުގެ ހިތް އުފަލުން ބަންޑުންކޮށްލާ ދުވަހަކަށް އެދުވަސް ހެދުން އަޅުގަނޑުގެ ނަޒަރުގައި ވަރަށް މުހިންމު. ޙަޤީޤަތުގައި އަޅުގަނޑުމެން އެންމެންނަކީވެސް ދަރިންދެކެ އިންތިހާއަށް ލޯބިވާ ބައެއް.
ދިރާސީ އަހަރު ފެށޭއިރު، ޖުމްލަ 121 ސްކޫލެއް މިވަނީ އެއްދަންފަޅިއަށް ބަދަލުކުރެވިފައި. އަދި އިރާދަކުރެއްވިއްޔާ، އަހަރުގެ މެދުތެރެއިން ފެށިގެން، އަލަށް ޢިމާރާތް ކުރަމުންމިދާ ކްލާސްރޫމްތައް ނިމެމުންދިޔަވަރަކަށް، އިތުރު ސްކޫލްތައްވެސް ދާނީ އެއްދަންފަޅިއަށް ބަދަލުވަމުން. ބޭނުންވާ ހުރިހާ ޓީޗަރުން ހަމަވެފައިވާއިރު، ގްރޭޑް 6ގެ ސޯޝަލް ސްޓަޑީޒް ޓެކްސްޓް ފޮތް ފިޔަވައި އެހެން ހުރިހާ ޓެކްސްޓް ފޮތްތައްވަނީ ހަމަކުރެވިފައި. މިދެންނެވި ގްރޭޑް 6ގެ ފޮތްވެސް މި ޖެނުއަރީ ފަހުކޮޅުގައި ފޯރުކޮށްދެވޭނެ ކަމުގެ ޔަޤީންކަން، އެޑިޔުކޭޝަން މިނިސްޓަރ އަޅުގަނޑަށް ވަނީ ދެއްވާފައި.
އަލަށް އެކުލަވައިލެވޭ ދިވެހިރާއްޖޭގެ ދިރާސީ މަންހަޖު، މާލެއާއި، އައްޑޫސިޓީއާއި، ކުޅުދުއްފުށި ހިމެނޭގޮތުން މުޅި ރާއްޖޭގެ 6 ސްކޫލަކަށް މިއަހަރު ތަޢާރުފް ކުރެވޭނެ. އަދި އިރާދަކުރެއްވިއްޔާ، މި މަންހަޖު މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަންނަ އަހަރު ފެށޭނެ. އެގޮތުން، މި މަންހަޖަށް ރާއްޖޭގެ ހުރިހާ ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް، މި ފެށުނު 2012 އިން ފެށިގެން ކުރިއަށްދާނެ. ހަމައެހެންމެ، އަދަބިއްޔާތުގެ ރޮނގުންނާއި، ވިޔަވެނިވުން އުނގަންނައިދިނުމުގެ ޚާއްޞަ ޕްރޮގްރާމްތަކަށް ސަރުކާރުން މިހާރުދަނީ ތައްޔާރުވަމުން.
ސްކޫލްތަކާ ގުޅޭގޮތުން އަޅުގަނޑު ކޮންމެހެންވެސް ސާފުކޮށްލަން ބޭނުން އޮތް ޙަޤީޤަތެއް އެބައޮތް. އެއީ، މިދިޔަ އަހަރުގެ ތެރޭގައިވެސް ވަރަށްގިނަފަހަރަށް، ސްކޫލްތަކުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުންނަށް ނުރަނގަޅު ކިތަންމެ ޙާދިޘާތަކެއް ދިމާވެފައި އެބަހުރި. އެއީ، އެ ޓީޗަރުންނާ އެކިގޮތްގޮތުން ބެހުމާއި އަދި ބައެއްފަހަރަށް ވަރަށް ކަންބޮޑުވާ މިންވަރުގެ ޖިނާއީ މައްސަލަތައް ޓީޗަރުންނަށް ކުރިމަތިކޮށްފައި އަދި ޓީޗަރުންނާ ގުޅޭގޮތުން މާރާމާރީ ހިންގުމާއި އަދި ޖިންސީ ހާނިއްކަ ދިނުމާ، މިބާވަތުގެ ކަންތައްތައް ފާހަގަވެފައި އެބަހުރި. އަޅުގަނޑު ހަނދާންވޭ، މިދިޔަ އަހަރުގެ ތެރޭގައި، ހދ. ހިރިމަރަދޫ ސްކޫލްގެ ޕްރިންސިޕަލަށް ބެލެނިވެރިއަކު ދެއްވި ޙަމަލާއެއް. އަދި ހަމަ ހިންނަވަރުގެ ފިޒިކްސް ޓީޗަރަށް ދަރިވަރުން ކުރި ވަރަށް ނޭދެވޭ ޢަމަލެއް. އަދި ރ. އަތޮޅު މަދްރަސާގައި މަސައްކަތްކުރި ވޮލަންޓިއަރ ޓީޗަރެއް، އަންހެން ޓީޗަރަކަށް ޖިންސީ ގޮތުން އަނިޔާ ލިބިފައި އެބަހުރި. އިސްދޫ ކަޅައިދޫ ސްކޫލްގެ ޕްރިންސިޕަލް، އެރަށު ހޮޓަލެއްގައި ސައިބޯން އިންނަވަނިކޮށް، އޭނާއާވެސް ބައެއް ފަރާތްތަކުން ބެހިފައި އެބަހުރި. އަދި ހިތަދޫ ސްކޫލްގެ ދެޓީޗަރަކަށް މަގުމަތިން ޙާދިޘާ ދިމާވެފައި އެބަހުރި. ލ. މާވަށު ސްކޫލްގެ އަންހެން ޓީޗަރަކަށްވެސް ޙާދިޘާ ދިމާވެފައި އެބަހުރި. މުޙިއްބުއްދީން ސްކޫލްގެ ޓީޗަރަކަށް، ޢާންމުންގެ ބަޔަކު ބިރުދައްކާފައި އެބަވޭ. އަދި ފޭދޫ ސްކޫލްގެ ޓީޗަރުންނަށްވެސް، ޢާންމުންގެ ބަޔަކު ބިރުދައްކާފައި އެބަވޭ.
މިދަންނަވާ ބާވަތުގެ ކަންކަމަކީ، އަޅުގަނޑު ހިތުން ރާއްޖެއަށް އަންނަ ވަރަށްގިނަ ޓީޗަރުން، ރާއްޖޭގައި މަސައްކަތްކޮށް އަދި އަޅުގަނޑުމެންގެ ދަރިންނަށް ތަޢްލީމު ދިނުމުގައި، ހީވާގިކަމާއެކީ ކުރާ މަސައްކަތަށް ހީނަރުކަން އަންނާނެ ބާވަތުގެ ކަންކަން. އަޅުގަނޑު މިއަހަރު ޔަޤީން ކުރަނީ، މިއަހަރުގެ ތެރޭގައި މިބާވަތުގެ ކަންކަންވެސް، އަޅުގަނޑުމެންގެ ތެރޭގައި މަދުވެގެންދާނެ ކަމަށް. އަދި ޓީޗަރުންނަށް އަޅުގަނޑުމެން ދޭންޖެހޭ ޤަދަރާއި ޢިއްޒަތާއި އިޙްތިރާމް، ހުރިހާ ޓީޗަރުންނަށްވެސް، ބިދޭސީ ޓީޗަރުންނަށްވެސް އަދި ދިވެހި ޓީޗަރުންނަށްވެސް އަޅުގަނޑުމެން ދޭންޖެހޭނެ. ޓީޗަރުންގެ މަސައްކަތަކީ ވަރަށްބުރަ މަސައްކަތެއް. އެ ޓީޗަރުންނަކީ އަޅުގަނޑުމެންގެ ދަރިންގެ ޙަޤީޤަތުގައި ދެވަނަ ބެލެނިވެރިން. އަޅުގަނޑު ޔަޤީން ކުރަނީ، މި އާ ތަޢްލީމީ އަހަރު، އަޅުގަނޑުމެންނަށް އިތުރު ކާމިޔާބުތައް ފަހިވެގެންދާނެ ކަމަށް.
އިރާދަކުރެއްވިއްޔާ، މި އާ އަހަރު ފެށިގެން މިދިޔައީ، ދިވެހިންނަށް ވަރަށް އުންމީދީ ބާއްޖަވެރި އަހަރެއްގެ ގޮތުގައި. ޢާންމު ދިރިއުޅުމުގެ އަސާސީ ބާވަތްތަކުން މިއޮއްހާ ޒަމާނު، ސަރުކާރުން ނެގި ޑިއުޓީ ނެގުން ހުއްޓާލުމާއި، [އާސަންދަ]އިގެ ނަމުގައި ހަގަސް، ދޮށްޓަސް، ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެ ނިޒާމް، އިރާދަކުރެއްވިއްޔާ މިވަނީ ފަށައިގަނެވިފައި. ބޭސް ސިޓީއަށް ސަލާންޖެހުމުން އަރައިގަނެވިފައިވާ ރައްޔިތަކަށް، ދިވެހިންވުމުން، ދެން ލިބޭ ނުހަނު ގިނަ އެހެނިހެން ފައިދާތައް އެބަވޭ. އަނބިންނާއި ފިރިން އަދި ދަރިންނާއި މައިންބަފައިންގެ ބޭސްފަރުވާގެ ހާސްކަން ފިލައިދިޔުމަކީ، ހިތާއި ނަފްސަށް ފިނިކަން ލިބި އަދި ހަމަ ޔަޤީނުންވެސް އެންމެންގެވެސް ޖީބަށް ލިބޭ ވަރަށްބޮޑު ލުޔެއް. ތިމާގެ އާމްދަނީ، ތިމާގެ ޖީބުގައި ހިފެހެއްޓި، އެ އާމްދަނީ އިތުރުވެގެން ދިޔުމަކީ، އެކަމުގެ ހެޔޮ އަސަރު، ޢާއިލާއާއި އަދި ވަށައިގެންވާ މާޙައުލުން ފެނިގެންދާނެކަމެއް.
ކުރިންނުވެ ހުރި އެތައް ކަމެއް ކުރެވި، ޙަޔާތުގެ އާބާތުރަ ފިލުވުމަށް، މި ނިޒާމް އެހީތެރިވާނެ. މުއްދަތު ހަމަނުވާ އައި.ޑީ. ކާޑެއް އޮތްނަމަ، އިތުރު ތަކުލީފަކާނުލާ އޭނާއަށް ބޭސްފަރުވާ ލިބިދިނުމަކީ، މި ނިޒާމް ފުރިހަމަ ކުރެވިފައި އޮތްގޮތް. މި ނިޒާމް ފަރުމާ ކުރެވިފައި އޮތްގޮތް. ރާއްޖެއިން ފަރުވާ ލިބެން ނެތްނަމަ، ރާއްޖެއިން ބޭރުން ފަރުވާ ލިބޭނޭގޮތްވެސް، މުޅިން އަލަށް މިފެށި ނިޒާމްގެ ތެރޭގައި އެބަވޭ. ދިގު މުއްދަތަށް ފަރުވާ ހޯދަންޖެހޭ ބަލިމީހުންނާއި، ކިޑްނީ ފެއިލްވެގެން ޑަޔަލަސިސް ހަދަންޖެހޭ މީހުންނާއި އަދި ކެންސަރަށް ފަރުވާކުރަންޖެހޭ ފަރާތްތަކަށްވެސް ވަކި އިންތިޒާމްތަކެއް މިހާރު މިވަނީ ކުރެވިފައި.
މި ޖެނުއަރީގައި [އާސަންދަ]އިގެ ޚިދްމަތް ފަށައިގެންއިރުވެސް، ހަމައެކަނި ސަރުކާރުގެ ހެލްތް ކޯޕަރޭޝަންތަކުން ހިންގާ ހޮސްޕިޓާތަކާއި، ޞިއްޙީ މަރްކަޒުގެ ތެރެއިން ޖުމްލަ 160 ތަނަކުން މި ނިޒާމްގެ ޚިދްމަތް ލިބޭނެ. ހަމައެހެންމެ، ލޮލުގެ ތަފާތު ފަރުވާއާއި، އައިނުގެ ޚިދްމަތްދޭ 16 އޮޕްޓިކަލްސް އާއި، ޑޮކްޓްރީ ބޭސްދޫކުރާ ގިނަ ޢަދަދެއްގެ ފާމަސީތައް، މި ނިޒާމްގައި ބައިވެރިވެފައިވޭ. ހަމައެއާއެކު، ސަރުކާރުން ގަބޫލުކުރާ ފެންވަރަށް ޚިދްމަތްދޭ ވަރަށްގިނަ މަރްކަޒުތަކާއެކު، އެއްބަސްވުންތައް މިހާރު އެދަނީ ހެދެމުން.
[އާސަންދަ] އިޢްލާނު ކުރުމުގެ ކުރިން، ހުސްވި ޑިސެމްބަރުމަހުގެ 1 ން އެމަހުގެ 22އާ ހަމައަށް އެވްރެޖްކޮށް ދުވާލަކަށް ނިންމަނީ 425 އައި.ޑީ ކާޑު. އެހެން ނަމަވެސް، ޑިސެމްބަރ 23 ން މަހުގެ ނިޔަލަށް އެވްރެޖްކޮށް 741 ކާޑު ނިންމަންޖެހުނު. އަދި އިއްޔެ ސަރުކާރު ބަންދުވީއިރު، މި ޖެނުއަރީމަހު ނިންމަންޖެހުނު އައި.ޑީ. ކާޑު ދުވާލަކު އެވްރެޖް 798 އަށް މިވަނީ މަތިވެފައި. ފަރުވާ ލިބިގަންނަން ހޮސްޕިޓަލަށްދިޔަ މީހުންނަށް ބަލާއިރު، ޑިސެމްބަރުމަހު ދުވާލަކު އައި.ޖީ.އެމް.އެޗަށް ދެއްކި ޢަދަދަށްވުރެ، މި ޖެނުއަރީމަހު ދުވާލަކު އައި.ޖީ.އެމް.އެޗަށް ދައްކާ ޢަދަދު ދަށްވެ، ކުރިއަށްވުރެ އޭ.ޑީ.ކޭ އަށް ދައްކާ މީހުން މިވަނީ މިހާރު މަތިވެފައި. [އާސަންދަ]އިގެ ކުރިން ޑިސެމްބަރުމަހު އޭ.ޑީ.ކޭ އަށް ދުވާލަކަށް ދެއްކީ 867 މީހުން. ނަމަވެސް، [އާސަންދަ]އިގެ ޚިދްމަތް ޢާންމުކޮށްލުމުން، މި ޖެނުއަރީމަހު އޭ.ޑީ.ކޭ އަށް ދެއްކި މީހުން މިވަނީ ދުވާލަކަށް 1118 އަށް މައްޗަށް ގޮސްފައި.
ޞިއްޙީ ޚިދްމަތްދޭ ފަރާތްތަކަށް އަޅުގަނޑު މިއަދު ކުރަން ބޭނުންވާ އިލްތިމާސެއް އެބަވޭ. އެއީ ތިޔަބޭފުޅުންގެ ބިލްތަކަށް ފައިސާ ލިބޭނޭ ނިޒާމް ސަރުކާރުން ހިންގާން ފެށުމުން، ފެންވަރު ރަނގަޅު އަދި ބަލިމީހުންނަށް އޯގާތެރި ޚިދްމަތެއް، ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް އަވަސްވެލައްވާށޭ. ރާއްޖޭގެ އިޤްތިޞާދީ ނިޒާމް، މުޅިން އެހެން މިޞްރާބެއްގައި، ޒަމާނާ އެއްގޮތަށް ބައްޓަން ކުރުމުގެ ހެޔޮ ނަތީޖާ އިރާދަކުރެއްވިއްޔާ، މިއަހަރު އެތައް ރޮނގަކުން ދަނީ ފެންނަމުން. މިނިޒާމްގެ ތެރެއިން އަލަށް ތަޢާރުފް ކުރެވިފައިވާ ޕްރޮގްރާމް ބަޖެޓް މިވަނީ ހިންގާން ފެށިފައި. މިމަގަށް ވިސްނުން އަނބުރާލުމުން، މިފާއިތުވި 3 އަހަރުތެރޭ ބަޖެޓް ދަރަނި މިވަނީ ވަރަށްބޮޑުތަނުން ދަށްކުރެވިފައި. މިއަދު ބަޖެޓް ޑެފިސިޓް 7 ޕަސެންޓަށް ދަށްކުރެވިފައިވާއިރު، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން މަޝްވަރާ، ދިވެހި ސަރުކާރަށް ދެމުން ގެންދާތާ ކިތަންމެ އަހަރެއްވެއްޖެ. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެންނަށް މިވަނީ އެ އަމާޒު ޙާޞިލްވެފައި.
2012 އިން ފެށިގެން ހިނގާދިޔަ ފުރަތަމަ 5 ދުވަހުގެ ކަސްޓަމްސް ތަފާސް ހިސާބުތަކުން ދައްކަނީ އަދި މާ އުފާވެރި މަންޒަރެއް. ހަފްތާ ބަންދަށް އިއްޔެ ސަރުކާރު ބަންދުވިއިރު، ފާއިތުވި 5 ދުވަހުގެ ތެރޭގައި ކުރެވުނު ޟަރޫރީ މުދަލާއި، އެމުދަލުގެ ޑިއުޓީ ކުޑަކުރެވިފައިވުމުން، މިއަހަރުގެ ތަކެތީގެ އަގުތައް ދަށްވެގެންދާނެކަން މިވަނީ ކަށަވަރުވެފައި. މިގޮތުން، މިއަހަރު މިހާތަނަށް ވިޔަފާރިވެރިން އެތެރެކުރި ޑިއުޓީ ފްރީ 24 އައިޓަމެއް ފާހަގަކުރެވޭ. އެއީ ޑީސަލާއި، ޕެޓްރޯލާއި، ކާޑުގެ ބާވަތްތަކާއި، ތަފާތު ވައްތަރުގެ ތަރުކާރީއާއި، މޭވާއާއި، ކުކުޅު ބިހާއި، ކިރުގެ ބާވަތްތަކުން ޑިއުޓީ ނަގާފައެއްނުވޭ. މިދެންނެވި ތަކެތި ރާއްޖެ އެތެރެކުރީ، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިނަމަ، އޭގެ ޑިއުޓީގެ ގޮތުގައި ސަރުކާރަށް ވިޔަފާރިވެރިން ދައްކަންޖެހޭނެ، ޖުމްލަ އަގު ސާދަ މިލިއަން ތިންލައްކަ ފަސްދޮޅަސް ހަތަރުހާސް ހަސަތޭކަ ނަވާރަ ރުފިޔާ ހަތްދިހަ ނުވަލާރިއަށް އަރާ. ނަމަވެސް، މިއަހަރު މިވަނީ އެތަކެތީގެ ޑިއުޓީ ފްރީވެފައި. އަދި އެއާއެކު ރުފިޔާއަކުން 6 ލާރި ނަގާ ޖީ.އެސް.ޓީ.ވެސް މިބާވަތްތައް ވިއްކާއިރު، ނަގަމުން ނުދާތީ، މުދަލާއި ޚިދްމަތުގެ އަގު، އަތްފޯރާ އަގަށް ގެނައުމުގެ ވަޢުދު، ވަށާޖެހެމުންމިދާ އިޤްތިޞާދީ ޒަމާނީ ނިޒާމުގެ ތެރެއިން އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ކަށަވަރުކޮށްދެވޭނެ ކަމުގެ ޔަޤީންކަން ސަރުކާރަށްވަނީ ލިބިފައި.
އިރާދަކުރެއްވިއްޔާ، ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ ވަޢުދުވެސް، ބޭސް ސިޓީއަށް ސަލާންޖެހުމުގެ ވަޢުދުވެސް، ތަކެތީގެ އަގު އަތްފޯރާފަށަށް ގެނައުމުގެ ވަޢުދުވެސް، ޑްރަގަށް، ބާރުގަދަ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމުގެ ވަޢުދުވެސް އަދި ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ވަޢުދުވެސް، މި ސަރުކާރު، މި ރާއްޖޭގެ ރައްޔިތުންނަށް ފުއްދައިދޭނެ.
އަޅުގަނޑު އެދެނީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
والحمد للّـه. والسّـلام عليـكم.